Advertisement
ކ. މާލެ
|
12 ނޮވެންބަރ 2025 | ބުދަ 14:54
ފަށާއިރު ޕްރޮގްރާމް ގައި ފުވައްމުލަކުގެ ވިޔަފާރިވެރިޔާ މުހައްމަދު ޝަރަފުއްދީން ވާހަކަ ދައްކަނީ
ފަށާއިރު ޕްރޮގްރާމް ގައި ފުވައްމުލަކުގެ ވިޔަފާރިވެރިޔާ މުހައްމަދު ޝަރަފުއްދީން ވާހަކަ ދައްކަނީ
ރާއްޖެއެމްވީ
ފުވައްމުލައް ސިޓީ
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން
މި ސަރުކާރާއެކު މުޅި ރާއްޖެ އަށް އޮތީ ކާރިސާގެ ހާލަތު
ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމުގައި ސަރުކާރުން އިހުލާސްތެރި ނިޔަތެއް ނެތް
ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ދަތި ކޮށްފައި

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެވުނީތީ ރައްޔިތުންގެ ކިބައިން ފުވައްމުލައް ސިޓީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޝަރަފުއްދީން މައާފަށް އެދިއްޖެ އެވެ.

ބުދަ ދުވަހުގެ ފުވައްމުލަކުން ވަގުތުން ގެނެސްދިން ރާއްޖެޓީވީ ގެ "ފަށާއިރު" ޕްރޮގްރާމްގައި ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވިޔަފާރިވެރިޔާ ޝަރަފުއްދީން ވަނީ ވާހަކަ ދައްކާފަ އެވެ. ޝަރަފުއްދީން އަކީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުއިއްޒަށް ވޯޓު ހޯދައިދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ފަރާތެކެވެ. އަދި ބޮޑެތި ހަރަދުތަކެއް ވެސް ކޮށްފައިވެ އެވެ.

ޝަރަފުއްދީން ބުނީ، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުމުން އެކަމާ ދެރަވާ ކަމަށާއި، އެކަމުގެ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އަދި ރައްޔިތުންގެ ކިބައިން އޭނާ ވަނީ މައާފަށް އެދިފަ އެވެ.

މީގެ އިތުރުން ޝަރަފުއްދީން ބުނީ ރައީސް މުއިއްޒު ރައްޔިތުންގެ އަޑު ނާހާއިރު، އެމަނިކުފާނަށް ލަފާ އަރުވާ ބޭފުޅުންގެ އަޑު ވެސް ނާހާ ކަމަށެވެ.

އަޅުގަނޑު ވަރަށް ބުރަކޮށް މަސައްކަތް ކުރިން މިސަރުކާރު ގެނައުމަށް. އަޅުގަނޑު މިހާރު ވަރަށް ހިތާމަ ކުރަން ވަރަށް ދެރަވޭ އަޅުގަނޑު ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދެން ރައީސް މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރެވުނީތީ އެނގޭތޯ. ކޮންމެވެސް ވަރަކަށް ރައީސް މުއިއްޒާއި ކައިރިން މިހެން ވާހަކަ ދެކެވިފައި ހުރެވުމާއެކު އަޅުގަނޑަށް ރައީސް މުއިއްޒު ފާހަގަ ކުރެވުނީ ހަމަ ރައްޔިތުންގެ އަޑު ނާހާ އެނގޭތޯ. ރައްޔިތުން ކީއްކުރަންތޯ ކައިރީގައި ތިބޭ މީހުން ދައްކާ ވާހަކަ ވެސް އަޑެއް ނާހާ އެނގޭތޯ.

ފުވައްމުލައް ސިޓީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޝަރަފުއްދީން

ފުވައްމުލަކުން ފެނުގެ ޚިދުމަތް ކެނޑިފައިވާތީ އެކަމަށް އިޝާރާތްކޮށް ޝަރަފުއްދީން ބުނީ މި ސަރުކާރާއެކު މުޅި ރާއްޖެ އަށް އޮތީ ކާރިސާގެ ހާލަތު ކަމަށެވެ.

ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތި ކޮށްފައިވާ ކަން ފާހަގަ ކުރަމުން ޝަރަފުއްދީން ބުނީ، މި ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމުގައި ސަރުކާރުން އިހުލާސްތެރި ނިޔަތެއް ނެތް ކަމަށާއި، އިހުލާސްތެރި ކަމާއެކު މަސައްކަތް ނުކުރާ ކަމަށެވެ.

- ކޮމެންޓް