ދިވެހިންނަށް ވިސާ ދިނުމުގައި އޮންނަ އުޞޫލަށް ބަދަލެއް ނާންނަ ކަމަށް އިންޑިއާ އިން ބުނެފިއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާގައި ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ ވިސާގެ އުޞޫލުތަކަށް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ވިސާ ދިނުމުގައި ބަދަލެއް އައިތޯ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިންޑިއާގައި ދިރިއުޅޭ ބައެއް ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން އިންޑިއާގައި ކިޔަވާ ބައެއް ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ހޯދުމުގައި މިހާރު ދަތިތަކެއް ދިމާވެފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.
ބުރާސްފަތި ދުވަހު އިންޑިއާގެ ޚާރިޖިއްޔާގައި އޮތް ނޫސްވެންގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ވެސް ނޫސްވެރިން ސުވާލުކުރީ ރާއްޖެއާ ގުޅޭ ގޮތުންނެވެ. އެގޮތުން ދާފި ފަހުން ރާއްޖޭގެ އޮންލައިން ނޫހެއްގައި ރާއްޖެ އާއި އިންޑިއާއާ އޮންނަ ގުޅުމާއި އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބެހޭ ގޮތުން ލިޔުނު ލިޔުމުގެ މައްސަލައިގައި ސުވާލު ކުރުމުން ރަވީޝް ކުމާރު ވިދާޅުވީ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަންގަވާފައި ވާނެ ކަމަށާއި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ ގާތް ގުޅުމެއް ކަމަށެވެ. ރަވީޝް ކުމާރު ވިދާޅުވީ އެ އާޓިކަލް ފެނިވަޑައިގެންނެވި ކަމަށާއި، އޭގައި ހަޤީގަތެއް ނެތް ކަމަށެވެ. އަދި ރާއްޖެއިން އިންޑިއާގެ ކަންބޮޑުވުންތަކަށް އިޖާބަދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާ އިން މިހެން ބުނެފައި މި ވަނީ އިންޑިއާގައި ދިރިއުޅޭ ބައެއް ދިވެހިންނަށް ވިސާ އާކުރުމުގައި ދަތިތައް ކުރިމަތިކޮށްފައިވާ ކަމަށް އިންޑިއާގައި ދިރިއުޅޭ ބައެއް ދިވެހިން ބުނެފައި ވަނިކޮށެވެ. އިންޑިއާގައި ކިޔަވަން ތިބޭ ދަރިވަރުންގެ ބެލެނިވެރިންގެ ވިސާ އާނުކޮށްދޭ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.