ގަސްތުގައި ރައްޔިތުން ގުނބޯ ހައްދަން ނޫޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދަށް ގޮވާލައްވައިފިއެވެ.
ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި މިފަދައިން ގޮވާލައްވައި، ފައްޔާޒު ވިދާޅުވީ ރާއްޖޭގައި މިހާރު ދީނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކޮށް، ބާރުވެރިކަމާއި، މުދާވެރިކަން ހޯދުމަށް ދީން ބޭނުންކުރާ ބަޔަކު ދައުލަތް ހިޞާރުކުރުން ކަމަށެވެ.
Chief Justice Abd. Saeed gasthuga rahyithun gunboahahdhan noolhuhvaa. Raajega dheenah mihaaru oiy enme bodu nurahkalakee dheen siyaasee hathiyaarakah hadhaa, baaruverikamaa mudhaaverikan hoadhumah dheen beynunkuraabayeh dhaulai hisoarukurun .
— Fayyaz Ismail (@faya_i) December 22, 2017
ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ، ދިވެހި ގައުމުން އިސްލާމްދީނުގެ އަލިކަން ފޮހެވިގެން ދިޔަ ނުދީ ދިވެހި ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރުމަށް ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީނާއި ސަރުކާރަށް އުއްތަމަ ފަނޑިޔާރު ތަޢުރީފު ކުރެއްވުމާ ގުޅިގެންނެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ކިޔަވާ ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އާލާ ކުރުމަށްޓަކައި މި ސަރުކާރުން ސްކޫލުތަކުގައި ދީން ކިޔަވައިދިނުން ހަރުދަނާކޮށް، މަތީ ތައުލީމްގެ ދާއިރާއިން އިސްލާމީ ތައުލީމް ހަރުދަނާ ކުރުމަށްޓަކައި އިސްލާމީ ޔުނިވާސިޓީއެއް އުފައްދަވާފައިވާ ކަމަށާއި، އެކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރުކުރައްވާ ކަމަށެވެ.