ކުރީގެ ފަސް ރުފިޔާގެ ނޫޓަކީ، ޖެނުއަރީ 1 ވާ ހޯމަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ކަނޑައަޅުއްވާފައިވާތީ، މިއަދަކީ އެ ނޫޓު ބޭނުންކުރެވޭނެ ފަހު ދުވަހެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، ކުރީގެ ފަސް ރުފިޔާގެ ނޫޓުތައް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭނެ އެންމެ ފަހު ތާރީޚަކީ 31 ޑިސެންބަރު 2017 އެވެ.
މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، 2021 ވަނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށް އެ އޮތޯރިޓީއަށް ހުށަހަޅާ ފަސް ރުފިޔާގެ ނޫޓުތަކަށް ބަދަލު ދެވޭނެއެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ނެރުނު "ރަންދިހަ ފަހެއް" ނޫޓު ސީރީޒްގެ ދަށުން، އާ ފަސް ރުފިޔާގެ ނޫޓެއް ނެރުނީ މިއަހަރުގެ މެއި 10 ވަނަ ދުވަހު އެވެ. އަދި އެ ނޫޓު ބޭނުންކުރަން ފެށީ އޯގަސްޓް 10 ވަނަ ދުވަހު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވާ ގޮތަށް، މިރޭ 00:00 ގައި، 2018 ވަނަ އަހަރު ފެށުމާއެކު ކުރީގެ ފަސް ރުފިޔާގެ ނޫޓު ބޭނުމެއް ނުކުރެވޭނެ އެވެ.