އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފަހަތަށް ޖައްސާލުމަށްފަހު، ޓީސީ ސްޕޯޓްސް ކްލަބް ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗު މާޒިޔާއާ ވާދަކޮށް ޓީސީން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޓީސީއެވެ. އެގޮތުން އެޓީމުން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ޓީސީގެ އިބްރާހިމް މަހުދީ (ކުދު އިއްބެ) އަށެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ހަމަލާތައް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.
ޓީސީން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން މާޒިޔާގެ މައްޗަށް ޓީސީ ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ޓީސީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފުލުފުލުގައި މާޒިޔާގެ ހާފަށް އެޓީމުން ބާރުބޮޑުކުރަމުން ގެންދިޔައިރު، ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ.
ޓީސީން ލީޑު ފުޅާކޮށްފައިވަނީ 85 ވަނަ މިނެޓުގައި ކުދު އިއްބެ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މާޒިޔާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެއެވެ.
އެހެންނަމަވެސް މެޗުގެ އިތުރުވަގުތުގައި މާޒިޔާ އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ (މެސީ) އެވެ.
މި ނަތީޖާއާއެކު ޓީސީ ވަނީ ނުވަ މެޗުން 22 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މާޒިޔާ އޮތީ ކުޅުނު ނުވަ މެޗުން ހޯދި 19 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތީ ނުވަ މެޗުން 24 ޕޮއިންޓް ހަމަކޮށްފައިވާ ނިއުރޭޑިއަންޓެވެ.