މުޅި ފުވައްމުލައް ސިޓީން ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ މައްސަލާގައި މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހަނު ހުންނެވީ އިހުލާސްތެރިކަމެއް ނެތީމަ ކަމަށް ފުވައްމުލައް އިރު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރާއްޖެއެމްވީ އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއް ގައި ކައުންސިލަރު އިބްރާހިމް ވިދާޅުވީ މުޅި ސިޓީ ފެނަށް ޖެހުމަކީ ކަންބޮޑުވާ މައްސަލަ އެއް ކަމަށާއި، ރައްޔިތުންތަކަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. މިފަދަ ބޮޑު މައްސަލައެއް ގައި މިހާތަނަށް ރައީސްގެ ބަހެއް ނެތުމަކީ އެ ރައްޔިތުންނާ ދޭތެރޭގައި ރަނގަޅު ހިތެއް ނުވަތަ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ފެނުނު އެހެނިހެން ވެރިކަންތަކުގައި. ރައީސް ޔާމީން ވެރިކަމުން ފެށިގެން އަދި އޭގެ ކުރިން ވެސް ރައްޔިތުންނާ މިކަހަލަ އުދަނގޫ ހާލަތެއް ދިމާވާ ހާލަތުގައި ސީދާ ރައީސުލްޖުމްހޫރިއްޔާއާ ކައުންސިލްގެ ވެރިއަކަށް ހުންނަ ފަރާތާ ވެސް ސީދާ މުއާމާލަތް ކުރެވޭ ހިސާބަށް އެބަ އާދޭ. އެހެން ނަމަވެސް މިހިސާބަށް އައިރުގައި އަޅުގަނޑުމެންނަށް މިކަމާ ގުޅޭ އެއްވެސް ކަމެއްނެތް އެނގޭތޯ.
ފުވައްމުލައް އިރު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދު![]()
ފެނުގެ ޚިދުމަތަށް އިޝާރާތް ކުރައްވައި ކައުންސިލަރު އިބްރާހިމް ވިދާޅުވީ ބޭނުންވަނީ ވަގުތީ ހައްލެއް ނޫން ކަމަށާއި، ދާއިމީ ހައްލެއް ކަމަށެވެ. އެއީ ރައްޔިތުންގެ ޑިމާންޑު ކަމަށާއި، ކައުންސިލުން މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ކައުންސިލް ވަރަށް ބޮޑަށް އެއްފަރާތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ވަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ވަމުންދާ ކަމަށް ކައުންސިލަރު އިބްރާހިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގޭބިސީތަކަށް ފެން ބެހުމުގެ މަސައްކަތް ވެސް ކުރަމުން ދަނީ ކައުންސިލް އެކަހެރި ކުރުމަށްފަހު ކަމަށާއި، ކައުންސިލް އާ ނުލައި މަސައްކަތް ކުރުމުގައި ދަތިއުދަނގޫތައް ކުރިމަތިވާނެ ކަމަށެވެ. އެއީ ކައުންސިލް އަކީ މުޅި ސިޓީގެ ބެލެނިވެރި ފަރާތް ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.