Advertisement
ކ. މާލެ
|
18 ނޮވެންބަރ 2025 | އަންގާރަ 15:58
މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު
ރާއްޖެ އެމްވީ
2026 ބަޖެޓް
ކަން ހިނގަނީ ވިޔަފާރީގެ އުސޫލާ ވެސް ދިމާ އިދިކޮޅަށް، ކޮންމެ 1 ޑޮލަރުން ރާއްޖެ އަށް މިއަދު ވަނީ 20 ޑޮލަރުގެ ގެއްލުން: ސިޔާމް
ރާއްޖޭގައި ހަދާފައިހުރި ގިނަ އެއަރޕޯޓުތަކުން ފައިދާ ނުލިބޭ
ރާއްޖޭގަ ބޮޑެތި އިންވެސްޓުތައް ކޮށްފަ ހުރި ފޮރިން އިންވެސްޓްމަންޓުގެ ކުންފުނިތަކުން އެއްވެސް ޑޮލަރެއް ރާއްޖޭގަ ނުބަހައްޓާ

ވިޔަފާރީގައި އާންމު އުސޫލަކީ 1 ޑޮލަރު ޚަރަދު ކޮށްފިނަމަ 15 ޑޮލަރުގެ ފައިދާ ހޯދުން ކަމަށާ ނަމަވެސް މިއަދު ރާއްޖޭގައި އެއަރޕޯޓެއް އަޅައިގެން ކޮންމެ އެއް ޑޮލަރަކުން 20 ޑޮލަރު ގެއްލެމުން ދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2026 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ ރާއްޖޭގަ ހަދާފަހުރި ގިނަ އެއަރޕޯޓުތަކުން ފައިދާ ނުލިބޭ ކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

މިއަދުވެސް ރާއްޖޭގެ ގިނަ އެއަރޕޯޓުތަކަކީ އެ ތަންތަނަށް ބަރަވެލި ނޫނިއްޔާ އަރާނެ އެއަރޕޯޓުތަކެއް ނޫން ކަމަށް ފައިދާ ވަނީ ވަރަށް މަދު އެއަރޕޯޓަކުން ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

މިސާލަކަށް ބުނާނަމަ ޅ. އަތޮޅުގަ އެބައޮތް އެއަރޕޯޓެއް، އެތަނަށް ޖެއްސި ފްލައިޓެއް ނެތް. މިހެން ގޮސް އަޅުގަނޑުމެން އެއަރޕޯޓު މި ހަދަނީ. އެއަރޕޯޓެއް ހެދުމަށްޓަކައި އެބަ ޚަރަދުވޭ 10 މިލިއަނާ 11 މިލިއަން ޑޮލަރު. އޭގެން އަޅުގަނޑުމެންނަށް އެންމެ ލާރި އެއްވެސް ނުލިބޭ. އެ ފައިސާ ހަމަ އިސްރާފު ކުރެވެނީ،

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

ސިޔާމް ވިދާޅުވީ ރާއްޖެ އިން ކުރާ އިންވެސްޓްމަންޓުތަކަކީ އޭގެ ސަބަބުން ގައުމަށް ފައިދާވާ އިންވެސްޓްމަންޓުތަކަކަށް ހަދަން ޖެހޭ ކަމަށެވެ. ވިޔަފާރީގެ އާންމު އުސޫލަކީ ކަމަކަށް 1 ޑޮލަރު ޚަރަދު ކޮށްފިނަމަ އޭގެން 15 ޑޮލަރުގެ ފައިދާ ހޯދުން ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

ނަމަވެސް ރާއްޖޭގައި މިއަދު ކަންކަން ހިނގަނީ އެ އުސޫލާ ވެސް އިދިކޮޅަށް ކަމަށް މެންބަރު ވިދާޅުވި އެވެ. ސިޔާމް ވިދާޅުވީ އެއަރޕޯޓެއް އަޅައިގެން ޑޮލަރަކުން 20 ޑޮލަރު ރާއްޖެއަށް ގެއްލުން ވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ވެސް ހުރީ މިފަދަ އުނދަގޫތަކެއް ކަމަށް މެންބަރު ވިދާޅުވި އެވެ. އެގޮތުން ދިވެހިރާއްޖޭގެ މުޅި ޓޫރިޒަމް އިންޑަސްޓްރީގެ 90 އިންސައްތަ މިހާރު މުޅިން އޮތީ ފޮރިން އިންވެސްޓަރުން އަތުގައި ކަމަށް ސިޔާމް ވިދާޅުވި އެވެ.

ރާއްޖޭގައި ޑޮލަރު ހަރުލަނީ ރާއްޖޭގައި ތިބި މަދު ވިޔަފާރިވެރިން ކުރާ ބުރަ މަސައްކަތުން ކަމަށާ އެކަން އެމްއެމްއޭ އަށް އެނގޭނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

ރާއްޖޭގަ ބޮޑެތި އިންވެސްޓުތައް ކޮށްފަ ހުރި ފޮރިން އިންވެސްޓްމަންޓުގެ ކުންފުނިތަކުން އެއްވެސް ޑޮލަރެއް ރާއްޖޭގަ ނުބަހައްޓާ. ހަމައެކަނި މުސާރައާ އެއްޗެހި ދޭ ވަރަށް އެމީހުން ގެނަސްފަ ބާކީ އެމީހުންގެ ގައުމުތަކުގަ އެ ބަހައްޓަނީ. އެހެން ނަމަވެސް މި ގައުމުގަ މަސައްކަތް ކުރަމުންދާ ޗަމްޕާ އަފީފުއާ، ކޮލިމޮހޮދޭ އާ އަދި މިހެން ގޮސް ޔުނވަރސަލް އާ ގާސިމް އާ، މިހެން ގޮސް ދެން ތިބި ބަޔަކު ވެސް ތިބިއްޔާ ތިބި ބަޔަކު ތިބެގެން މި ގެންނަނީ ދިވެހިރާއްޖެ އަށް ލާރި. ރާއްޖޭގަ ލާރި ގެންގުޅެނީ.

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

އެހެންކަމުން މި ސިނާއަތް ދިވެހިންގެ އަތް މަތީގައި ބާއްވަން ޖެހޭއިރު ދިވެހިންނަށް އެކަން ކުރެވޭނެ މަގުފަހި ކޮށްދޭން ޖެހޭ ކަމަށް ސިޔާމް ވިދާޅުވި އެވެ. މެންބަރު ވިދާޅުވީ އެގޮތުން ދިވެހިންނަށް ރިސޯޓު ނުވަތަ ރަށް ދިނުމަށްފަހު އެ ރަށްތައް ހެދޭނެ ގޮތެއްް އެ މީހުންނަށް ހޯދައިދޭން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކެއް ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް، އެތައް އަހަރަކަށް ދެވިގެން ދާއިރު އޭގެ ސަބަބުން މުޅި އިގްތިސާދަށް ފައިދާ އަށްވުރެ ބޮޑަށް ލިބެނީ ގެއްލުން ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދު ރާއްޖޭގައި ބާއްވަން ޖެހޭ ކަމަށާ ނަމަވެސް މިއަދު އަތްމަތިން ބީވެގެން އެ ދިއައީ 90 އިންސައްތަ ބޭރުގެ ފޮރިންގ އިންވެޓްމަންޓަށް ކަމަށް މެންބަރު ވިދާޅުވި އެވެ.

- ކޮމެންޓް