ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާ ފަދަ އަމަލެއް ހިންގަން އުޅޭކަމުގެ ބިރު އޮތްކަން ރައީސް ނަޝީދުގެ ފަރާތުން ހާމަކުރެއްވިއިރު، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަޙުމަދު ނަސީމް ދެއްކެވި ބައެއް ވާހަކަފުޅުތަކަށް، ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ރައްދު ދެއްވައިފިއެވެ.
ހުކުރު ދުވަހުގެރޭ ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތް އިރު، ގަދަބާރުން ނަމަވެސް ރައީސް ނަޝީދު އަނބުރާ ރާއްޖެއަށް ގެންނަވާނެ ކަމަށް ވިދާޅުވެ، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ދައްކަވާފައިވާ ފަދަ ވާހަކަފުޅުތަކަކީ، މިފަދަ ނޭއްގާނީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ކަމަށެވެ. އެހެންކަމުން އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އެފަދަ ވާހަކަތައް ނުދެއްކެވުމަށް ނަސީމް އިލްތިމާސްކުރެއްވިއެވެ.
ނަސީމް އިޝާރާތް ކުރެއްވީ، ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މުންދު ދެއްކެވި ވާހަކަފުޅަކަށެވެ. އެ ޕްރޮގްރާމްގައި މުންދު ވިދާޅުވީ، ރައީސް ނަޝީދު ހައްޔަރުކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކުން އެދިއްޖެ ނަމަ، އަމިއްލަފުޅަށް މަގުތަކަށް ނުކުމެވަޑައިގެން އެމަނިކުފާނު ހޯއްދަވައިގެން ނަމަވެސް އަނބުރާ ރާއްޖެ ގެންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގެ މުއައްސަސާއަކުން އެކަން ކުރަން (ނަޝީދު ހައްޔަރުކޮށްގެން ރާއްޖެއަށް ގެންނަން) އަންގައިފިއްޔާ އަޅުގަނޑު އެކަން ކުރާނަން. ކަމާ ބެހޭ މުއައްސަސާއަކުން ހަމަ ވިދާޅުވާންވީ މިވެނި މީހަކު އެއީ މިހާރު ހޯދާލަން ޖެހޭ މީހެކޭ. ދިވެހި ރާއްޖޭގެ ގާނޫނު ތަންފީޒު ކުރަން އަންގައިފިއްޔާ އަޅުގަނޑު އަމިއްލަޔަށް މަގުމައްޗަށް ނުކުމެ ހޯދައިގެން ވެސް ގެންނާނަން،" މުންދު ވިދާޅުވިއެވެ.
ހުކުރު ދުވަހުގެ ރޭ ނަސީމް ދެއްކެވި ވާހަކަތަކާ ގުޅޭ ޚަބަރެއް ހިއްސާކުރައްވައި މުންދު ކުރެއްވި ޓްވީޓެއްގައި ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.
"ބަޣާވާތް ކުރުމާއި ހަތިޔާރު އެތެރެކުރުމާއި ފިތުނަ އުފައްދަން މަސައްކަތް ކުރުމާއި މީހުންނަށް އިންޒާރުދިނުމުގެ ކުށުގެ ރެކޯޑް އޮތީ ކާކުގެބާ؟"، މުންދު ކުރެއްވި ޓްވީޓްގައި އައްސަވާފައިވެއެވެ.
Baqaavaaiy kurumaai, hathiyaaru ethere kurumaai, fithuna ufahdhan masakkaiy kurumaai, meehunnah inzaaru dhinumuge kushuge record othee alhe fahe kaakuge baa? #foodforthought #amnesia #oldman @avasmv
— Mohamed H. Shareef (@mundhu_maldives) December 22, 2017
Nurahkaa vedhaanethee Nasheed ge hafulaa cancel kohfi https://t.co/MC6ey6dYTe
ބެލެވޭ ގޮތުގައި މި ސުވާލުތައް ރައްދުކުރައްވާފައި ވަނީ، ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ނަސީމްގެ މައްޗަށް ކުރެވުނު ޙުކުމަކާ ގުޅިގެން ނަސީމަށެވެ.
މިކަމާ ގުޅޭ ގޮތުން މުންދުގެ އިތުރު ބަހެއް ހޯދުމަށް ރާއްޖެއެމްވީ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.