ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 05:40
ޑުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު ވާހަކަ ދައްކަވަނީ
ޑުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަތުރުވެރިކަމުގެ ދާއިރާ
އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!
4 އިންވެސްޓްމަންޓް ފޯރަމް ބާއްވައިގެންވެސް އިންވެސްޓްކުރާނެ ބަޔަކު ނުވި
އިންވެސްޓްމަންޓް ފޯރަމް ނުބޭއްވިނަމަވެސް ރާއްޖެއަށް ފަތުރުވެރިކަމުގެ އިންވެސްޓަރުން އާދޭ

ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށްކަމަށް ބުނެ ބާއްވަމުންދާ އިންވެސްޓްމަންޓް ފޯރަމްތަކުގެ ހަތަރު ބުރު ކާމީޔާބީއެއް ނުލިބި ނިންމާލާފައިވަނިކޮށް، ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތަކެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން މިހާރުވަނީ އެ މިނިސްޓްރީއިން ކުރިއަށް ގެންދިއުމަށް ބޭނުންވާ ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް އިންތިޒާމުކުރުމާއި އެފަދަ ފޯރަމްތަކުގައި ބައިވެރިވުމުގެ މަސައްކަތް ކޮށްދޭނެ އިންވެސްޓްމަންޓް ޕްރޮމޯޝަން ލޯކަލް ކޮންސަލްޓަންސީ ފާރމެއް ނުވަތަ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެގެން އިއުލާންކޮށްފައެވެ. އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ ހުޅުވާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް އިންތިޒާމުކުރުމާއި އެފަދަ ފޯރަމްތަކުގައި ބައިވެރިވުމުގެ މަސައްކަތް ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޑިސެންބަރު ވާ އާންގާރަ ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުން އެދޭކަމަށެވެ.

ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތަކެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީއިން މަސައްކަތްކުރާއިރު، ސިންގަޕޯރ، ޗައިނާ، އިންޑިއާ އަދި ޑުބާއީގައި ރާއްޖޭއިން އިންވެސްޓްމަންޓް ފޯރަމްތައް ވަނީ ބާއްވާފައެވެ. އެހެން ނަމަވެސް އެ ފޯރަމްތައް މެދުވެރިކޮށް ރާއްޖެއަށް މިހާތަނަށް އިންވެސްޓްމަންޓެއް އައިސްފައެއް ނުވެއެވެ. މިދެންނެވި އިންވެސްޓްމަންޓް ފޯރަމްތަކުގެ ބޭރުން ރާއްޖެއަށް އަބަދުވެސް ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ކުންފުނިތައް އާދެއެވެ. އޭޝިއާ ޕެސިފިކް ސަރަހައްދާއި އަދި ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަނީ މިހާރުވެސް އިންވެސްޓްކޮށްފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ރާއްޖޭގައި ހުރި ވަޞީލަތްތައް މަދުކަމުން، ހިފެހެއްޓުމެއް ނެތި ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓަރުން ހޯދަން އުޅުމުގެ ސަބަބުންވެސް ނޭދެވޭ އަސަރުތަކެއް ރާއްޖޭގެ އިޤްތިޞާދަށް ކޮށްފާނެއެވެ.

- ކޮމެންޓް