އިސްލާމްދީން ނޫން އެހެން ދީންތަކަށް މަގުފަހިވާ ވާހަކަތައް މުޖުތަމައުގައި ނުފެތުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީން ނޫން ދީނެއް މާތްﷲ އިންސާނުންނަށްޓަކައި ނުލައްވާ ކަމަށާއި އިސްލާމްދީން ނޫން އެހެން ދީނެއް، ދީނެއްގެ ގޮތުގައި މާތްﷲ ޤަބޫލުނުކުރައްވާ ކަމަށެވެ.
އިސްލާމްދީން ނޫން އެހެން ދީނެއް ޤަބޫލުކުރާ ފަރާތްތައް ޤިޔާމަތް ދުވަހުން ވާހުށީ ހަލާކުވެ ގެއްލެނިވެފައިވާ މީހުންގެ ތެރެއިންކަން މާތްﷲ އަންގަވާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެންމެހާ ދިވެހި ރައްޔިތުން އިސްލާމްދީނުގައި ފައިތަލަ ސާބިތުކޮށްގެން ތިބުމަށް ވަނީ ހަނދާންކޮށްދީފައެވެ.
މި ބަޔާނުގައި އިތުރަށް ވަނީ އިސްލާމްދީން ނޫން ދީންތަކަށް ޖާގަ ހޯދުމަށް މަގުފަހިވާ ފަދަ ބޭކާރު ވާހަކަތައް މުޖުތަމައުގެ ތެރެއަށް ނުފެތުރުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދީ، އިލްތިމާސްކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވަނީ ކޮން ސަބަބަކާއި ހުރެކަމެއް ބަޔާނުގައި ބަޔާންކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް އިސްލާމްދީން އާއި ބެހޭގޮތުން ކުރެއްވި ޓްވީޓެއްގެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ.
ފުލުހުން ބަލަމުންދަނީ "މި ދުނިޔޭގައި އިސްލާމް ދީން ނޫން ދީންތަކަށް އުޅުމުގެ ފުރުސަތު ދެއްވީ މާތް ﷲ" ކަމަށާއި، "ނޫން ނަމަ އެހެން ދީންތަކެއް ނޯންނާނެ ނޫންތޯ" ވިދާޅުވެ ޝަހިންދާ ކުރެއްވި ޓްވީޓަކާ ގުޅޭ މައްސަލައެކެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެއީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ތާއިދުކޮށް ޝަހިންދާ ވިދާޅުވި އެއްޗެއް ކަމަށް ބުނެ ބައެއް މީހުން ޝަހިންދާއަށް ރައްދު ދީފައިވެއެވެ. އަދި ބައެއް މީޑިއާތަކުން އެފަދަ ގޮތަކަށް ޚަބަރު ގެނެސްދީފައިވާތީ ޝަހިންދާ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި އެއީ ނަފްރަތު އުފެއްދުން ކަމަށް ޝަހިންދާ ވަނީ ސިފަކުރައްވާފައެވެ.