ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 19:04
ޕީޕީއެމްގެ އެތެރޭގެ މައްސަލައިގައި މެންބަރު ޢަބްދުއްރަޙީމާއި ޑރ. ޚަލީލް ރުޅި މަޑުކަމަށް ނިހާން ވިދާޅުވިއިރު، ހަޤީޤީ ރުޅިމަޑުކަން ފެންނަނީ ކުރީގެ ނައިބުރައީސް އަދީބުގެ އާއިލާގެ ފަރާތުން
ޕީޕީއެމްގެ އެތެރޭގެ މައްސަލައިގައި މެންބަރު ޢަބްދުއްރަޙީމާއި ޑރ. ޚަލީލް ރުޅި މަޑުކަމަށް ނިހާން ވިދާޅުވިއިރު، ހަޤީޤީ ރުޅިމަޑުކަން ފެންނަނީ ކުރީގެ ނައިބުރައީސް އަދީބުގެ އާއިލާގެ ފަރާތުން
ޓްވިޓަރ
މަގޭ ރިޕޯޓް
އަދީބުގެ އާއިލާގެ ރުޅި މަޑު!
ސިސްޓުތައް ޑައިގްނޯސް ކުރެވުނީ ހައްޔަރުކުރިތަނާހެން
އިންޑިއާއިން ކެންސަރަށް ސްކްރީން ކުރުމަށް އައިޖީއެމްއެޗުން ވަނީ ލަފާދީފަ
ކެންސަރަށް ސްކްރީން ކުރަން އެންގުމުން ސިސްޓުގެ މައްސަލައިގައި ޑޮކްޓަރަށް ނުދައްކައި އަހަރަކަށްވުރެ ގިނަދުވަސްހުރި

ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ޖަލު ގޮޅީގައި އޮންނަވާތާ 2 އަހަރު ވަނީއެވެ. "ހައި ޓްރީޒަން" ނުވަތަ ގައުމަށް ގައްދާރުވުމުގެ ތުޙުމަތުގައި ތަޙުޤީޤަށް ހައްޔަރު ކުރެވުނީއްސުރެ މި ފާއިތުވި މުއްދަތުގައި، ތަފާތު ތިން މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ޖަލު ޙުކުމް އިއްވައި، ޖުމްލަ 33 އަހަރަށް އެމަނިކުފާނު އެވަނީ އެކަހެރިކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް ތުޙުމަތުކުރާ އިތުރު މައްސަލަތައް ކްރިމިނަލް ކޯޓުގައި ފުނިޖައްސަމުންދާއިރު ބައެއް ޤާނޫނީ ތަޖުރިބާކާރުން ދެކިލައްވާ ގޮތުގައި އެ ހުރިހާ މައްސަލައެއް އަދީބްގެ މައްޗަށް ސާބިތު ކޮށްފިނަމަ، ޤާނޫނުލްއުގޫބާތުން ލިބިދޭ ލުއި ލިބިދިނުމަށްފަހުވެސް، އެމަނިކުފާނުގެ ޖަލު ޙުކުމުގެ ޖުމްލަ މުއްދަތު 150 އަހަރާ ގާތް ކުރާނެ ކަމަށް ބެލެވެއެވެ.

މީހަކު ކުށެއް ނުކުރާނެއެކޭ އަޅުގަނޑު ނުބުނާނަމެވެ. އަދި އެ ކުރި ކުށެއް، ޝައްކެއް ނެތް މިންވަރަށް އެމީހެއްގެ މައްޗަށް ސާބިތުވާވަރަށް ހެކި ހުރެއްޖެނަމަ އެމީހަކަށް އަދަބު ނުލިބޭންވީ ސަބަބެއްވެސް ނެތެވެ. ނަމަވެސް އެ އަދަބެއް އޭނާއަށް ދިނުމަކީ އޭނާގެ އިންސާނީ ޙައްޤުތަކާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ކަމުގައި ވެގެން ނުވާނެއެވެ. އެއީ އިންސާފުގެ ހަމައެވެ.

އަދީބުގެ މައްސަލައިގައި ކަން ހިނގަމުން ދަނީ މި ދެންނެވުނު އިންސާފުގެ ހަމައާއި ދިމާ އިދިކޮޅަށްކަން ހަމަބުއްދިން ވިސްނި ކޮންމެ މީހަކަށް ފަހުމުވާނެއެވެ. ކުރެވުނު ދައުވާތަކުގައި އަދީބާއި ދެކޮޅަށް ހުށަހެޅި ހެއްކާއިމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އަދީބު ވިދާޅުވެގެން ދެފަހަރަށް ބޮން ހަދައިދިން ކަމަށް ބުނާ މީހާ މިނިވަން ވީމައެވެ. ބޭރުގެ ފަރާތްތަކުން ފިނިފެންމަލުގައި ގޮވި ގޮވުމުގެ އަސްލާމެދު ދެބަސްވީމައެވެ. އަދީބުގެ ފަރާތުން މައްސަލައިގައި ހާޒިރުކޮށްދޭން އެދުނު އެތައް ހެކިންނެއް ހާޒިރުކޮށް ނުދިނީމައެވެ. އެ ޝަރީއަތްތަކުގައި ހުރި އާންމު ރައްޔިތު މީހާއަށް ޤަބޫލުކުރާން ދަތި ކަންކަމުގެ ލިސްޓު ނިކަން ދިގެވެ.

އަދީބަށް ދެވުނު އަދަބު މިއަދު އެވަނީ އެ އަދަބުގެ އިންތައް ފަހަނައަޅައި ގޮސްފައެވެ. އެ އަދަބުގައި ނެތް އެތައް އަދަބެއް އަދީބަށް ދީ، އިންސާނަކަށް ވީތީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ، މެޖޯރިޓީ ލީޑަރު އަޙުމަދު ނިހާނާއި، މެންބަރު ޢަބްދުއްރަޙީމާއި، މެންބަރު ޑރ. ޢަބްދުﷲ ޚަލީލާއި، އަޅުގަނޑާއި، ތިޔަބޭފުޅާއަށްވެސް ލިބެންޖެހޭ އެންމެ އަސާސީ ޙައްޤު ކަމުގައިވާ ދިރިހުރުމުގެ ޙައްޤު އަދީބުގެ ކިބައިން އެ ދަނީ ފާޅުގައި ނިގުޅައިގަނެވެމުންނެވެ. އަދީބުގެ ފުރާނަފުޅަށް އަގުކިޔައި، ރައީސް ޔާމީންގެ ސަރުކާރުން އެވަނީ ފައިސާގެ ދަހިވެތިކަމުގައި ބޭސްފަރުވާގެ ހައްޤުން އަދީބު މަހުރޫމް ކޮށްފައެވެ.

އަދީބަށް ދިމާވެފައިވަ ސިއްޙީ މައްސަލަތަކުގެ ވާހަކައަކީ މިއަދު އާ ވާހަކައެއް ނޫނެވެ. ލޮލުގެ ފެނުން ގެއްލިދާފަދަ ބައްޔެއް ކަމުގައިވާ ގްލުކޯމާގެ ވާހަކައެވެ. ކިޑްނީގައި ހިލަ އުފެދިފައިވާ ވާހަކައާއި ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު ބޮޑު ސިސްޓުތަކެއްގެ ވާހަކައެވެ.

މި ބަލިތަކުގެ ތަފްޞީލަށް ދާކަށް ނެތީމެވެ. ސަރުކާރުން އަދީބުގެ ބޭސްފަރުވާއާ މެދު ކަންކުރާ ގޮތާއި ގުޅޭގޮތުން މިހާތަނަށް މާބޮޑަށް އާންމުކޮށް ނުދެކެވޭ ވާހަކައެއް ފާހަގަކޮށްލާނަމެވެ. ރާއްޖެއިން ބޭރުން އަދީބު ބޭސްފަރުވާ ހޯދުމުގެ ފުރުޞަތަށް ސަރުކާރުން ހުރަސްއަޅަމުންދާއިރު، ރާއްޖޭގައި އަދީބަށް ދެވޭ ފަރުވާއަކީވެސް ސަރުކާރުން ޖޯކެއްގެ އުސޫލުން ކުރާ ކަމެކެވެ.

އަދީބުގެ ސިއްޙީ ބޮޑެތި މައްސަލަތަކެއް ހުރިއިރު އަދީބަށް ފަރުވާދެމުންދަނީ އެކި ފަހަރު އެކި ޑޮކްޓަރުން ލައްވައެވެ. އަދީބަށް ދެމުންދާ ފަރުވާގެ ފުރިހަމަ ތަފްޞީލު އާއިލާއާއި ހިއްސާ ނުކުރާއިރު، މިހާތަނަށް ހިއްސާކޮށްފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ތަފާތު 9 ޑޮކްޓަރަކަށް އަދީބު ދައްކާފައިވެއެވެ. އެއީ ސިސްޓުތަކުގެ މައްސަލައިގައި 6 ޑޮކްޓަރުންނާއި، ލޮލުގެ ދެ ޑޮކްޓަރުންނާއި، ކިޑްނީގެ ޑޮކްޓަރެކެވެ. މީގެ ތެރޭގައި އަދީބުގެ ކެންސަރަށް ސްކްރީން ކުރުމަށް އިންޑިއާއަށް ވަޑައިގަތުމަށް ލަފާދެއްވި އައިޖީއެމްއެޗްގެ ޔޫރޮލޮޖިސްޓް ޑރ. އަހުމަދު އަޝްރަފްވެސް ހިމެނިވަޑައިގަންނަވައެވެ. ލިޔެކިޔުންތަކުން ފާހަގަވާ އަނެއް ކަމަކީ، 2015  ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ފަހުން، އެތައް ފަހަރަކު އެދުމުންވެސް، ސިސްޓުގެ މައްސަލައިގައި އަދީބު ޑޮކްޓަރަށް ނުދައްކައި ގިނަ ދުވަސްތަކެއް ފާއިތުވެގެންދިޔަ ކަމެވެ. އެ ތާރީޚުގެ ފަހުން ސިސްޓުތަކުގެ މައްސަލައިގައި އަދީބު ޑޮކްޓަރަށް ދައްކާފައިވަނީ މި އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ.

ފާހަގަވާ އެހެން ކަމެކެވެ. މިއިން ޑޮކްޓަރަކު ޓެސްޓެއް ހަދަން ދީފިނަމަ، އެފަހަރަކު ޖެހުނު ތާކުން، ހިތަށް އެރި ވަގުތަކު ޓެސްޓު ހަދައި، ޓެސްޓުގެ ނަތީޖާ ދެން ދައްކަނީ އެހެން ޑޮކްޓަރަކަށެވެ. ގިނަ ފަހަރު އެހެން ކްލިނިކެއް ނުވަތަ ހޮސްޕިޓަލެއްގެ ޑޮކްޓަރަކަށެވެ.

އަދީބަށް ސިއްހީ ފަރުވާދޭން ދެކޮޅު ހަދައި، ދޭ ފަރުވާއެއްނަމަ ކުޅޭ "ޖުވާއެއް"ގެ އުސޫލުން ސަރުކާރުން ކަން ކުރަމުން ދާއިރު، އަދީބަށް އެދަނީ ވަގުތު ކުޑަތަންވަމުންނެވެ. ބޭބޭފުޅު މި ދުނިޔެ ދޫކުރެއްވި ބަލީގެ ތުންފަތްމަތީގައި، އެއަށްވުރެވެސް ނުރައްކާތެރި ހާލަތެއްގައި އަދީބް ހުންނެވިއިރު ސަރުކާރަށް އަދިވެސް މުހިއްމީ ފައިސާއެވެ. އަދީބުގެ ފަރާތުން ހޯއްދަވަން ރައީސް ޔާމީން ބޭނުންފުޅުވެލައްވާ ގާތްގަނޑަކަށް 80 މިލިއަން ޑޮލަރެވެ.

ނިހާނުއެވެ. ރުޅި މަޑީ އަދުރޭ އެއް ޑރ ޚަލީލެއް ނޫނެވެ. އަދީބުގެ އާއިލާއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 ސެޕްޓެންބަރ 2017 | ބުދަ 13:41
ސަޖޯ
ރުޅިމަޑީ އާއިލާ އެކަންޏެއްނޫން. އަހަރެމެންވެސް ރުޅިމަޑު. ތިޔަ އަދީބަކާ ހުރެ ކިތައްމީހުންގެ ވަޒީފާ ގެއްލުނުބާ؟ ސްޓެލްކޯ ފެނަކަ ތަންތަނުގެ ސްޓާފުން ޕާޓީ ޖަލްސާއަށް ނުދިޔައީމާ މައާފަށް އެދެންޖެހެނީ ސީދާ ބުރޯކައިރިންނޭ ބުނާއަޑުއިވުނު އެދުވަސްވަރު. ތިބުނާ އާއިލާ ކޮބާބާ އޭރު. އާއިލާއިން ދާންވީނު މާފަށް އެދެން ވަޒީފާއިން ވަކިކުރި މީހުން ކައިރިން.