ފުލުހުންގެ މުއައްސަސާ އިން ހާއްސަ އިސްކަމެއްދީގެން މިއަންނަ އަހަރު މަސައްކަތްކުރާނެ ދާއިރާތައް ކަނޑައަޅައިފިއެވެ.
ފުލުހުންގެ މުއައްސަސާ އިން 2014 ވަނަ އަހަރުން 2018 ވަނަ އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއ އިން 2018 އަހަރު ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރާނެ ދާއިރާތައް ނުވަތަ އޮޕަރޭޝަނަލް ޕްރައޯރިޓީސް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ވަނީ ކަނޑައަޅުއްވައިފިއެވެ.
އެގޮތުން އިސްކަމެއް ދީގެން މަސައްކަތްކުރާނެ ހަތަރު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިތުބާރާއިއެކު ޚިދުމަތް ދިނުމާއި، 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމާއި މުޖުތަމައުގެ ޔަޤީންކަން ހޯދުމުގެ އިތުރުން މުއައްސަސާ ތަރައްޤީ ކުރުމެވެ.
ފުލުހުންގެ ހިދުމަތް ކޮރަޕްޓްވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން 2015 ވަނަ އަހަރު ވިދާޅުވެފައިވާއިރު، ފުލުހުންގެ ހިދުމަތް ސިޔާސީވެ ތަފާތުކުރުން ގެންގުޅޭތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ފުލުހުންގެ ހިދުމަތާމެދު މުޖުތަމައުގެ އިތުބާރާއި ޔަގީންކަން ހޯދުމުގެ އަމާޒު ކަނޑައަޅާފައިވާއިރު އެކަން ކުރާނެ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް، ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ހައްގުތައް ހަނިކޮށް، ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި ތަފާތު ތުހްމަތުތަކުގައި ސިޔާސީ ބޭފުޅުންގެ މައްޗަށް ގެންދަނީ ދައުވާ އުފުލަމުންނެވެ. އަދި ފަހަކަށް އައިސް ފުލުހުންގެ ބައެއް އިސް ވެރިން ވަކިކޮށް، ބައެއް ބޭފުޅުން މަގާމު ވެސް ވަނީ ދަށްކޮށްފަ އެވެ.