ލ. ގަމު ފެނަކަ ބްރާންޗުގައި ރޯވެ މުޅި ރަށުން ބުދަ ދުވަހު ކަރަންޓް ކެނޑުނު މައްސަލަ ހައްލުކޮށް މުޅި ރަށަށް އަލުން ކަރަންޓް ދީފި އެވެ.
އިންޖީނުގޭގައި ރޯވީ ބުދަ ދުވަހުގެ މެންދުރު ފަހު 2:45 ހާއިރު އެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފު ނުވި ނަމަވެސް، މި ހާދިސާގައި އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފަ އެވެ.
އަލިފާން ނިއްވާލުމާއެކު ކަރަންޓު ދިނުމުގެ މަސައްކަތް ފަށާ، އަދި ބުދަ ދުވަހުގެ ރޭ 12 ޖެހުމުގެ ކުރިން މުޅި ރަށަށް ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުދަ ދުވަހު ބުނެފައި ވެއެވެ.
ފެނަކައިން ބުނީ ގެއްލުންވެފައި ވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށް ކަމަށެވެ. މި ހާދިސާގެ ސަބަބުން އިންޖީނު ގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްްކަތް ފެނަކައިން ކޮށްފައި ވެއެވެ.