ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 19:48
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް
މިހާރު
އަސާސީ ހިދްމަތް
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!
ފެނަކައިން ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތް ހިންގާފައިވޭ
ޑީސަލް ގަނެފައިވަނީ އެތައް ގުނައެއް އަގު ބޮޑުކޮށް
ޚަރަދުގެ 70 ޕަސެންޓް ހޭދަކުރަނީ ޑީސަލަށް

ގާނޫނުއަސާސީން ލިބިދޭ އަސާސީ ހިދްމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ނުކުޅެދިފައިވާއިރު، ސަރުކާރުގެ ހިޔާނާތެއް ފަޅާއަރާއިރު ބިލިއަން ރުފިޔާއިން މައްސަލަތައް ފެންމަތި ވެއެވެ.

އޭގެ އެއް މިސާލަކީ އަސާސީ ހިދްމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ އެއް ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަނެވެ. ދާދީފަހުން އޮޑިޓް އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓް ރިޕޯޓުގައި އެކުންފުނީގެ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ. އެއީ އެތައް މިލިއަން ރުފިޔާގެ ހިނާނާތެކެވެ. އަދި އެއީ ސަރުކާރުގެ އެންމެ ކުންފުންޏަކުން ވެފައިވާ ހިޔާނާތެކެވެ.

ފެނަކައިން ކޮރަޕްޝަނާއި ފަސާދަ ހިންގަމުންދާއިރު، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީ ހިދްމަތްތައް ރަނގަޅު ފެންވަރެއްގައި ނުދެވެ އެވެ. ފޯރުކޮށްދޭ ހިދްމަތުގެ އަގު ހެޔޮ ކުރުމަށް ރައްޔިތުން އެދި ގޮވާއިރުވެސް ބުނަމުންދަނީ ހެޔޮ ކުރެވެން ނެތް ކަމަށެވެ.

ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދްމަތް ކަމަށްވާ ފެނާއި ކަރަންޓްގެ ހިދްމަތުގެ އަގު އިންތިހާއަށް ބޮޑުއިރު، އެ ހިދްމަތް ފޯރުކޮށްދިނުމަށް ފެނަކައިން ޑީޝަލް ގަނެފައިވަނީ ވަކި ބަޔަކަށް ފައިދާ ހޯދާދިނުމަށް އަގު ބޮޑު ކޮށެވެ.

އެސްޓީއޯގެ ފިއުލް ސަޕްލައިން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކުމަށް ހުށަހަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކަކުން ޑީސަލް ގަތުމުގެ ސަބަބުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޑީސަލް ގަތުމަށް އިތުރަށް 21.8 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު ޑޮލަރު ވިއްކާ ފަރާތްތަކަށް ކޮމިޝަންގެ ގޮތުގައި 05 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި ޑޮލަރުގެ  އެ މުއާމަލާތް ހިންގާފައި ވަނީ ޑޮލަރު ވިއްކުމާއި ގަތުމުގެ ހުއްދަ އޮތް ފަރާތަކަށް ވެސް ނޫނެވެ.

މިފަދަ އެތައް ކޮރަޕްޝަނަކާއި ހިޔާނާތެއް ފެނަކައިން ހިންގާފައިވާއިރު، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ  ފެނާއި ކަރަންޓްގެ ހިދްމަތް ރަނގަޅު ފެންވަރަކަށް ނުދެވެންޖެހޭ ސަބަބެއް ނެތެވެ. އަދި އަގު ހެޔޮކޮށް އެ ހިދްމަތް ނުދެވެންވީ ސަބަބެއް ވެސް ނެތެވެ.

ކަރަންޓް ދިނުމަށް ޖަނަރޭޓަރު ހިންގަނީ ޑީސަލުންނެވެ. ޑީސަލް އަގު ބޮޑުކޮށް ގަންނަ ނަމަ ކުރަންޖެހޭ ހަރަދު ބޮޑުވާނެކަން ފެނަކައިގެ ވެރިންނަށް ނޭގުނަށް އެއީ ދިވެހި ރައްޔިތުންނަށް އެނގޭ ކަމެކެވެ. ހިދްމަތުގެ އަގު ހެޔޮކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ކޮރަޕްޝަނާއި ހިޔާނާތްތެރިވުން ހުއްޓާލަން ޖެހެއެވެ.

ފެނަކައިން 70 ޖަނަރޭޓަރެއް  ގެނައިތާ ކުޑަ ދުވަސްކޮޅެއް ފަހުން އިވިގެން ދިޔައީ  ބާ ޖަނަރޭޓަރުތަކެއް ރަށްރަށަށް ގެންދާ ވާހަކަތަކެވެ. އިންތިހާއަށް ކޮރަޕްޝަނެވެ. ރާއްޖޭގައި މުބާރާތެއް ބާއްވައިފިއްޔާ ފެނަކަ ބައިވެރި ނުވާނެ ގޮތެއް އެއީ ނެތް ގޮތެވެ. އެއީ ފޫކޮޅު ދެއްކުމާއި ފޮރުވުމުގެ މުބާރާތަކަށްވެސް ފެނަކައިން ބައިވެރިވާންޖެހެ އެވެ. ބައިވެރިވާ މުބާރާތްތަކަށް ފެނަކައިން ނެރޭ ޓީމަށް ޚަރަދު ކުރާނެ ފައިސާ ހުރެއެވެ. ސަރުކާރާއި ޕީޕީއެމް އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ ބާއްވާ އިވެންޓަކަށް ޚަރަދު ކުރާނެ ފައިސާ ހުރެއެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ފައިސާގެ އެހީތައް ވެދިނުމަށް ވެސް ފައިސާ ހުރެއެވެ. ނަމަވެސް ރައްޔިތުންނަށް ފެނާއި ކަރަންޓްގެ ހިދްމަތް ދިނުމަށް ރައްޔިތުން ގޮވަމުންދާއިރު އެކަންކުރާނެ ފައިސާއެއް ނުހުރެއެވެ. ފެނާއި ކަރަންޓްގެ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށް ނެތޭ ބުނާއިރު ލަދު ހަޔާތުގެ ކަންފުޅެއްވެސް ހަމަނެތީ އެވެ.

ސަރުކާރަށާއި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ އެކިއެކި ހަރަކާތްތަކަށް ޚަރަދު ކުރުމާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް އެހީތައް ދިނުން ހުއްޓާލުމަށް ފަހު ރައްޔިތުންނަށް ފެނާއި ކަރަންޓްގެ ހިދްމަތް ފޯރުކޮށްދޭން ޖެހެއެވެ. އަސާސީ ހިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭށޭ ރައްޔިތުން ގޮވަނީ ކަމެއް ވެގެންނެވެ. އެކަންކަން ކޮށްދޭން ރައްޔިތުން ގޮވަނީ ރައްޔިތުންގެ ހިދްމަތް ކުރުމަށް ސަރުކާރެއް އައްޔަން ކޮށްފައި ވާތީ އެވެ. އެ ސަރުކާރުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ވެރިންނަށް ބަޔަކު އައްޔަން ކުރަނީ ރައްޔިތުންނަށް ހިދްމަތް ކުރުމަށެވެ. ސަރުކާރު ހިންގުމަށާއި ދައުލަތުގެ ވެރިންނަށް މުސާރަ ދެނީ ދިވެހި ރައްޔިތުންނެވެ. އަދި އަސާސީ ހިދްމަތް ފޯރުކޮށްދޭށޭ ބުނަނީ ވެސް އެކަން ކުރުމަށް އެފައިސާ ދައުލަތާއި ހަވާލުކޮށްފަ އެވެ. ރައްޔިތުން ދައްކާ ޓެކްސް ފައިސާއަކީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން " ބަނޑުއަޅާލަން" ދޭ ފައިސާއެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް