މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދަށް 23 ވަނަ އިސްލާހު ގެނެސްފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން ނެރެފައިވާ ޓެކްސް ރޫލިންގގައި އިސްލާހު ގެނެސްފައި ވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އެކުލަވާލެވުނު މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 46 ވަނަ މާއްދާއަށެވެ.
އެގޮތުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އެ ފަރާތެއްގެ ޓެކްސް ނެގޭ ހަރަކާތަކަށް ނިސްބަތްވާ ކެޕިޓަލް ހަރަދާ ގުޅޭ އިންޕުޓް ޓެކްސް އުނިކުރެވޭނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަމަށް ބަޔާންކޮށްފައިވެއެވެ. ކެޕިޓަލް ހަރަދު ނުވަތަ އެއް ބާވަތެއްގެ އެއްޗެއްހިތަކެއް ހޯދުމަށް އެއްފަހަރާ ކުރާ ކެޕިޓަލް ހަރަދުގެ ޖުމުލަ ފަސް ލައްކަ ރުފިޔާ ނުވަތަ އެ އަށް ވުރެ ކުޑަ ނަމަ، އައުޓްޕުޓް ޓެކުހުން އެހަރަދާ ގުޅޭ އިންޕުޓް ޓެކްސް އެއްފަހަރާ އުނިކުރެވޭނެ ކަމަށް މީރާ އިން ބުނެއެވެ. އެގޮތަށް އެެއްފަހަރާ އުނި ކުރެވޭނީ އެ ކެޕިޓަލް ހަރަދު ކުރި ޓެކްސް ނެގޭ މުއްދަތު ނިމުނު ތާރީހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައެވެ.
އެއް ކަމަކަށް ކުރާ ކެޕިޓަލް ހަރަދު ނުވަތަ އެއްބާވަތެއްގެ އެއްޗެހިތަކެއް ހޯދުމަށް އެއްފަހަރާ ކުރާ ކެޕިޓަލް ހަރަދުގެ ޖުމުލަ އަގު ފަސް ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނަމަ، އެ ހަރަދުކުރި ޓެކްސް ނެގޭ މުއްދަތުން ފެށިގެން ކުރިއަށް އޮތް 36 މަސް ދުވަހަށް އެއްވަރަކަށް ބަހައިލައިގެން އައުޓްޕުޓް ޓެކުހުން އެ ހަރަދަކާ ގުޅޭ އިންޕުޓް ޓެކްސް އުނިކުރެވިދާނެ ކަމަށް މީރާ އިން ބުނެއެވެ.
މީގެ އިތުރުން ކެޕިޓަލް ހަރަދަކާ ގުޅޭ އިންޕުޓް ޓެކްސް އުނިކުރެވޭނީ އެ ޓެކްސް ނެގޭ ހަރަކާތަކުން އައުޓްޕުޓް ޓެކުހެއް ލިބުމުން ކަމަށް މީރާ އިން ބުނެއެވެ. އައުޓްޕުޓް ޓެކްސް ލިބުނުކަމަށް ބަލާނީ، އެ ހަރަދު ކުރެވުނު ޓެކްސް ނެގޭ ހަރަކާތުގެ މައިގަނޑު ވިޔަފާރިން އައުޓްޕުޓް ޓެކުހެއް ލިބުމުން ކަމަށް މީރާއިން ބުނެއެވެ.
ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކެޕިޓަލް ހަރަދެއް ކުރަނީ ޖީއެސްޓީ ނެގުމުން އިސްތިސްނާވާ މުދަލާއި ހިދުމަތް ފޯރުވައިދިނުމަށާއި ޓެކްސް ނެގޭ މުދަލާއި ހިދުމަތް ފޯރުވައިދިނުމަށް ކަމަށް ވާނަމަ އެ ކެޕިޓަލް ހަރަދާ ގުޅޭ އިންޕުޓް ޓެހުކުގެ ތެރެއިން ޖީއެސްޓީ ނެގުމުން އިސްތިސްނާވާ މުދަލާއި ހިދުމަތް ފޯރުވައި ދިނުމަށް ލަފާކުރެވޭ އަދަދު، އެ މާއްދާގައިވާ ގޮތުގެ މަތިން އެފަރާތުގެ އައުޓްޕުޓް ޓެކުހުން އުނިކުރެވޭނެ ކަމަށް އަލަށް ގެނައި އިސްލާހުގައި ވެއެވެ.