Advertisement
ކ. މާލެ
|
18 ނޮވެންބަރ 2025 | އަންގާރަ 00:28
ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ރިސޯޓެއްގެ މަންޒަރެއް
ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ރިސޯޓެއްގެ މަންޒަރެއް
ޫޔުނިވާރސަލް
އިންވެސްޓްމަންޓް
ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ
ޓްރަމްޕް ފެމިލީ ބިޒްނަސް އާއި ސައުދީ ޕާޓްނަރު ދާރު ގްލޯބަލް، ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި 80 ވިލާގެ ލަގްޒަރީ ރިސޯޓެއް ބިނާކުރުމަށް ނިންމައި، ބޭރުގެ އިންވެސްޓަރުންނަށް ޓޯކަނައިޒޭޝަން މެދުވެރިކޮށް ބައިވެރިވުމުގެ މަގު ހުޅުވާލާނެ ކަމަށް ވަނީ ބުނެފައި.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލީ ވިޔަފާރި އާއި ސައުދީ ޕާޓްނަރަކާ ގުޅިގެން ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންވެސްޓްމަންޓު ހޯދައިގެން ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީ ކުރުމަށް ނިންމައިފި އެވެ.

މި ޕްލޭން ހާމަކުރީ ސައުދީގެ ވަލީއަހުދު ވޮޝިންޓަނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ އެއް ދުވަސް ކުރިންނެވެ.

ޓްރަމްޕް އޯގަނައިޒޭޝަން އާއި ލަންޑަންގައި ލިސްޓްކޮށްފައިވާ ދާރު ގްލޯބަލް އިން ހޯމަ ދުވަހު އިއުލާނު ކުރި ގޮތުގައި، މި ދެފަރާތް ގުޅިގެން ތަރައްގީ ކުރާ ރިސޯޓަކީ 80 ވިލާގެ ލަގްޒަރީ ރިސޯޓެކެވެ. އެތަނަކީ މާލެ އިން ލޯންޗު ގައި ކުރު ދަތުރަކުން ފޯރާ ހިސާބެއްގައި އޮންނާނެ ތަނެއް ކަމަށް ވެސް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓު ކޮށްފައި ވެއެވެ.

ރާއްޖޭ ގައި ކުުރުމަށް ހަމަ ޖެހިފައިވާ މި އިންވެސްޓްމަންޓުގެ ވާހަކަ އާންމު ކުރި އިރު ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ވޮޝިންޓަންގައި އެމެރިކާގެ ރައީސާ ބައްދަލު ކުރެއްވުމުގެ އިންތިޒާމު ތައް ދަނީ ކުރެވެމުންނެވެ. މި ދަތުރުފުޅަކީ ފާއިތުވި ހަތް އަހަރު ތެރޭގައި ޕްރިންސް މުހައްމަދު އެމެރިކާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެެވެ. މި ދަތުރުފުޅުގައި، ޑިފެންސް، ނިއުކްލިއަރ ކޯޕަރޭޝަން އަދި ސައުދީ އިންވެސްޓްމަންޓްތަކަށް ފޯކަސް ކުރާނެ ކަމަށް ބެލެވެއެވެ.

ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދާރު ގްލޯބަލް އާއި ޓްރަމްޕް އޯގަނައިޒޭޝަން އިން ރާއްޖޭ ގައި ހިންގާ މަޝްރޫއުގައި ޕްލޭން ކުރަމުން ދަނީ ކްރިޕްޓޯކަރަންސީގެ ޓެކްނޮލޮޖީ ބޭނުން ކުރުމަށެވެ. ޓްރަމްޕް އާއި އާއިލާ އަކީ ކްރިޕްޓޯކަރަންސީ ވިޔަފާރީގައި ބޮޑެތި ފައިދާ ތަކެއް ހޯދާފައިވާ ފަރާތްތަކެއްކަން ފާހަގަ ކުރެވެއެވެ. ޓްރަމްޕް އާއިލާ ގެ ކްރިޕްޓޯ ވިޔަފާރިން ފާއިތުވި އަހަރު ތެރޭގައި ޓެކްސް އުނިކޮށް 1 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިދާ ހޯދި ކަމަށް، ފައިނޭންޝަލް ޓައިމްސް ގެ ހޯދުންތަކުން ފާހަގަކުރެވުނެވެ، މި ހޯދުންތައް ޝާއިރު ކުރީ ފާއިތުވި މަހު އެވެ.

ޓްރަމްޕް އާއި އާއިލާ އިން ހިންގާ ކްރިޕްޓޯ ވިޔަފާރި އަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. ޓްރަމްޕް ސަރުކާރުން ކްރިޕްޓޯ އިންޑަސްޓްރީ އަށް ރަހުމަތްތެރި ސިޔާސަތުތައް ކަނޑައަޅާފައިވާތީ ފާޑު ކިޔާ ފަރާތްތަކުން ބުނެފައި ވަނީ އެއީ ޓްރަމްޕްގެ ވިޔަފާރި އަށް ފަހިވާ ގޮތައް ކަނޑައަޅާފައިވާ ސިޔާސަތު ތަކެއް ކަމުގައެވެ. ޓްރަމްޕް ގެ އާއިލީ ވިޔަފާރި ވެސް ގާއިމު ކުރަމުން ގެންދަނީ ވައިޓް ހައުސް އާ އެކު މަސައްކަތްކުރާ ސަރުކާރުތައް ހުރި ގައުމުތަކުގައި ކަން ފާހަގަ ކުރެވެއެވެ.

ޓްރަމްޕްގެ ދަނބި ދަރިކަލުން ޖެރެޑް ކުޝްނަރ ގެ އިންވެސްޓްމަންޓް ފަންޑް އެފިނިޓީ ޕާޓްނަރސް އަށް ގަލްފް ސޮވްރިން ވެލްތު ފަންޑްތަކުން އެތައް ބިލިއަން ޑޮލަރު ލިބިފައިވެއެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ލިބުނު 2 ބިލިއަން ޑޮލަރު ހިމެނެއެވެ.

ޓްރަމްޕް އޯގަނައިޒޭޝަން އާއި ދާރު ގްލޯބަލް އިން ވަނީ މެދުއިރުމަތީގެ އެކި ހިސާބުތަކުގައި މަޝްރޫޢުތަކެއް ފަށާފައެވެ. ޖިއްދާ އާއި ދުބާއީ ގައި ޓްރަމްޕް ޓަވަރުތަކާއި، ލަގްޒަރީ ހޮޓާތައް ބިނާ ކުރުމާއި، ގަތަރާއި އޯމާން ގައި ގޮލްފް ކޯސްތައް ތަރައްގީ ކުރުން ފާހަގަ ކުރެވެއެވެ.

ދާރު ގްލޯބަލް އަކީ ސައުދީގެ ބޮޑު ޑިވެލޮޕަރު ދާރު އަލް އަރުކާންގެ އިންޓަނޭޝަނަލް އާރމް އެވެ.

ރާއްޖޭގައި ހިންގަން މި ދެފަރާތުން ނިންމި މަޝްރޫއަކީ ބޭރުގެ އިންވެސްޓަރުންނަށް ބައިވެރިވުމުގެ މަގު ހުޅުވާލި ފުރަތަމަ މަޝްރޫއު ކަމަށް ބުނެފައި ވެއެވެ. މި ގޮތުން އެސެޓެއް ބްލޮކްޗެއިން ގެ އުސޫލުން ބައިބައިކޮށް، ބައިތައް އިންވެސްޓަރުންނަށް ގަނެ ވިއްކޭނެ މަގު ތަނަވަސް ވާނެ އެވެ.

މަޝްރޫއުގެ ބައިވެރިން ބުނި ގޮތުގައި، ލަގްޒަރީ ރިސޯޓް މަޝްރޫޢެއް ޓޯކަނައިޒް ކުރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެހެން ނަމަވެސް ފައިނޭންޝަލް ޓައިމްސް އިން ބުނެފައިވަނީ އެކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.

ޓްރަމްޕް އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އެރިކް ޓްރަމްޕް ވިދާޅުވީ، ކުންފުނިން "ދާރު ގްލޯބަލްއާ އެކު ރާއްޖެ އަށް ޓްރަމްޕް ބްރޭންޑް ގެނެވޭ ކަމަށްޓަކައި އުފާކުރައްވާ" ކަމަށެވެ.

- ކޮމެންޓް