ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ފަރެސްމާތޮޑާގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފިއެވެ.
ބީއެމްއެލްއިން ބުނީ ފައިސާ ނެގުމުގެ އިތުރުން މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.
މިއީ ރާއްޖޭގެ ސަރަހައްދުތަކަށް ޚިދުމަތް ފުޅާކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ދޭން ފެށުނު ޚިދުމަތެއް ކަމަށާއި މި ޚިދުމަތް އިފްތިތާހު ކޮށްދެއްވާފައިވަނީ އަންގާރަ ދުވަހު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް ޒުލްޤަރްނައިން ބިން ތަމަން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒުލްޤަރްނައިން ވިދާޅުވެފައިވަނީ " އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިންގ އޭޓީއެމް އެއް ފަރެސްމާތޮޑާގައި ގާއިމުކުރެވުމަކީ އެބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ދާއިރާއެއްގައި ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމަށް އިތުރުވާ މުހިންމު ބައެއް ކަމަށެވެ. އަދި މުޅި ރާއްޖެ ޝާމިލުވާގޮތަށް އާންމު ފަރުދުންނަށާއި އާއިލާތަކަށާއި ވިޔަފާރިތަކަށް މި ޕްރޮގްރާމްގެ ފައިދާ މިދަނީ ލިބެމުން ކަމަށާއި ފަރެސްމާތޮޑާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޒުލްޤަރްނައިން ވިދާޅުވެފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 32 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 91 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.