ށ. އަތޮޅުގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ގާކޮށިބީގައި ހިންގި މާރާމާރީއެއް ފުލުހުން ބުދަ ދުވަހު ތަހްގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާކޮށިބީގައި ހިންގި މާރާމާރި އެއްވެސް ފަރާތަކުން ރިޕޯޓުކޮށްފައި ނުވި ނަމަވެސް ފުލުހުންނަށް އެކަމުގެ މައުލޫމާތު މިއަދު ހަވީރު 5.45 ހާއިރު ލިބުމުން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި މިހާރު އެ މައްސަލަ ތަހްގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ގާކޮށިބީގައި ހިންގި މާރާމާރީގައި އަނިޔާވެފައިވަނީ ކިތައް މީހުންނަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ރާއްޖެއެމްވީއަށް ލިބުނު ވީޑިއޯގެ މަންޒަރުތައް ފެންނަ ގޮތުން މަސައްކަތް ކުރަމުންދިޔަ ދެ ގްރޫޕެއްގެ މެދުގައި ހަމަނުޖެހުން ހިނގައި، ދެ ފަރާތުންވެސް ވަނީ ލަކުޑިބުރިތައް ހިފައިންގޮސް ހަމަލާދީފައެވެ.
ގާކޮށިބީގައި ތަރައްގީ ކުރާ ރިސޯޓް ވަނީ ސިންގަޕޫރުގެ އެސްސީ ކެޕިޓަލް ގްރޫޕްގެ ހިއްސާވާ ޖީއެޗްބީ މޯލްޑިވްސް ރިސޯޓަށް ވިއްކާލާފައެވެ.