ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އެޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ހޮނިހިރު ދުވަހުގެ ރޭ މާލެ ވަޑައިގެންފިއެވެ.
މި ދަތުރުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބާއްވައި، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 12 އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި، މިނޫން ވެސް ބައެއް އެއްބަސްވުންތައް ހިމެނެއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްބަސްވުމެއްގެ ގޮތުގައި ދެ ސަރުކާރުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ، ދެޤައުމުގެ ދެމެދުގައި ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ.
މީގެ އިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ އިސްވެރިންނާއި ބައްދަލު ކުރައްވާ ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާއި މެދު ވެސް މަޝްވަރާ ކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމަށް ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވި ރަސްމީ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއިރު، މި ދަތުރުފުޅުގައި އެ ދެކަނބަލުން ވަނީ ބެއިޖިންގގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރައްވާފައެވެ.