ސިފައިންގެ ވަޒީފާއިން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ވަކިކުރި ސާޖެންޓު މޭޖަރ ނައުޝާދު އަލީއަށް 45 ދުވަހުގެ ތެރޭގައި އަނބުރާ ވަޒީފާ ދިނުމަށް މިނިސްޓްރީ އޮފް ޑިފެންސް އަށް އަނެއްކާވެސް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.
މިއީ ނައުޝާދަށް އަނބުރާ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރި ތިންވަނަ ފަހަރެވެ.
ސިވިލްކޯޓުން އަންގާރަ ދުވަހުގައި ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ވަކިކޮށްފައިވާ ސާޖެންޓު މޭޖަރ ނައުޝާދު އަލީއަށް 45 ދުވަސް ތެރޭ އަނބުރާ ވަޒީފާ ދިނުމަށާއި އެގޮތަށް އަމަލު ނުކޮށްފި ނަމަ ކޯޓުން އިސްވެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ނައުޝާދަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ފުރަތަމަ ހުކުމް ކޮށްފައި ވަނީ 2014ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ނައުޝާދު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނު އަސާސީގެ 68 ވަނަ މާއްދާއާއި ހިލާފަށް، މަތީ ކޯޓުތަކުގެ ނިންމުންތަކާއި ވެސް ހިލާފަށް، ނެޗުރަލް ޖަސްޓިސް އަދި ޑިއު ޕްރޮސެސްގެ އަސާސީ ހައްގުތައް ލިއްބައި ނުދީ ކަމަށެވެ. ނަމަވެސް އެ ހުކުމާ އެއްގޮތަށް ޑިފެންސް މިނިސްޓްރީން އަމަލުކޮށްފައެއް ނުވެ އެވެ.
ސިވިލް ކޯޓުން ނައުޝާދަށް ދެވަނަ ފަހަރަށް ވަޒީފާ ދިނުމަށް ހުކުމް ކުރީ 2016 ވަނަ އަހަރުގައެވެ. އެ ފަހަރު އަމުރުކުރީ 15 ދުވަހުގެ ތެރޭގައި ވަޒީފާ ދިނުމަށެވެ. އެހެން ނަމަވެސް އެ ފަހަރުވެސް އަނބުރާ ވަޒީފާ ދީފައެއް ނުވެއެވެ. އަދި އިސްތިއުނާފުގެ މުއްދަތު ހަމަވި އިރު އެ މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކޮށްފައެއް ވެސް ނުވެއެވެ.
ނައުޝާދު ޑިފެންސް މިނިސްޓްރީގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ އޭނާ އެމްއެންޑީއެފަށް ހިދުމަތްކޮށްދީފައިވާ 22 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ފަހަރަކު ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅާފައި ނުވާ ކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ކޮބައިކަން އަދި އެތުހުމަތަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށެވެ.
ނައުޝާދު ސިފައިންގެ ވަޒީފާއިން ވަކި ކޮށްފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށް އެއްބާރުލުން ދޭނެކަމަށް ބުނެ ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޝަމާލް ތައްޔާރުކޮށްފައިވާ ލިއުމެއްގައި ސޮއިކޮށް އަދި އެލިއުމުގައި އެހެން ރޭންކުތަކުގެ ސިފައިން ސޮއިކޮށްފައިވާކަން ސިފައިންގެ އިސްވެރިންނަށް ސިއްރުކޮށްފައިވާތީ ކަމަށް ބުނެއެވެ.