Advertisement
ކ. މާލެ
|
6 ނޮވެންބަރ 2025 | ބުރާސްފަތި 18:12
ބިޑު ކުރުމެއް ނެތި ރެކޯޑް އަދަދަކަށް މަޝްރޫއުތައް ވަނީ މުއިއްޒު ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލު ކޮށްފައި
ބިޑު ކުރުމެއް ނެތި ރެކޯޑް އަދަދަކަށް މަޝްރޫއުތައް ވަނީ މުއިއްޒު ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލު ކޮށްފައި
ރާއްޖެއެމްވީ ގްރެފިކްސް
މުއިއްޒު ސަރުކާރު
މުއިއްޒު ސަރުކާރުން ބިޑަކާ ނުލާ ބަހާލި މަޝްރޫއުތަކުން އެންމެ ގިނަ ފައިސާ ލިބޭ 10 ކުންފުނި، ކޮންމެ ކުންފުންޏަކަށް 100 މިލިއަނުން މަތި!
އަލްޓެކް މޯލްޑިވްސް އަކީ ޕީއެންސީ އަށް ނިސްބަތްވާ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމުގެ ކުންފުންޏަކަށްވާއިރު އެ ކުންފުންޏަށް ބިޑަކާ ނުލައި 286 މިލިއަން ރުފިޔާގެ 4 މަޝްރޫއު ހަވާލު ކޮށްފައިވޭ
ޖުމްލަ 206 މަޝްރޫއު 53 ކުންފުންޏަކަށް ހަވާލު ކޮށްފައިވާއިރު އެންމެ ގިނަ ފައިސާ ލިބޭ 10 ކުންފުންޏަށް ހަވާލު ކުރި މަޝްރޫއުތަކުގެ އަގު 1.5 ބިލިއަނަށް އަރާ

ބިޑު ކުރުމެއް ނެތި އަޑި ނޭނގޭ ގޮތައް މުއިއްޒު ސަރުކާރުން ބުރާސްފަތި ދުވަހު ބަހާލި މަޝްރޫއުތަކުން އެންމެ ގިނަ ފައިސާ ލިބެނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެކުންފުންޏަށް ގާތްގަނޑަކަށް 286 މިލިއަން ރުފިޔާ ލިބެއެވެ.

އަލްޓެކް މޯލްޑިވްސް އަކީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާ ގެ މެމްބަރު އިބްރާހިމް ނަސީމު ގެ ކުންފުންޏެކެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ ވެސް އޭނާ އެވެ. އޭގެ އިތުރުން ކުންފުނީގެ އަނެއް ޝެއަރހޯލްޑަރުގެ ގޮތުގައި ހުންނަވަނީ އައިމިނަތު ޝެނާލިން އެވެ.

ސަރުކާރުން 285.7 މިލިއަން ރުފިޔާ އަށް ބިޑަކާ ނުލާ އެ ކުންފުންޏަށް 4 މަޝްރޫއު ވަނީ ހަވާލު ކޮށްފައެވެ.

ދެވަނަ އަށް އެންމެ ގިނަ ފައިސާ ގެ އަދަދެއް ލިބެނީ، ފްލެކްސިން ޕްރައިވެޓް ލިމިޓެޑް އަށެވެ. އެ ކުންފުންޏަށް ބިޑަކާ ނުލާ 171.3 މިލިއަން ރުފިޔާ އަށް 6 މަޝްރޫއު ވަނީ ހަވާލު ކޮށްފައެވެ.

ތިން ވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ އަލާފް ފްރައިވެޓް ލިމިޑެޓް އަށެވެ. އެކުންފުންޏަށް 159.6 މިލިއަން ރުފިޔާ ގެ މަޝްރޫއު ވަނީ ލިބިފައެވެ. ޖުމްލަ 7 ޕްރޮޖެކްޓް މި ކުންފުންޏަށް ވަނީ ހަވާލު ކޮށްފައެވެ.

ހަތަރު ވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޑެޓް އަށެވެ. އެ ކުންފުންޏަށް 157.3 މިލިއަން ލިބެއެވެ. އެ ކުންފުންޏަށް 5 މަޝްރޫއު ވަނީ ހަވާލު ކޮށްފައެވެ.

ފަސް ވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެ ކުންފުންޏަށް 139.2 މިލިއަން ރުފިޔާ ލިބެއެވެ. އެއީ އެންމެ މަޝްރޫއަކަށެވެ.

ހަ ވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ ގްލަޓް އިންވެސްޓްމަންޓް އަށެވެ. ހަ މަޝްރޫއަކަށް އެކުންފުންޏަށް 129 މިލިއަން ރުފިޔާ ލިބެއެވެ.

ލިޓަސް އޮޓޮމޮބައިލްސް ޕްރައިވެޓް ލިމިޓެޑް އަށް 5 މަޝްރޫއަކަށް 123.8 މިލިއަން ލިބޭ އިރު މިއީ ހަތް ވަނަ އަށް އެންމެ ގިނަ ފައިސާ ލިބޭ ކުންފުންޏެވެ.

އަށް ވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ 122.5 މިލިއަން ލިބޭ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑް އަށެވެ.

ނުވަ ވަނަ އަށް އެންމެ ގިނަ ފައިސާ ލިބޭ ފެޑޯ ޕްރައިވެޓް ލިމިޓެޑަށް 116.9 މިލިއަން ރުފިޔާ ލިބޭ އިރު އެ ކުންފުންޏަށް ހަވާލު ކޮށްފައި ވަނީ ދެ މަޝްރޫއެކެވެ.

ދިހަ ވަނަ އަށް އެންމެ ގިނަ ފައިސާ ލިބޭ ކުންފުންޏަކީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް އެވެ. އެކުންފުންޏަށް 109.1 މިލިއަން ރުފިޔާ ލިބޭ އިރު ހަވާލު ކުރި މަޝްރޫއުގެ އަދަދަކީ ހަތަރެކެވެ.

މި 10 ކުންފުންޏަށް ހަވާލު ކުރި މަޝްރޫއުތަކުގެ އަގަަށް 1.5 ބިލިއަނަށް އަރައެވެ.

ޖުމްލަ 206 މަޝްރޫއު 53 ކުންފުންޏަކަށް ބުރާސްފަތި ދުވަހު ނަސަންދުރާ ގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ހަވާލު ކޮށްފައިވާ އިރު އެ މަޝްރޫއުތަކުގެ ޖުމްލަ އަގު 2.7 ބިލިއަނަށް އަަރައެވެ.

މީގެ ތެރެއިން އެންމެ ގިނަ މަޝްރޫއު ހަވާލު ކޮށްފައިވަނީ ކޯރލައިން މޯލްޑްވިސް ޕްރައިވެޓް ލިމިޑެޓް އަށެވެ. އެކުންފުންޏަށް 11 މަޝްރޫއު ވަނީ ހަވާލު ކޮށްފައެވެ.

އެންމެ މަދުން ފައިސާ ލިބޭ ކުންފުންޏަށް ވެސް 891،613 ރުފިޔާ ލިބެއެވެ. އެއީ ނިއު ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް އަށެވެ. އެކުންފުންޏަށް ހަވާލު ކޮށްފައި ވަނީ އެއް މަޝްރޫއެވެ.

- ކޮމެންޓް