ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 12:39
ބަނދަރު ސަރަހައްދުގައި ގިނަ އަދަދެއްގެ ކޮންޓެއިނަރުތައް އުފުލަނީ
ބަނދަރު ސަރަހައްދުގައި ގިނަ އަދަދެއްގެ ކޮންޓެއިނަރުތައް އުފުލަނީ
މުހައްމަދު ޝަރުހާން
ކަސްޓަމްސްގެ ތަފާސް ހިސާބުތައް
ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ
2016 ވަނަ އަހަރުގެ ނޮވެމްބަރުމަހު 194 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވޭ
2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން ބޭރު ކުރި މުދަލުގެ ޢަދަދު 386 މިލިއަން ރުފިޔާއަށް އަރާ

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު، މި އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ އެކްސްޕޯޓް 99 ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު 194 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރު ކޮށްފައިވާއިރު 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު މި ޢަދަދު 386 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިއެވެ. ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތައް ކަމަށްވާއިރު މިދިޔަ ނޮވެމްބަރުމަހު އެކްސްޕޯޓްކުރި މުދަލުގެ %36 ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 10 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ފަރަންސޭސިވިލާތް، އެމެރިކާ އަދި އިނގިރޭސިވިލާތަށެވެ.

ފާއިތުވި ނޮވެމްބަރުމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ޖުމްލަ އަގު 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 5 އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދިވެހިރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ނޮވެމްބަރުމަހު މިޢަދަދުވަނީ 3.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 23 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރާއި އިންޑިއާއިން 13 ޕަސެންޓް،  ޗައިނާއިން 8 ޕަސެންޓް އަދި  މެލޭޝިއާއިން 8 ޕަސެންޓް މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

ނޮވެމްބަރު މަހު 639.7 މިލިއަން ރުފިޔާގެ މެޝިނަރީ އާއި އިލެކްޓްރޯނިކް ބާވަތްތައް އެތެރެކޮށްފައިވާއިރު، 569 މިލިއަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތްތައް އެތެރެކޮށްފައިވެ އެވެ. އަދި 442 މިލިއަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައިވެ އެވެ.

 އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު ހުސްވި ނޮވެމްބަރުމަހު 2 ޕަސެންޓް ދަށްވެފައެވެ. މިއަހަރު ނޮވެމްބަރުމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 246 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ނޮވެމްބަރުމަަހު ލިބިފައިވަނީ 252 މިލިއަން ރުފިޔާއެވެ.

 

- ކޮމެންޓް