ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 18:21
ކުޑަކުއްޖަކު ޓެލެތޯންގައި ބައިވެރިވެ ފަންޑަށް ލާރިލަނީ
ކުޑަކުއްޖަކު ޓެލެތޯންގައި ބައިވެރިވެ ފަންޑަށް ލާރިލަނީ
މުހައްމަދު ފަޒީން
ރޮހިންޖާ ޓެލެތޯން
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
ކުންފުނިތަކުގެ މުވައްޒަފުންގެ ދުވަހު މުސާރަ ރޮހިންޖާ ފަންޑަށް
ކުޑަކުދިންގެ ޕިގީ ބޭންކު އަޅާލީ ފަންޑުފޮށްޓަށް
ފަންޑަށް ފައިސާ އަޅަން އެއްބަޔަކު ވާރޭގައި ތެމިފޯވެގެން

ރޮހިންޖާ މުސްލިމުންނަށް ލިބެމުންދަނީ އާދައިގެ އަނިޔާތަކެއް ނޫނެވެ. ތަހައްމަލް ކުރަން ކުޅަދާނަ އަހުވަތަކެއް ނޫނެވެ. އެވެރިން އުޅެމުން އެދާ ޙާލަތާއި އެނާމާން ކަމާއި ބިރުވެރިކަމުން މުޅި ދުނިޔެވަނީ ފެންކަޅިވެފައެވެ. އެކުޑަކުދިންގެ ގިސްލާ ރުއިންތަކުގެ އަޑު ވަނީ އެއްއަޑަކުން ގުގުމާފައެވެ. އެނިކަމެތިކަމުން އެންމެ ބޮޑަށް އަސަރުކުރި އެއްބަޔަކީ ދިވެހިންނެވެ. އެންމެހާ މުސްލިމުންނަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް ދިވެހިންނާ އެއްލޭ ހިނގާ ބައެއްކަން އަބަދުވެސް ޤަބޫލުކުރަމުން އަންނަ މިކުޑަކުޑަ ދިވެހިރާއްޖެއަށެވެ. އެވެރިންނަށް އަޅާލުމާއި އެހެން މީހުންގެ އެހީތެރިކަން ބޭނުންވާކަން ބަލައިގެން އެއްބަޔަކީ ކިތައްމެ ވަސީލަތްތައް މަދަސް ހަމްދަރުދީން ފުރިފައިވާ މި ދިވެހިރާއްޖެއެވެ.

އެހަމައިގެ މަތިން އެންމެހާ ދިވެހިން ތިބީ ރޮހިންޖާގެ މުސްލިމުންނާއެކުގައިކަން ހާމަކޮށް ދިނުމަށް ރާއްޖެ ޓީވީން އިސްނެގީ މުޅި ދިވެހި ޤައުމުގެ ހައްޤުގައެވެ. އެންމެގިނަ ބަޔަކު ބަލަމުންދާ ރާއްޖޭގެ ނަމްބަރ ވަން ޓީވީ ޗެނަލްގެ ގޮތުގައި އޮންނައިރު މިފަދަ ކަމެއްގައި އިސްނެގުމަކީ އަމިއްލަ ޒިންމާއެއް ކަމަށް ޤަބޫލު ކުރެވިގެންނެވެ.

ކިތައްމެ މީސްކޮޅު މަދަސް އަދި ވަސީލަތުގެ ގޮތުން މުއްސަދިނކަމެއް ނެތް ރާއްޖެ ޓީވީއަށް މިކަމުގައި ހިތްވަރު ލިބުނީ މީގެ ކުރިން ވެސް މިފަދަ ކަންކަމުގައި ރައްޔިތުން ދައްކުވައިދީފައިވާ ލާމަސީލު ނަމޫނާއެވެ. މުޅި ދިވެހި ޤައުމުން ފެނިފައިވާ އެއްބައިވަންތަ ކަމެވެ.

ރާއްޖެ ޓީވީން މިފެށި ޓެލެތޯންގެ މައިފޮށި ބަހައްޓާލީ ރާއްޖެ ޓީވީގެ ދޮރުމަތީގައެވެ. ފޮށި ބަހައްޓާލުމުގެ ފަންކްޝަން ނިމެންދެން ވެސް ކެތްކުރާކަށް އެއްބަޔަކު ބޭނުމެއް ނުވިއެވެ. ފެނުނީ ފަންޑު ފޮއްޓަށް ފައިސާ އޮހިގެންތަނެވެ. އިސާހިތަކު ބަލަބަލާ ތިއްބާ ފެންނަން ފެށީ ވަރަށް ރީތި މަންޒަރުތަކެކެވެ. ހާމަވާންފެށީ އުއްމީދީ ކުލަވަރެކެވެ. ހީވީ ފޮށި ނުބަހައްޓައިގެން ތިބިހެންނެވެ. ބައިބަޔަށް ދުރުދުރުގައި ތިބި މީހުންގަނޑު ވެސް އެފެށީ ފޮއްޓަށް ފައިސާ އަޅާށެވެ. އުމުރުން ދުވަސްވީ މީހުންނެވެ. ޒުވާނުންނެވެ. އެކުގައި ގެނައި ކުޑަކުދިން ލައްވައެވެ. އަންހެންނުންނާއި ފިރިހެނުންނެވެ. ރާއްޖެ ޓީވީ ހުރަސްކުރާ ސައިކަލެއް ކާރެއް އެފޮއްޓަށް ކޮންމެވެސް އެއްޗެއް ވައްޓާ ނުލައެއް އެހެން ހުރަހެއް ނުކުރެއެވެ. ކަމާކަންފަށާ އައިސް ފައިސާއަޅަންފެށީ ތިޔަހެނެއް ނޫނެވެ. ކުޑަކުދިން އެކުދިންގެ ޕިގީ ބޭންކުތައް ހިފައިން އައިސް އެވަކިލާރިކޮޅުވެސް އަޅާލާތަން ފެނުނީ އަސަރުން ފުރިގެންވީ ރީތި މަންޒަރެއްގެ ގޮތުަގއެވެ.  ބައެއް މީހުން ފައިސާގެ ބޮޑެތި ބޮނޑިތައް ގެނެސް އެއޮއްސާލީވެސް ހަމަ އެފޮށި ތެރެއަށެވެ. ޓެކްސީ ލިބުން ކިތައްމެ ބާރު ބޮޑު ނަމަވެސް ފޮށިދޮށަށް ކަމާކަންފަށާ ޓެކްސީގައި އައި މީހުންގެ ގިނަ ކަމުން އެމީހުން މިކަމަށް ހުރި ޝައުގުވެރިކަން ފެނިގެން ދިޔައެވެ. ލިބެމުން ދިޔަ އެސްއެމްއެސްތަކުން އެނގުނީ ގޭގައި ނާދެވި ތިބި މީހުންވެސް ތިބީކީ ދޫކުރާ ގޮތަކަށް ނޫން ކަމަށެވެ. އެކަމަށްޓަކައި ހުޅުވާލި އެކައުންޓަށް ލިބެމުންދިޔަ ފައިސާތަކާއެކު ދިވެހިންގެ ދީލަތިކަން އިންތިހާއަށް ފެންނަން ފެށިއެވެ.

ބައެއް މީހުން ހަމައެކަނި ފޮއްޓަށް އެލީ އެއްޗެއް ލައިފާ އެނބުރި ދިޔައީކީ ނޫނެވެ. ރާއްޖެޓީވީތެރެއަށްވަދެ ޓީޝާޓެއް ދެޓީޝާޓް ނުގަންނަ މީހަކު މަދެވެ. ދަރިންނަށް ކުދި ޓީޝާޓް ގެންދަން ފެށީކީ މަދު މީހެއް ނޫނެވެ. އިސާހިތަކު ގަޑިއެއްހާއިރު ތެރޭގައި ދެވަނަ ފަހަރަށް ޓީޝާޓް ޕްރިންޓް ނުކޮށް ފަރަކު ނުޖެއްސުނެވެ.

މާލޭގައި ނެގި ފޯރިއާ އެއްވަރަށް ރަށްރަށުގެ ރައްޔިތުން އަރުވާޖަހާފައި ދައްކަންފެށި ހިތްވަރު ވެސް ވަކި ކުޑައެއް ނޫނެވެ. ކައުންސިލްތަކުން ބެހެއްޓި ފޮށިތަކަށް ލިބެމުންދިޔަ އަދަދު ފެނިފައި އެކަން ވަނީ ހާމަވާން ފަށާފައެވެ. އަމިއްލަ މީހުން އެމީހުންގެ ވިޔަފާރިތަކުގެ ދުވަހުގެ ސޭލްސްގެ އިންސައްތަތައް ހޭދަކޮށްލީ ރޮހިންޖާ މުސްލިމުނަށް އެހީވުމަށެވެ. ކުންފުނިތަކުގެ މުވައްޒަފުން އެމީހުންގެ އެއްދުވަހުގެ މުސާރަ ދޭން ބޭނުން ކަމަށް ބުނެ ކުރަމުން ދިޔަ ފޯންކޯލްތައް އިންތިހާއަށް އިތުރުވިއެވެ.

ނަތީޖާއެއްގެ ގޮތުން ބަރާބަރު 10 ގަޑިއިރު ވީއިރު ލައްކައިން ގުނަންފެށި ފައިސާގެ އަދަދު ގިރާކޮށް އެއްމިލިއަނުން ކިޔާލުމުގެ ނަސީބު ލިބިގެން ދިޔައެވެ. އެޔާއެކު ދެން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު އިތުރުކޮށް ދިނުމަށް އެދި އެދެމުންދިޔަ ދިޔުމެވެ. ޓެލެތޯންގެ ވަގުތު އިތުރުކޮށް ދިނުމަށް އެދި ކުރަންފެށި އާދޭހެވެ.

ފަތިހު ފަތިސް ނަމާދުން ފައިބައިގެން ރޭއަލިކަން ނުކެނޑެނީސް ފޮއްޓަށް ފައިސާ އަޅަން އައި އުމުރުން ދުވަސްވީ މީހުންގެ އެހިތްވަރު ފެނިފައި ވެސް ރާއްޖެ ޓީވީއަކަށް ކެތެއް ނުކުރެވުނެވެ. ހިނގާފައި ނާދެވޭތީ ސައިކަލުގައާއި އަތުލަފިކޮށްގެން ބައްޕަ ގެނެސް ފަންޑުފޮށި ދޮށުގައި ބަހައްޓާލަދިން ދަރިންގެ ޙައްޤުގައިވެސް ރާއްޖެ ޓީވީއަށް ޓެލެތޯންގެ ވަގުތު އިތުރުކުރަން މަޖްބޫރުވެ އިތުރު ހަގަޑިއިރަށް ވަގުތު ދަންމާލިއެވެ.

ދެނެކާ ދެނެއް ނެތެވެ. އަނެއްކާވެސް ފެނުނީ އިތުރު ގިޔަރެއް ރައްޔިތުން ޖައްސާލިތަނެވެ. ސްކޫލް ތަކަށް ކުދިން ގޮވައިގެން ދިޔަ މީހުންނާ އޮފީސްތައް ނިންމާލި މުވައްޒަފުންގެ އުފަލަކަށް ހެދީ ފަންޑުފޮށްޓަށް ފައިސާ އަޅައިގެން ރޮހިންޖާ މުސްލިމުންނާއެކު އެވެރިން ވެސް ތިބިކަން ހާމަކޮށްލުމަށެވެ. ވެހެމުންދިޔަ ވާރޭއަށް ބެލުމެއްނެތި ތެމިފޯވެގެން ކުޑަކުޑަކުދިން ވެސް ބެލީ އެމީހުން އެއްކުރި ލާރި ދަޅު ވެސް ފަނޑުފޮއްޓަށް އޮއްސާލެވޭތޯއެވެ.

ކޮންމެއަކަސް 30 ގަޑިއިރަށް ރާއްޖެ ޓީވީން ދިވެހިންގެ ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު ސާފު ފައިސާގެ ގިނަކަމުން މިޓެލެތޯން ކާމިޔާބުވެއްޖެވެ. އެކަމުގެ ސިއްރަކަށްވީ ދިވެހިންގެ ލާމަސީލު ނަމޫނާއެވެ. ހާޅުގައި ޖެހި އެހީތެރިކަމަކަށް ބޭނުންވެފައި ތިބޭ އެހެން މީހުންނަށް މީގެ ކުރިން ވެސް ދިވެހިން ދައްކާލަދިން ރީތި މިސާލުންނެވެ.

ސާބަސް! އައްސަރިބަހުން ސާބަސް! ތިޔަ ދައްކުވައިދިނީ އަނެއްކާވެސް ޙަޤީގީ ދިވެހިވަންތަކަމެވެ. އެހެންމީހުންގެ ޙާލަށް ހަމްދަރުދީވާ ބައެއް ކަމުގައި ދިވެހިން އަބަދުވެސް ވާނެކަން ޔަޤީންކޮށްދިން ފުރިހަމަ ނަމޫނާއެކެވެ. ކިތައްމެ ދުރުގައި ތިއްބަސް އަޅުގަނޑުމެންފަދަ މުސްލިމުންނަށް ލިބޭ ހިތްދަތިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫނޭ ބުނެ ތިޔަދެއްކެވީ އަނެއްކާވެސް ލާމަސީލު މިސާލެކެވެ. ދިވެއްސަކަށް ވީތީ ފަޚުރުވެރިވާނަމޭ ބުނެލަން އަނެއްކާ ވެސް ނިންމި ބުއްދިވެރި ހެޔޮ ވިސްނުމެކެވެ. ހަމަޔަޤީނުން ވެސް ދިވެހިންގެ ނަން ތާރީޚުގައި އިތުރަށް ފެވިގެންދާނެ ފަޚުރުވެރި ރަންވަނައެކެވެ.

 

- ކޮމެންޓް
12 ސެޕްޓެންބަރ 2017 | އަންގާރަ 13:23
ގައުމީދޫ
މުސްލިމް އުއްމަތުގެ ހައްގުގައި ރާޢްޖެ ޓީވީ އިން ތިކުރާ މަސައްކަތަކީ ޝުކުރުވެރިވުން ހައްގު މަސައްކަތެއް. އަދި ދިވެހިންގެ ދީލަތިކަމަކީ މުޅި ދުނިޔެއާއި އިސްލާމީ އުއްމަތަށް ހުރި ބޮޑު މިސާލެއް. އަދި ހަމައެހެންމެ، މި ސަރުކާރުން ފްލެޓް ދިން ގޮތާއި ބެހޭ އިންވެސްޓިގޭޓިވެ ރިޕޯރޓަކާއި އެކު ، ފުލެޓް ދޫކޮށްފައިވާ ގޮތާއި މެދު ދިވެހި ރައްޔިތުންގެ ޝުއޫރު ގެނެސްދެވޭނެ ޕްރޮގްރާމެއް ގެނެސްދެއްވުމަކީ ވަރަށް ގިނަ ރައްޔިތުން ތަކެއްގެ ހައްގަށްޓަކައި ކުރަން ކޮންމެހެން ބޭނުންތެރިކަމެއް.