ރ. މަޑުއްވަރީގައި ފުލުހުން ބޭނުންކުރާ ވެހިކަލަކަށް ގެއްލުން ދިނުމާއި ގުޅިގެން ފުލުހުން ޚާއްސަ ތަޙުޤީޤެއް ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެރޭ ގެއްލުން ދީފައިވަނީ ފުލުހުން އެ ރަށުގައި ބޭނުންކުރާ ކާރަކަށެވެ. މި އަމަލު ހިންގި ފަރާތުން ވަނީ އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، މަޑުއްވަރީގައި ފުލުހުންގެ ވެހިކަލަކަށް ގެއްލުންދިން މައްސަލައާއި ގުޅިގެން ފުލުހުން ޚާއްސަ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ.
އަދި މިފަދަ އަމަލުތައް ފުލުހުން ކުށްވެރިކުރާ ކަމަށާއި، މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދައި އެފަރާތްތަކާއިމެދު ޤާނޫނީ ތަރަހައިގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ދާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރ ވިދާޅުވިއެވެ.
މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.