ޕީޕީއެމްގެ ސަރުކާރަށް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަމެއް ކޮށްނުދެވޭ ކޮންމެ ފަހަރަކު އެކަމެއް ޖަހަނީ މާކުރީގައި ވެރިކަން ކުރި އެމްޑީޕީގެ ބޮލަށެވެ. މަގެއްގައި ފެން ބޮޑުވިޔަސް އެމްޑީޕީގެ ވެރިކަމުގެ މައްސަލައެވެ. ކުންފުނިތަކަށް އެކްޓިވިސްޓުން ލައިގެން ކުންފުނިތައް ފެއިލްވުމުން އެކަންވެސް ކަނޑާލަނީ އެމްޑީޕީ ބޮލަށެވެ. އެކަމަކު އެމްޑީޕީއިން ކޮށްދިން ކަންތަކުގެ ކްރެޑިޓް ނަގަނީ މިސަރުކާރުންނެވެ. އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން އަޅައިދިން ފްލެޓްތަކުގެ ސަބަބުން ރައްޔިތުންނަށްވީ ފައިދާގެ ކްރެޑިޓް ނަގަނީ ޕީޕީއެމްއެވެ. މުސްކުޅިންނަށް ދޭ އިނާޔަތުގެ ކްރެޑިޓްވެސް އެމީހުންނަށެވެ. އެހެން ނަމަވެސް ކަން އޮތް ގޮތް ދިވެހި ރައްޔިތުންނަށް ނޯޅޭނެއެވެ.
އެހެން ކަމުން "މާލޭގެ ފެނުގެ އަގު ދަށްކުރެވޭނީ އެމްޑަބްލިއުއެސްސީގެ ބޭރުގެ ހިއްސާ ދިވެހިންނަށް ބަދަލުކޮށްގެން"ކަމަށް ޓޫރިޒަމް މިނިސްތަރ މޫސާ ޒަމީރު ވިދާޅުވިޔަސް އެކަން ދިވެހިން ޤަބޫލެއް ނުކުރާނެއެވެ. އާދިއްތަ ދުވަހުގެ ރޭ އެމް.ޑަބްލިޔު.އެސް.ސީގެ 'އާރް.އޯ އެނެކްސް' ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ އެމްޑަބްލިއުއެސްސީގައި އޮންނަ ޖަޕާނުގެ ހިޓާޗީ ކުންފުނީގެ ހިއްސާ އަނބުރާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށެވެ. އެހެން ނަމަވެސް މިއީކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ފެނުގެ އަގު ހެޔޮކުރަން ކުރަން ޖެހޭ ކަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ޒިންމާދާރު ގޮތެއްގައި ކުންފުނި ހިންގުމެވެ. އެމްޑަބްލިއުއެސްސީގައި އޮންނަނީ ހިޓާޗީ ކުންފުނީގެ އެންމެ 20 އިންސައްތަ ހިއްސާއެވެ. މެޖޯރިޓީ ހިއްސާ ދިވެހި ސަރުކާރުގައި އޮތް އިރު ކޮންހާ ޝަކުވާއެއް ކުރަނީތޯއެވެ؟ އެމީހުންގެ މީހަކު ނެތި ބޯޑު ޖަލްސާ ނުބޭއްވެޔޭ މިނިސްޓަރ ވިދާޅުވާއިރު، ކުންފުނީގެ މައި ހިއްސާދާރު ފިޔަވައި ދެން ހުރި ހަމައެކަނި ހިއްސާދާރުގެ ބައިވެރިވުމެއް ނެތި ބޯޑު މީޓިންގ ބާއްވަން އުޅުމަކީ ކޯޕަރޭޓް ގަވަރނަންސްގެ ވިސްނުމުގެ މަތިން ކޮން ކަހަލަ ކަމެއްކަން މިނިސްޓަރަށް އެނގިވަޑައި ނުގަންނަވަނީތޯއެވެ؟
އެމްޑަބްލިއުއެސްސީގެ ބޯޑުގައި ހުންނަވަނީ ހިޓާޗީ ޕްލާންޓް ޓެކްނޮލޮޖީސްގެ ފަރާތުން އެންމެ ބޭފުޅެކެވެ. މިވަގުތު ބޯޑުގައި ހިޓާޗީ ތަމްސީލްކުރައްވަނީ ހިރޯމޫ ނިޝިމޫރާއެވެ. ނިޝިމޫރާއަކީ މިޓްސުބިޝީ ކޯޕަރޭޝަންގައި 30 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު 2011ވަނަ އަހަރު ހިޓާޗީއާއި ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަކީ ފެން ކުންފުނިތައް މެނޭޖްކުރުމުގެ ތަޖުރިބާކާރެކެވެ. އެމްޑަބްލިއުއެސްސީގެ ބޯޑަށް ހިޓާޗީއިން ނިޝިމޫރާ އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ މެނީލާ ވޯޓަރ ކޮމްޕެނީގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ. ހަމަގައިމުވެސް އެމްޑަބްލިއުއެސްސީގެ ބޯޑުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ފެން ކުންފުންޏެއްގެ ބޯޑުގައި އިންނަވަން އެންމެ އެކަށީގެންވާ ބޭފުޅަކީ ނިޝިމޫރާއެވެ. އެހެން ކަމުން އެބޭފުޅާގެ ފަރާތުން އެމްޑަބްލިއުއެސްސީއަށް ގެއްލުން ވުމުގެ ބަދަލުގައި ވާނީ ފައިދާއެވެ. އެހެން ނަމަވެސް މިނިސްޓަރ ޝަކުވާ ކުރައްވަނީ އެބޭފުޅާ ނެތި ބޯޑު މީޓިން ނުބޭއްވިގެންނެވެ.
ހިޓާޗީގެ ހިއްސާ އަނބުރާ ގަންނަން އަގު ބޮޑު ވާހަކަ މިނިސްޓަރ ޒަމީރު ދައްކަވާއިރު، އެއިންވެސް އެނގިގެންދަނީ ހިޓާޗީ ކުންފުނިން އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތް ފަހުން ކުންފުނީގެ ފައިދާ އިތުރުވިކަމެވެ. ކުންފުނީގެ ފައިދާ އިތުރުކުރަން ދެން ކުރަން ޖެހޭ ކަމަކީ ކުންފުނީގެ ވިޔަފާރި ފުޅާކޮށް، ހިންގުން ހަރުދަނާކުރުމެވެ. ހިޓާޗީގެ ހިއްސާ އަނބުރާ ހޯދުމެއް ނޫނެވެ.
ބޭރުގެ ކުންފުނިތަކަށް ހިއްސާ ވިއްކުމަކީ ކޮންމެހެން ގެއްލުމެއް ހުރި ކަމެއް ނޫންކަން ދިރާގަށް ބަލާލުމުން އެނގެއެވެ. އެމްޑަބްލިއުއެސްސީގެ ހިއްސާ ވިއްކި ވާހަކަޔާއިއެކު ދިރާގުގެ ހިއްސާ ވިއްކި ވާހަކަވެސް މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އޭރު އިދިކޮޅުގައި ތިއްބެވި އިރު ދެއްކެވިއެވެ. އެހެން ނަމަވެސް ދިރާގުގައި އޮތް ބަޓެލްކޯގެ ހިއްސާ ހޯދަން އެބައުޅޭތޯއެވެ؟ އެހޯދަން ނޫޅެނީ އެކުންފުނިންވާ ފައިދާ ދިވެހިންނަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާތީއެވެ. އެމްޑަބްލިއުއެސްސީގެ ހިއްސާ ހިޓާޗީއަށް ވިއްކާފައި އޮތުމުން ވެސް ވަނީ ހަމަ ފައިދާއެވެ.
ހިޓާޗީ ކުންފުނީގެ ހިއްސާއާއި މެދު އެހާ ހިތްހަމަނުޖެހިގެން އުޅޭއިރު، އަދި ސަރުކާރުގެ މެޖޯރިޓީ ޝެއަރ އޮތް އިރު، އާރް.އޯ ޕްލާންޓް އެޅުމަށް ހިޓާޗީގެ އެހެން ސަބްސިޑަރީއެއް ކަމަށްވާ ހިޓާޗީ އަކުއާ-ޓެކް އާއި ހަވާލުކުރީ ކީއްވެތޯއެވެ؟ މިއަދުހެން އެދުވަހު ވެސް ހަމަ ޝަކުވާ ކުރެވިދާނެ ނޫންތޯއެވެ؟
ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އެމްޑަބްލިއުއެސްސީގެ ތެރެއިން ސަރުކާރުން ހިންގަން ބޭނުންވާ މުއާމަލާތްތައް ކުރުމުގައި ބޭރު ކުންފުންޏެއްގެ ހިއްސާ އޮންނާތީ ސަރުކާރުން ބޭނުންވާހާ ގޮތްގޮތަށް ކަންތައް ނުކުރެވެނީއެވެ. އެމްޑަބްލިއުއެސްސީއަކީ ބޮޑު ފައިދާއެއް ސަރުކާރަށްވާ ކުންފުންޏަކަށްވާއިރު، ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮތުމުން 'ސިއްރުން'ކުރެވިދާނެ ކަންތައް ވަރަށް ބައިވަރެވެ.