ދުނިޔޭގެ އާބާދީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ އިރު އާބާދީއާ އެއްވަރަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުއްދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭ ސިޓީއަށް ބަލާލުމުން ވެސް އާބާދީ އާއި ތޮއްޖެހުމުގެ ސަބަބުން ދިމާވާނެ މައްސަތައް ވަރަށް ސާފުކޮށް ފެންނަމުންދެ އެވެ. ގިނަ ބަޔަކު ކުޑަ ތަނެއްގައި ދިރިއުޅެން ޖެހެމުން ވައި ތަޣައްޔަރުވުމާއި ދިރިއުޅޭނެ ތަނެއް ނެތުމާއި ތަފާތު އެކި ކަހަލަ އިޖްތިމާއީ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.
ދުނިޔޭގެ އާބާދީ މިހާރު ގާތްގަނޑަކަށް 7.5 ބިލިއަނަށް އަރާފައިވާ އިރު 2050 އަށް ދުނިޔޭގެ އާބާދީ 9.5 ބިލިއަނަށް އަރާނެ ކަމަށް ޕޮޕިއުލޭޝަން ރެފްރެންސް ބިއުރޯއިން ކޮށްފައިވާ ދިރާސާއިން ދައްކަ އެވެ.
މިއީ 33 އަަހަރުގެ ތެރޭގައި އަންނާނެ 31 ޕަސެންޓްގެ ކުރިއެރުމެކެވެ. އާބާދީ އިތުރުވެ، ދުނިޔޭގެ އެކި ސަރަހައްދުތައް ތޮއްޖެހުމުގެ ސަބަބުން ތަފާތު މައްސަލަތައް ކުރިމަތިވުމަށް މަގުފަހިވެ އެވެ.
އާބާދީއަށް އަންނަ މި ބޮޑު ބަދަލުގެ ތެރެއިން އެފްރިކާގެ އާބާދީ 2.6 ބިލިއަނަށް އަރާނެ ކަަމަށް ލަފާކުރެވެ. އެއީ މިހާރުގެ އާބާދީއަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. އޭޝިޔާގެ އާބާދީ 750 މިލިއަނަށް އިތުރުވާ އިރު ގާތްގަނޑަކަށް 5.2 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެމެރިކާގެ އާބާދީ އެއް ބިލިއަނުން އެކެއް ޕޮއިންޓް ދެ ބިލިއަނަށް 2050 ވަނަ އަހަރު އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި އިންޑިޔާގެ އާބާދީ، ޗައިނާގެ މައްޗަށް ކުރި ހޯދާ ދުނިޔޭގެ އެންމެ ބޮޑު އާބާދީއަށް ވެގެންދާނެ އެވެ. އެގޮތުން 1.7 ބިލިއަނަށް އާބާދީ އިތުރުވެގެންދާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އިންޑިޔާގައ މިހާރުގެ ގާތްގަނޑަކަށް 1.35 މީހުން ދިރިއުޅެމުންދެ އެވެ.
ދުނިޔޭގެ އާބާދީ އިތުރުވެގެންދާ އިރު ޔޫރަޕްގެ އާބާދީ 745 މިލިއަނުން 736 މިލިއަނަށް ދަށަށް ދާނެ ކަމަށް ދިރާސާއިން ދައްކަ އެވެ.
ދިރާސާތަކުން ދައްކާގޮތުން ދުނިޔޭގައި އެކި ކަހަލަ ރިސޯސަސްތައް ބޭނުން ކުރަންޖެހޭ މިންވަރަށް ވުރެ 1.7 ފަހަރު އިތުރަށް މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި މިއަށްވުރެއް ވެސް މީހުން ބޭނުން ކުރާ ވަސީލަތްތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެއެވެ. ކުރިއަށް އޮތްތަނުގައި ދުނިޔޭގެ ގުދުރަތީ ވަސީލަތްތައް ހުސްވެ އެންމެންނަށް ބޭނުން ކުރެވޭ ވަރަށް ވުރެ މަދުވުމުގެ ބިރު އޮތުމުން އެތައް މައްސަލައެއް މީހުންނަށް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
މަޝްހޫރު ސައިންޓިސްޓް ސްޓީވަން ހޯކިންގް ބުނާ ގޮތުގައި ދުނިޔޭގައި މީހުން ދިރިއުޅުމައްޓަކައި އިންސާނުން އެހެން ދުނިޔެއެއް ހޯދަން ޖެހޭ ކަމަށާއި ހީނުކުރާހާ އަވަސް މިނެއްގައި މި ދުނިޔެ ހާލަކުވަމުންދާނެ ކަމުގެ ބިރު ބޮޑެވެ.
އާބާދީ އިތުުރުވި ނަމަވެސް މިކަމަށް ފަސޭހަ ހައްލެއް ނެތެވެ. ތަފާތު އެކި އީޖާދުތަކާއި ދިރިއުޅުމުގައި ގެންގުޅޭ ރަގަޅު އުސޫލުތަކުގެ ސަބަބުން ތުއްތު އިރު މަރުވާ ކުދިންގެ އަދަދު ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. އަދި މީހުން ދިރިއުޅޭ އުމުރު ވެސް ދުނިޔޭގައި އެވްރެޖުކޮށް އަންނަނީ އިތުރުވަމުންނެވެ.
އެހެންނަމަވެސް، ދަނޑުވެރިކަން އިންތިހާއަށް އިތުރުކޮށް ސިޓީތައް ތަރައްގީ ކުރުމުގައި ދެމެހެއްޓެނިވި އުސޫލުތައް ބޭނުން ކުރުުމުން އިތުރުވާ އާބާދީއަށް ގޮތްތައް ކަނޑައެޅުމަށް ފަސޭހަވެގެންދާނެ އެވެ. އެހެން ނަމަވެސް މިފަދަ ޕްލޭންތަކުގައި ގުދުރަތީ ވަސީލަތްތައް ބޭނުން ކުރަންޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު އެވެ.
އާބާދީ އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން މުޅި ދުނިޔެއަށް ތަފާތު މައްސަލަތަކާ ކުރިމަތިލާންޖެހޭކަން ތަފާތު ހޯދުންތަކުން ހާމަވާ އިރު މިއީ ކޮންމެ ފަރުދަކުވެސް ވިސްނަންޖެހޭނެ ކަމެކެވެ. ހަމައެކަނި މިކަމުގައި ފިޔަވަޅު އަޅަންޖެހޭނީ ކަމާ ގުޅޭ ފަރާތްތައް އެކަންޏެއް ނޫނެވެ. ފަރުދީ ފެންވަރުގައިވެސް ތަފާތު އެކި ވަސީލަތްތަކާ ހިދުމަތްތައް ބޭނުން ކުރުމުގައި އިސްރާފުނުކޮށް، ދިރުއުޅުމުގެ ކަންކަމުގައި ދެމެހެއްޓެނިވި ގޮތްތަކެއް ގެންގުޅުން މުހިންމެވެ.