ސްރީ ލަންކާގައި މިހާރު ހުންނެވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް ނުރައްކާ އެބައޮތް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން ރައީސް ނަޝީދާ ބައްދަލުކުރުމުގެ ފުރުޞަތު ފަހިކުރުމަށް މި ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް ހަރަކާތް ކެންސަލް ކުރިކަން ހާމަކުރައްވަމުން ހުކުރު ދުވަހުގެ ރޭ ނަސީމް ވިދާޅުވީ، އެ ހަރާކާތް ކެންސަލް ކުރީ، ހަރަކާތް އިޢުލާނު ކުރީއްސުރެ ލިބެމުންދިޔަ އިންޒާރުތަކުގެ ސަބަބުން، ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާފަދަ ހަމަލާއެއް ދީފާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.
ނަސީމް އިތުރަށް ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދިއުމުގެ ސަބަބުން އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގައިފިނަމަ އެކަން ވެގެންދާނީ ސްރީލަންކާގެ ޤާނޫނުތަކާއި ޚިލާފަށް ދިވެހިން ހިންގާ ކުށްތަކަކަށް ކަމަށާއި، އެހެން ކަމުން އެފަދަ ހާލަތަކަށް ފުރުޞަތު ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަސީމް ވިދާޅުވީ މި ހަރަކާތް މިވަގުތަށް ކެންސަލް ކުރި ނަމަވެސް، ދުނިޔޭގެ ކޮންމެ ތަނަކަށް ވަޑައިގަތް ނަމަވެސް، ރައީސް ނަޝީދު ކުރިއަށް އޮތް ތަނުގައިވެސް ދިވެހިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
ގަދަބާރުން ނަމަވެސް ރައީސް ނަޝީދު އަނބުރާ ރާއްޖެއަށް ގެންނަވާނެ ކަމަށް ވިދާޅުވެ، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ދައްކަވާފައިވާ ފަދަ ވާހަކަތަކަކީ، މިފަދަ ނޭއްގާނީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ކަމަށެވެ. އެހެންކަމުން އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އެފަދަ ވާހަކަތައް ނުދެއްކެވުމަށް ނަސީމް އިލްތިމާސްކުރެއްވިއެވެ.
ނަސީމް ވަނީ ކަމާއިބެހޭ ފަރާތްތަކުން މި މައްސަލަ ބަލައިދިނުމަށް އެފަރާތްތަކަށް ގޮވާލައްވާފައެވެ.