ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރުމަށް ކޯޓުތަކުގެ ގާނޫނުގައި ބުނާ މުއްދަތު ފަހަނަ އަޅައި ދިޔަތާ ތިން މަހަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އަދިވެސް އެ ކޯޓަށް ފަނޑިޔާރުން އައްޔަންނުކުރެއެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހު ތަސްދީގުކުރައްވާފައި ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ. އެ އިސްލާހުގައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާ އާއި 35 ވަނަ މާއްދާގެ "ބ" އަށް އިސްލާހުތަކެއް ގެނެސްފައެވެ.
ގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުގައި އެ އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހެ އެވެ. އެހެން ނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށިތާ ސެޕްޓެމްބަރު 18 ވަނަ ދުވަހަށް ތިން މަސް ދުވަސް ފުރުނު އިރު ވެސް، ފަނޑިޔާރުން އައްޔަން ކޮށްފައެއް ނުވެއެވެ. ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔަތާ ވެސް މިހާރު ވަނީ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައެވެ.
ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުން ޖޭއެސްސީގެ އެޖެންޑާގައި ހިމަނާފައިވާއިރު، އެ ކޯޓަށް ފަނޑިޔާރުން އައްޔަން ނުކުރެވިގެން އުޅެނީ ޖޭއެސްސީގެ މެންބަރުންގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ކަމަށް މައުލޫމާތު ލިބެއެވެ.
ކުރިން ހައިކޯޓުގެ ބެންޗުގައި ނުވަ ފަނޑިޔާރުން ތިއްބަވާއިރު، ގާނޫނު އިސްލާހު ކޮށްފައި ވަނީ 11 ފަނޑިޔާރުން ތިއްބަވާ ގޮތަށެވެ. އިސްލާހު ގެނައި އިރު ވެސް، ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވާތީ 11 ފަނޑިޔާރުން ހަމަކުރުމަށް، އިތުރު ހަތަރު ފަނޑިޔާރުން ހައިކޯޓަށް އައްޔަން ކުރަން ޖެހެއެވެ.
ހައިކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްވި ފަރާތްތަކާ އިންޓަވިއުކޮށް ހުރިހާ ކަމެއް ވެސް ނިންމާފައިވާއިރު، މިހާރު އޮތީ ހަމައެކަނި އައްޔަންކުރާނެ ފަނޑިޔާރުން ކަނޑައެޅުމެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގައި މިހާރު ތިއްބެވީ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު ޝުޖާއު އުސްމާނާއި، ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.
މި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝުޖާއުއާއި، އަބްދުލްޣަނީގެ އިތުރުން ފަނޑިޔާރު ޝުއައިބު މަސައްކަތް ކުރައްވަނީ އައްޑޫ ސިޓީ ހުޅުދޫގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގައެވެ.