ރާއްޖެ ސަރަޙައްދުން އޮޔާދިޔަ ސްރީ ލަންކާގެ މަސްބޯޓު ހޯދައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ އޮޔާ ދިޔަ ލަންކާގެ މި މަސްބޯޓު ފެނިފައި ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ފާމުލަދޭރި" މި ބޯޓު ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ނ. މަނަދޫގެ އިރުން 12 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، މި ބޯޓު ފެނުނު އިރު ބޯޓުގައި ސްރީ ލަންކާގެ ހަ މީހުން ތިބި ކަމަށާއި، އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
މި ބޯޓުގައި ކާބޯތަކެއްޗާއި ފެން މަދުވުމާ އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މި ބޯޓާއި ބެހޭ އިދާރީ ކަންތައްތައް ހަމަޖެއްސުމުގައި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެމްއެންޑީއެފްއިން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.
އެމްއެންޑީއެފްއިން ބުނީ، ސްރީލަންކާގެ މަސްބޯޓެއް ހާލުގައި ޖެހި، ރާއްޖެ ސަރަޙައްދުން އޮޔާދާތީ އެ މަސްބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮލަމްބޯ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (ކޮލަމްބޯ އެމްއާރުސީސީ) އިން އެމްއެންޑީއެފް ކޯސްޓްގާޑުގައި އެދުނީ ހުކުރު ދުވަހުގެ ހަވީރު ކަމަށެވެ.
"ލަކްޕްރިޔާ 01" ނަމަކަށް ކިޔާ މި ބޯޓަކީ، މަސްވެރިކަމަށް ނުކުމެ އުޅުމުގެ ތެރޭގައި އިންޖީނު ހުއްޓުމާ ގުޅިގެން ހާލުގައި ޖެހުނު އުޅަނދެއް ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.