ކޭލީ އާއި މިޝެލްއަކީ އެއްމާބަނޑު އެއްވައްތަރު ދެ ކުދިންކަން 16 އަހަރު ފަހުން އެކުދިންގެ މަންމައަށް ޑޮކްޓަރު ޔަޤީން ކޮށްދީފިއެވެ.
އެ ކުދިންގެ މަންމަ ބުނީ ދެ ކުދިން އެކު އެކީގައި ވިހެއި ނަމަވެސް އެއީ އެއްމާބަނޑު ދެކުދިން ނޫން ކަމަށް ޑޮކްޓަރު އޭރު ބުނެފައިވާ ކަމަށެވެ. އެ ދެކުދިންނަކީ އެއްމާބަނޑު އަދި އެއްވައްތަރު ދެ ކުދިން ނޫން ކަމަށް ޑޮކްޓަރު ބުނެފައި ވަނީ އަލްޓްރާ ސައުންޑް ސްކޭންގެ މައްޗަށް ބިނާކޮށެވެ. ސްކޭނުން ދެއްކި ގޮތުގައި ދެ ކުދިން އަށަގެންފައި ވަނީ ދެ ދުލީގައެވެ. އާންމު ގޮތެއްގައި އެއްމާބަނޑު ދެކުދިން އަށަގަންނަނީ އެއް ދޫލީގައެވެ. އެހެން ކަމުން ޑޮކްޓަރުން ކަނޑައެޅީ މި ދެކުދިންނަކީ ފްރެޓާނަލް ޓުވިންސްގެ ގޮތުގައެވެ. މީގެ މާނައަކީ އުޅުމުގައި އެއްގޮތް ކަންތައް ހުރި ނަމަވެސް އެ ދެކުދިންނަކީ އެއްވައްތަރު އެއްމާބަނޑު ދެކުދިނެއް ނޫނެވެ.
ކޭލީ އާއި މިޝެލްއަކީ އެއްމާބަނޑު ދެކުދިންކަން އެނގުނީ ފަހުން ހެދި ޑީއެންއޭ ޓެސްޓަކުންނެވެ.
ޑީއޭންއޭ ޓެސްޓް ހަދަން މެދުވެރިވީ ދެ ކުދިންނަށް ވެސް ކަންތައްތައް ދަސްކުރުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހުމާއި "އެޕިލެޕްސީ" ނަމަކަށް ކިޔާ ޑިސްއޯޑައެއް ހުރުމުގެ ސަބަބުންނެވެ.
ކުދިންގެ މަންމަ ބުނީ ކޭލީ އާއި މިޝެލްއަކީ އެއްމާބަނޑު ދެކުދިންކަން ޑޮކްޓަރަށް އެނގުމުން، އެކުދިންގެ ބައްޔަށް ފަރުވާދޭން ފަސޭހަވާނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.
ކުދިންގެ މަންމަ ބުނީ އެއީ ލިބުނު ވަރަށް ބޮޑު "ސަޕްރައިޒެއް" ކަމަށާއި އެކަމާ އުފާކުރާ ކަމަށެވެ.
ކޭލީ އާއި މިޝެލްއަކީ އެއްކޮށް ހުރިހާ ކަމެއްވެސް ކުރާ ދެކުދިންނެވެ. މިގޮތުން އެ ދެ ކުދިން ނިދަނީވެސް އެކީ ކަމަށް އެ ކުދިންގެ މަންމަ ބުންޏެވެ. ސަބަބަކީ އެ ދެކުދިން ވަކިން ދުރުގައި އުޅެން ބޭނުން ނުވާތީއެވެ.
ކޭލީ އާއި މިޝެލް އަކީ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާ ދެ ކުދިންނެވެ.