ޓީމް އިވެންޓެއް ކާމިޔާބު ކުރަން މުޅި ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.
ބ. އޭދަފުށީގައި ބާއްވާ ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިޙް ވިދާޅުވީ، ފުޓްސަލް އަކީ ވަކިވަކި ކުޅުންތެރިންނަށް އެކަނި ކާމިޔާބު ކުރެވޭނެ މުބާރާތެއް ނޫން ކަމަށާއި ކުރަންވީ ކަމަކީ ޓީމްގެ އަނެއް ކުޅުންތެރިންނަށް އިތުބާރުކޮށް ޓީމު ކުޅުންތެރިންނާ އޮންނަ ގުޅުން ރަނގަޅު ކުރުން ކަމަށެވެ.
އަދި އަބަދުވެސް އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށާއި އަދި އިދިކޮޅު ޓީމު ކުޅުންތެރިންނަށާއި ކޯޗުންނަށް ވެސް އިހުތިރާމް ކުރަންޖެހޭނެ ކަމަށް ރައީސް އިބޫ ވިދާޅުވި އެވެ. މިއީ ކުޅިވަރުގެ ތެރޭގައި ހުންނަ، އަމަލުކުރަންޖެހޭ ޑިސިޕްލިންތަކެއް ކަމަށް ރައީސް އިބޫ ވިދާޅުވި އެވެ. އަދި މިކަހަލަ ކަންކަމަކީ އާންމު ދިރިއުޅުމުގައިވެސް ފިލާވަޅުތަކެއް ލިބިދޭ ކަމެއް ކަމަށް ރައީސް އިބޫ ވިދާޅުވި އެވެ.
ލީޑާޝިޕެއް އޮންނަން އެބަޖެހޭ، ކެޕްޓަނާ ދެންތިބި ސީނިއާ ކުޅުންތެރިން، ދެން ތިބި ކުޅުންތެރިންތައް ގިވައިން މަސައްކަތްކުރަން އެބަޖެހޭ. މިއީ މުބާރާތެއް މިއީ މެޗެއް ކާމިޔާބު ކުރުމަށް ކުރަންޖެހޭ ކަންތައްތަކެއް. އަޅުގަނޑުގެ އުންމީދަކީ މިގޮތައް މި އަޒުމުގައި ތިހުރިހާ ކުޅުންތެރިންތައް ކުޅެ މުބާރަތް ކާމިޔާބުކުރުމަށް މަސައްކަތް ކުރުން.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް![]()
ރައީސް އިބޫ ވިދާޅުވީ މެޗެއް ކާމިޔާބު ކުރަން އެންމެ މުހިންމު އެއް ކަމަކީ ޕްރެކްޓިސް ކުރުން ކަމަށާއި އޭގެ އިތުރުން ކޮންމެ މެޗެއް ވެސް ކުޅެންވާނީ މޮޅުވާނެ ކަމުގެ އަޒުމާއި ޔަގީން ކަމާއެކު ކަމަށެވެ. މެޗަކުން މޮޅު ވުމަކީ މުބާރާތް ކާމިޔާބު ވުމެއް ނޫން ކަމަށާއި އަދި މެޗަކުން ބަލިވުމަކީ މުބާރާތް ގެއްލުމެއް ނޫން ކަމަށް ރައީސް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި މެޗަކުން ބަލިވެއްޖެ ނަމަ ކުރަންވީ ކަމަކީ އޭގެން ހެދުނު މިސްޓޭކް ތައް ރަނގަޅުކޮށް ދެން އަންނަ މެޗެއް ކާމިޔާބު ކުރުން ކަމަށެވެ.
"ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ" ނަމުގައި ބާއްވާ މި މުބާރާތް ބުދަ ދުވަހު ފަށާފައިވާއިރު މި މުބާރަތް ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައީސް ޞާލިހް އެވެ. ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނި ދޮންފަނު ޓީމާއި އޭދަފުއްޓެވެ.