ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 19:15
ރައީސް ޔާމީނާ ދެކޮޅަށް އަންގާރަ ދުވަހު ވިލިނގިލީގައި ބޭއްވި އެއްވުމުގެ ތެރެއިން
ރައީސް ޔާމީނާ ދެކޮޅަށް އަންގާރަ ދުވަހު ވިލިނގިލީގައި ބޭއްވި އެއްވުމުގެ ތެރެއިން
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
ވިލިނގިލީ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ނޫން، އަދުލް އިންސާފު!
ވިލިނގިލީގައި އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް ވަނީ ކުރައްވާފައި
ވިލިނގިލީ ރައްޔިތުން އެދެމުން ދަނީ އެއާޕޯޓަކަށް ނޫން
ރައީސް ޔާމީނަށް ވުރެ ބޮޑަށް މެމްބަރު ސައުދަށް ތާއިދު އޮތްކަން ދައްކާލި

އެހެން ދަތުރުފުޅުތަކެކޭ ވެސް އެއްގޮތަށް ރައީސް އަބްދުﷲ ޔާމީން ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެސް ދައްކަވާ ވާހަކަފުޅުގައި މާބޮޑު ތަފާތެއް ނެތެވެ. އެންމެ ވަރުގަދައަށް ދައްކަވަނީ ތަރައްގީގެ ވާހަކައެވެ.

މި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީން ހިތްޕުޅުން ފިލައިނުދާވަރުގެ މަންޒަރެއް މިފަހަރު ދައްކުވާލީ ވިލިނގިލިންނެވެ. ކުރިން ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ތާއިދެއް އޮތް އެ ރަށް މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. ރަށުގެ "ކުލަ" ބަދަލުވެފައެވެ. މީހުންގެ ވިސްނުން ތަފާތުވެފައެވެ. މި ބަދަލު އައީ ކީއްވެގެންކަން ރައީސް ޔާމީނަށް ވިސްނިވަޑައިގަންނަވަންޖެހެއެވެ.

މި ބަދަލު އައީ މި ސަރުކާރުން، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާމެދު ކަންކުރެއްވި ގޮތުންނާއި، އެ ދާއިރާގެ މެމްބަރު ސައުދު ހުސައިންއާމެދު ކަންކުރެއްވި ގޮތުންނެވެ. ޕާޓީގެ ބާނީ ރައީސް މައުމޫން، ޕާޓީން ވަކިކުރީއެވެ. މެމްބަރު ސައުދުގެ ގޮނޑި ގެއްލުވާލީއެވެ. އޭގެ ކުރިން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ.

ޕާޓީގެ މެމްބަރުކަމުން ރައީސް މައުމޫން ދުރުކުރި ފަހުން، އަދި ސައުދުގެ ގޮނޑި ގެއްލުވާލި ފަހުން ރައީސް އަބްދުﷲ ޔާމީން ވިލިނގިއްޔަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. އަންގާރަ ދުވަހު ހަވީރު އެ މަނިކުފާނު  ވިލިނގިއްޔަށް ވަޑައިގަތުމުގެ ކުރިންވެސް ރަށުގެ ރައްޔިތުންގެ ހިތްހަމަ ނުޖެހުން ހުރި މިންވަރު ދައްކާލިއެވެ. މުޅި ރަށުގައި އެ މަނިކުފާނުގެ ކުލަ އަށް ވުރެ ގިނައީ އިދިކޮޅު ޕާޓީތަކުގެ ކުލަތަކެވެ. އޮޑިދޯނި ފަހަރާއި ގޯތިތަކުގެ ތެރޭގައި ވެސް ދަމާފައި ހުރީ އެ މަނިކުފާނާ ދެކޮޅު ބެނާތަކެވެ.

ރަށުގެ ރައްޔިތުންގެ ހިތުގައި ރައީސް ޔާމީނަށް އޮތް ނަފުރަތާއި ހިތްހަމަ ނުޖެހުމާއި ރަށުގައި ތާއިދު ނެތްކަން އެ މަނިކުފާނަށް ނުދެއްކުމަށް ފުލުހުންނާއި ސިފައިން މަސައްކަތް ކުރިއެވެ. އެހެންވެ، ރައީސް ޔާމީނާ ދެކޮޅަށް އަޑު އުފުލަމުންދިޔަ މީހުން ދުރަށް ޖައްސަމުން ގޮސް އެތައް ފޫޓެއްގެ ދުރަށް ޖެއްސިއެވެ.

ރައީސް ޔާމީނެވެ. ހަމަޖެހިވަޑައިގެން އެ މަންޒަރުތައް ރަނގަޅަށް ބައްލަވާލައްވާށެވެ. މަނިކުފާނު އަރިހުގައި ތިއްބެވި ބޭފުޅުން މަނިކުފާނަށް މަންޒަރު ދައްކަވަމުން ގެންދަވަނީ ލޯ ނާއްޓެއްގެ ފުލުންކަން އޭރުން އެނގިވަޑައިގަންނަވާނެއެވެ. ނުވަތަ މަނިކުފާނަށް މަންޒަރު ފެނިވަޑައިގަންނަވަނީ، ވަޅުގައި އޮތް ބޮކަށް ދުނިޔެ ފެންނަ ގޮތަށްކަންވެސް އެނގިވަޑައިގަންނަވާނެއެވެ.

ވިލިނގިލީ ރައްޔިތުންގެ ހިތްހަމަ ނުޖެހުން ބަންޑުން ކޮށްލީ ސުލުހަވެރިކަމާއެކުއެވެ. މަނިކުފާނުގެ އިސްތިއުފާއަށް އަޑުހަރުކޮށް ގޮވިއެވެ. އެ މަންޒަރުތަކަށް ކެތްނުކުރެވިގެން ފިޔައިތޮށި ޒުވާނުންތަކެއް ގޮސް އަރައިގަތެވެ. އެ މީހުންނަށް ހިމާޔަތް އޮތެވެ.

މިފަހަރު ވިލިނގިލީ ރައްޔިތުން ތިބީ ހަކުރު ދެންޏާ ބޮޑު ބޭބެ ކިޔާ އުސޫލުން، މަނިކުފާނު މޮޅު ވާހަކައެއް ދައްކަވާއިރަށް ތާއިދު ކުރާ ގޮތަކަށް ނޫންކަމާ، ޖަހާހާ ބެރަކަށް ނަށަން ނޫންކަން މިއަދު ފެނިގެންދާނެއެވެ. މަނިކުފާނުގެ ސަޕޯޓަރުން މޭކަރައިގެންދާވަރު ވިލިނގިލީ ރައްޔިތުން ކޮށްލައިފިއެވެ. މަނިކުފާނަށް ވުރެ ބޮޑު ތާއިދެއް މި ސަރުކާރުން ޓެރަރިސްޓަކަށް ހަދާފައިވާ މެމްބަރު ސައުދަށް އޮތްކަން ދައްކާލައިފިއެވެ.

އަނދުން އެޅުވުމުގެ ގޮތުން، ހުވަފެން ދެއްކުމުގެ ގޮތުން ވިލިނގިލީގައި އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް  މަނިކުފާނު ކުރެއްވިޔަސް، ރަށުގެ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ނޫނެވެ. މަނިކުފާނު އަޅަން ބުނި އެއާޕޯޓްތަކުގެ އިންތިޒާރުގައި އެތައް ރަށެއްގެ ރައްޔިތުން އެބަ ތިއްބެއެވެ. ކުޅުދުއްފުށީ އެއާޕޯޓް ކޮބައިހެއްޔެވެ. ހޯރަފުށީގެ އެއާޕޯޓް ކޮބައިހެއްޔެވެ. ފިޔޯރީ އާއި މާތޮޑާގެ އެއާޕޯޓް ކޮބައިހެއްޔެވެ. މާވަރުލުގައި އަޅަން ބުނި އެއާޕޯޓްގެ ކުރެހުމެއްހާ ހިސާބުވެސް ނެތެވެ. 

ވިލިނގިލީގައި އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް އިގްތިސޯދީ މާހިރު ކުރެއްވިއިރު، ޖެހިގެން އޮތް ކޫއްޑޫ އެއާޕޯޓުން ވިލިނގިއްޔަށް ދެވެނީ ކިތައް މިނެޓުންކަން އެ މާހިރަށް އެނގިވަޑައިނުގަންނަވަނީ ކަމަށް ވެދާނެއެވެ. ކޫއްޑޫން ލޯންޗެއްގައި ވިލިނގިިއްޔަށް ދާނަމަ، ލޯންޗަށް އެރުމާއި ލޯންޗުން ފޭބުމަށް ނަގާ ވަގުތަށް ވުރެ އަވަހަށް، ކޫއްޑޫއިން ވިލިނގިއްޔަށް ދިއުމަށް ނަގާ ވަގުތު ކުޑައެވެ. މިވަރުގެ ދުރުމިނެއްގައި އޮތް ވިލިނގިލީގައި އެއާޕޯޓެއް އަޅާ ވާހަކަ ދެއްކެވުމަކީ، އަންތަރީސް ވާވަރުގެ ވާހަކައެކެވެ.

ދެކުނުގެ ބަނދަރުތައް އަމާންކުރަން ތިޔަ ދެއްކެވީ ވައިގެ ބަނދަރެއްގެ ކުލަނުވާނެ ހުވަފެނެއްގެ ވާހަކައެއް ނޫންތޯއެވެ. 

ރައީސް ޔާމީނެވެ. ވިލިނގިލީ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ނޫނެވެ. އެ ރައްޔިތުން ވެސް އަޑުއުފުލަމުން އެދަނީ، އެދި އާދޭސްކުރަމުން އެ ދަނީ އިންސާފު ހޯދުމަށެވެ. ހައްގުތައް ކަށަވަރުކޮށް ދިނުމަށެވެ. ކޯޓްތައް މިނިވަން ކުރުމަށެވެ. ދައުލަތް ޚަރާބު ނުކުރުމަށެވެ. ސަރުކާރުން ކުރާ ވައްކަން ހުއްޓުވުމަށެވެ. މިއީ މިވަގުތު ހަމައެކަނި ވިލިނގިލީ ރައްޔިތުންގެ އެދުމެވެސް ނޫނެވެ. މުޅި ގައުމު އެދިގޮވަމުންދަނީ މިކަންކަމަށެވެ. ކިތަންމެ ވަރަކަށް ތަރައްގީގެ ވާހަކަ ދެއްކެވިޔަސް، އަދުލް އިންސާފު ނެތްނަމަ، ފުރިހަމަ ތަރައްގީއެއް ނުލިބޭނެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
26 ސެޕްޓެންބަރ 2017 | އަންގާރަ 21:06
ރާޖާ
ތީ އަންނި މާލޭން ފޮނުވި ކުދިންކޮޅެށް ވާނެ އެްކަމެވެސް ނޯނާނެ ފެލިފެލި ތީބެންޖެހޭނީ
26 ސެޕްޓެންބަރ 2017 | އަންގާރަ 20:22
ޝުލޭމާނ
ޖަޒުބާތުގައި ޖެހިގެންނަމަވެސް ، ދިވެހިން 2018 ގެ އިންތިޚާބުން ރައީސް ޔާމީން ނުހޮވައިފިނަމަ އެކަމުގެ ހިތްދަތިކަމާ މާޔޫސްކަން ކުރު މުއްދަތެއްގެތެރޭގައި އިހްސާސްކުރަންޖެހޭނެއެވެ. ދިވެހިރާއްޖެ ދުށް އެންމެ ހެޔޮ ކަންކުރެވޭ ، ބަހަށްވުރެ ޢަމަލު ގިނަ ޒަޢާމަތަކީ ރައީސްޔާމީންގެ ޒަޢާމަތެވެ. މީކީ ބުނާ ބަހެއް ނޫނެވެ. މިއީ ލޮލަށްފެންނަންހުރި ކަންފަތަށް އިވިއިވިހުރި ޙަޤީޤީ ވާހަކައެވެ. މާތްﷲ ދިވެހިންނަށް ހެޔޮވިސްނުން ދެއްވާށިއެވެ
26 ސެޕްޓެންބަރ 2017 | އަންގާރަ 20:19
ޗ
ދިވެހިންނަށް އޮތް ހަމައެކަނި ޗޮއިސް އަކީ 2018 ގައި ރައީސް ޔާމީން ހޮވުން