ރާއްޖޭގައި ރިޔާސީ އިންތިހާބާ ކުރިމަތިވާ ކޮންމެ ފަހަރަކު ލާދީނީ ފިކުރުތައް ފެތުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމުރު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގައި ތަފާތު ދީންތައް ފެތުރުމަށް ނުފޫޒު ފޯރުވާ ކަމަށާއި މިކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމީ އުސޫލުތަކަށް ނުފެތޭ ފިކުރެއް ނުވަތަ ޑިމޮކްރަސީއަކީ ރާއްޖެއިން ގަބޫލުކުރާނެ ޑިމޮކްރަސީއެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ނިޒާމު ޤާއިމުވެފައި އޮންނަ ގޮތުން ރިޔާސީ އިންތިހާބެއް ކައިރިވެގެން އަންނައިރު، ދީނީ ތަފާތު ފިކުރުތަކުގެ މީހުން ދީން ފެތުރުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެއްވިއެވެ. އެހެންވެ ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް އެހެން ދީންތަކަށް ފުރުސަތު ނުދިނުމަށް ޖިހާދު ކުރަންޖެހޭކަން މިނިސްޓަރު ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ އިސްލާމްދީނުގެ ސާފްސީދާ ތެދުމުގައި ދެމިތިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ދޮގު ވާހަކަތަކާއި މައުލޫމާތުތައް ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގެ ޒަރީއާ އިން ފަތުރާ ލާދީނީ މައުލޫމާތުތައް ހުންނަނީ ތުއްތު ކުދިންނާއި ޒުވާނުންގެ ހިތްތަކަށް ފަސޭހައިން ވަދެ، ވިސްނޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާގައި މި ފަދަ ބުހުތާނު ދޮގުތައް ހަޤީޤަތެއްކަން ދޭހަވާ ފަދަ މޭރުމަކުން ފަތުރާއިރު، ބެލެނިވެރިންނާއި ސްކޫލުތަކުން މިކަމަށް ސަމާލުވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިވެހިރާއްޖޭގައި އިސްލާމީ ވަޙުދަތު ދަމަހައްޓުމަށް ވަރަށް ގިނަ މަސައްކަތްކަެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެކަމާ ގުޅުން ހުރި ގާނޫނުތައް ފާސްކޮށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށާއި ދީނީ ކަންކަން ކުރިއެރުވުމަށް އިސްލާމީ ފަތުވާދޭ މަޖިލިހެއް އުފައްދާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމާއި ގުރާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމަށް ކަނޑައަޅައި އެކަން ތަންފީޒް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.