Advertisement
ކ. މާލެ
|
4 ޑިސެންބަރ 2025 | ބުރާސްފަތި 18:37
އަލީ ނަދީމް - ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ ހައްޔަރުކޮށްފައި  04-12-2025
އަލީ ނަދީމް - ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ ހައްޔަރުކޮށްފައި 04-12-2025
ރާއްޖެއެމްވީ
އޮޕަރޭޝަން އަލިމަގު
މައިލޯ ނަދަމާ ހައްޔަރުކޮށްފި
އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ނެޓުވޯޓުގެ އިސް މީހުންތައް ހައްޔަރުކޮށްފައިވާ ކަމަށް
މިހާތަނަށް އައި އިރު އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިިލިއަން ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ މީހުން ހޯދުމަށް، މުޅި ރާއްޖޭގައި ފުލުހުން ފަށާފައިވާ 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން އައްޑޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން އަލީ ނަދީމް (މައިލޯ ނަދަމާ) އާއި އިތުރު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕްރޭޝަންގެ ތެރެއިން ނަދީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިތަދޫ ކެފޭ އެއްގެ ތެރޭގައި ހުއްޓާ، ކޯޓް އަމުރެއްގެ ދަށުންނެވެ.

ނަދީމް އަކީ މި ސަރުކާރުގެ އެސްޕީޑީ އެއްގެ މަގާމުގައި ހުރި މީހަކަށްވާއިރު، ޕީއެންސީ އަށް ނިސްބަތްވާ ސަރުކާރުގެ މުވައްޒަފުންވެސް ގެންދަނީ ނަދީމް މިނިވަން ކުރުމަށް ސޯޝަލް މީޑިއާ ގައި ގޮވާލަމުންނެވެ.

ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނަދީމް މިނިވަން ކުރުމަށް ގޮވާލާ ކުރަމުންދާ ޕޯސްޓްތަކުގައި ވަނީ ނަދީމް އަކީ އައްޑޫ ސިޓީގައި ފުޓްބޯޅަ ކުރި އެރުވުމަށް ގިނަ މަސައްކަތެއް ކުރަމުންދާ ޒުވާނެއް ކަމަށާއި ނަދީމް ހައްޔަރުކޮށްފައިވަނީ ޒަތީ ގޮތުން ކަމަށް ދެކޭ ކަމަށް ބުނެފަ އެވެ.

ރާއްޖެއެމްވީއަށް ނަދީމްގެ ވަކީލުގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ނަދީމް ފުލުހުންގެ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އިތުރު ހެއްކެތް ނެތި ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމެއްގެ މަތިން ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ފަށާފައިވާ މިއޮޕަރޭޝަން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާއިރު، ފުލުހުން ބުނެފައިވަނީ އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ނެޓުވޯޓުގެ އިސް މީހުންތައް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މިއީ 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ބައެއް ކަމަށާއި އެ ނެޓުވޯކުގެ އިސް މީހުން ހޯދައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއްސުރެ ދިޔައީ ކުރަމުން ކަމަށެވެ.

މި މީހުން ހައްޔަރު ކުރުމުގެ ކުރިންވެސް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީލޯންޑާ ކުރުމުގެ ތަހުގީގެއް ދިޔައީ ހިންގަމުން ކަމަށާއި މިހާތަނަށް އައި އިރު އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިިލިއަން ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ ބޮޑު ޑްރަގް އޮޕަރޭޝަން "އޮޕަރޭޝަން އަލިމަގު" ގައި މިހާތަނަށް 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އޮޕަރޭޝަނުގައި ރެއިޑް ކުރި ތަންތަނުން މަސްތުވާތަކެތީގެ އިތުރުން ފައިސާވެސް ވަނީ ފެނިފަ އެވެ. އެގޮތުން 188،959.84 ރުފިޔާ އެތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ.

މި އޮޕަރޭޝަނުގައި 105 ތަނެއް ބަލައި ފާސްކުރުމަށްފަހު 110 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ.

އޮޕަރޭޝަނާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވާ ގޮތުގައި އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެކެވެ. އަދި އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ބުނާ ގޮތުގައި، ޑްރަގާ ދެކޮޅަށް ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ. އެ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބޭން ދިރާސާ ކުރަން ޖުލައި މަހު ރައީސް މުއިއްޒު އެންގެވި އެވެ. މި ސިޔާސަތުގެ ދަށުން ޑްރަގް ވިޔަފާރިވެރިންނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ވެސް ދިރާސާކުރަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.

- ކޮމެންޓް