އިސްރާއީލްއަށް މިވަގުތު އޮތީ ދެ ގޮތް ކަމަށާއި، އެއީ ތަހުޒީބުކަން އިހްތިޔާރުކުރުން ނުވަތަ ދުނިޔެއާއި އެކަހެރިވުން ކަމަށް ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އދ. އާންމު މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތާއެކު ގުދުސްއާ މެދު އިސްރާއީލްއާއި އެމެރިކާއިން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އެހެން ކަމުން މިވަގުތަކީ އިސްރާއީލުން ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމަން ޖެހޭ ދަނޑިވަޅެއް ކަމަށެވެ.
ޑރ އަލީ ނަސީރު ވިދާޅުވީ އިސްރާއީލުން ތަހުޒީބް ގޮތް އިޙްތިޔާރު ނުކޮށް އަޅުވެތިކަމުގެ ފިކުރު ގެންގުޅޭނަމަ އެ ގައުމު އޮންނަން ޖެހޭނީ ދުނިޔެއާއި އެކަހެރިވެގެން ކަމަށެވެ. މި ނޫން އެހެން ގޮތެއް ނެތް ކަމަށް ޑރ އަލީ ނަސީރު ވިދާޅުވެފައިވެއެވެ.
#UNGA adopts Resolution on Jerusalem with overwhelming majority. Its a moment for Israel to make a strategic choice; it can either choose the civilised side of life or remain isolated, unable to leave behind its mentality of colonialism and illegal occupation. #Mdv4UNS
— Ali Naseer Mohamed (@AlinyMohamed) December 21, 2017
ގުދުސްގެ ނިންމުން އަނބުރާގެންދިއުމަށް އދ.ގެ 128 މެމްބަރު ގައުމުތަކުން ވޯޓު ދީފައިވާއިރު 9 ގައުމަކުން ވަނީ އެނިންމުން އަނބުރާ ގެންދަން ނުފެންނަ ކަމަށް ވޯޓު ދީފައެވެ. އަދި 35 ގައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެެވެ.
ޤުދުސްގެ މައްސަލާގައި އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރު ދިވެހިރާއްޖެ އިން ކޯ-ސްޕޮންސަރ ކޮށްފައިވަނީ، ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އދ.ގެ އާއްމު މަޖިލީހުގައި ނަގާ ވޯޓުގައި އެމެރިކާއާއި ދެކޮޅަށް ވޯޓުދޭ ގައުމުތަކަށް އެހީ ކަނޑާލާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފައިވަނިކޮށެވެ.
އިސްރާއީލްގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާއިން ބަލައިގަތްގަތުމާ ދެކޮޅަށް އދ. ގެ އާއްމު މަޖިލީހުގައި ގަރާރެއް ފާސްކުރުމަށް އިސް ނެގީ ތުރުކީ އިންނެވެ.
ގުދުސްގެ މައްސަލައިގައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ވޯޓަށް އެހުމުގެ ކުރިން ވެސް ތުރުކީއިން ވަނީ އެ ގަރާރު އެމެރިކާއިން ވީޓޯ ކުރާނެކަން ކަށަވަރުވާ ކަމަށް ބުނެ، އާއްމު މަޖިލީހަށް ގަރާރެއް ހުށަހަޅާނެ ކަމަށް ބުނެފައެވެ.
އެ ގަރާރަކީ "ހުރުމަތްތެރިވެގެންވާ ގުދުސްގައި އެއްވެސް ގައުމަކުން ޑިޕްލޮމެޓިކް މިޝަނެއް ގާއިމް ނުކުރުމަށް" ގޮވާލާފައިވާ ގަރާރެކެވެ.
އދ. ގެ އެންމެ އިސް އެއް ގުނަން ކަމަށްވާ ސަލާމަތީ މަޖިލީހުގައި ހިމެނޭ ވީޓޯކުރުމުގެ ބާރު އޮންނަ ދާއިމީ ފަސް ގައުމުގެ ތެރެއިން އެއް ގައުމަކީ އެމެރިކާއެވެ.
އެމެރިކާގެ ޒަމާންވީ ސިޔާސަތު ދޫކޮށްލައްވައި އަދި ބައިނަލްއަޤްވާމީ މުޖުތަމައުން އަބަދުވެސް ގަބޫލުކުރަމުން އަންނަ ހަމަތަކާ ޚިލާފަށް ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައި ވަނީ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.
ތުރުކީ އިން އާއްމު މަޖިލީހަށް ހުށަހަޅާފައި ވަނީ އދ. އިން މީގެ ކުރިން ފާސްކޮށްފައިވާ ގަރާރެއް ކަމަށްވާ 377-އޭ ނުވަތަ އާއްމުކޮށް ކިޔާ ގޮތުން ނަމަ "ޔުނައިޓިންގް ފޯރ ޕީސް"ގެ ދަށުން ހުށަހަޅާ ގަރާރެކެވެ.
އދ. އިން 1950 ވަނަ އަހަރު ފާސްކުރި، މި ގަރާރަކީ ސަލާމަތީ މަޖިލީހުގެ އެންމެ އަސާސީ ޒިންމާ ކަމަށްވާ ސުލްހަ އާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް، އެ ކައުންސިލް ނުކުޅެދިއްޖެ ނަމަ އާއްމު މަޖިލީހުން އެ ކަމާ މެދު ގޮތެއް ނިންމުމާ ބެހޭ ގަރާރެވެ.