ދ. ރިނބުދޫ އަށް ދަތުރުދާނަމަ ކައުންސިލްގެ ހުއްދަ ހޯދުމަށް އަންގައި، ރިނބުދޫ ކައުންސިލުން ނެރުނު އިޢުލާނަކީ ގާނޫނާ ޚިލާފް އިޢުލާނެއް ކަމަށް ބުނެ، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ އިޢުލާން ބާތިލްކޮށްފި އެވެ.
ރިނބުދޫ ކައުންސިލުން ނެރުނު އިޢުލާން ބާތިލް ކުރިކަން އަންގާ، ރިނބުދޫ ކައުންސިލްގެ ރައީސް ޙާތިމް އިބްރާހިމް އަށް އެލްޖީއޭ އިން ފޮނުވި ސިޓީއެއްގައި ވަނީ، އެ ކައުންސިލުން އަންގާރަ ދުވަހު ނެރުނު އިއުލާނަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ޚިލާފް އިޢުލާނެއް ކަމަށެވެ. އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަން އެލްޖީއޭ އިން ބެލި ބެލުމުން، އެ އިޢުލާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ ބައެއް އަސާސީ ހައްގުތަކާއި މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ނެރެފައިވާ އިޢުލާނެއްކަން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 41 ވަނަ މާއްދާގެ ހ. އިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާއިރު، ގާނޫނު އަސާސީގެ 2 ވަނަ ބާބުން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި ލިބިދޭން ޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ހ.ގައި ބަޔާންކޮށްފައިވާކަން، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭގެ ސިޓީގައި ފާޙަގަކޮށްފައިވެ އެވެ. އަދި ގާނޫނު އަސާސީގެ 2 ވަނަ ބާބުން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނު އަސާސީ އާ ތަޢާރުޒު ނުވާ ގޮތެއްގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމުގައި ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާއިރު، ކައުންސިލަކުން ނިންމާ ނިންމުމަކުން ނުވަތަ ކުރާ އިޢުލާނަކުން އެއިން އެއްވެސް ހައްގެއް ނުހިފެހެއްޓޭނެ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެއެވެ.
މީގެ އިތުރުން ރިނބުދޫ ކައުންސިލުން ނެރެފައިވާ އިޢުލާނަކީ ކައުންސިލްގެ ނިންމެވުމެއް ނެތި ނެރެފައިވާ އިޢުލާނެއް ކަމަށް ރިނބުދޫ ކައުންސިލުން އެލްޖީއޭ އަށް މަޢުލޫމާތު ދީފައިވާކަން ފާހަގަކޮށް، ލާމަޒުކަޒީ ގާނޫނުގެ ރޫހަށް ބަލާއިރު، ރައްޔިތުންނާއި ގުޅުންހުރި ކަންކަން ނިންމަންޖެހޭނީ ކައުންސިލްގެ ޖަލްސާއަކަށް އެޖެންޑާކޮށް މަޝްވަރާ ކުރުމަށްފަހު، ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ގޮތެއް ކަނޑައަޅައިގެން ކަމަށް އެލްޖީއޭއިން ބުނެފައިވެ އެވެ.
އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަފީޤު މަޙްމޫދު ސޮއި ކުރައްވާ ރިނބުދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި، ކައުންސިލްގެ ފަރާތުން ގާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ނިންމުމެއް ނިންމައި އާއްމު ނުކުރުމަށާއި، ރައްޔިތުންނާއި ގުޅުންހުރި ކަންކަން ނިންމަވާއިރު، އެކަމަކާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ކަށަވަރު ކުރެވިފައިނުވާނަމަ ނުވަތަ ސުވާލު އުފެދޭ ކަމެއް އޮތްނަމަ، އެކަމެއްގައި އަތޮޅު ކައުންސިލާއި އެލްޖީއޭގެ ލަފާ ހޯދުމަށް އަންގަވާފައިވެއެވެ.