ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކޮށްލައިފި ނަމަ ދަތިތަކާ ކުރިމަތިވާނެ ކަމަށް ތެލެސީމިއާ ސެންޓަރުގެ ކުޑަކުދިންގެ ބަލިތަކުގެ ޑރ. ނުސެއިބާ ފާރޫގް ހަސަން ވިދާޅުވެއްޖެއެވެ.
ތެލެސީމިއާ ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ވާހަކަދައްކަވަމުން ޑރ. ނުސެއިބާ ފާހަގަކުރެއްވީ ތެލެސީމިއާ ސެންޓަރަށް ލޭ ބޭނުންވާ މިންވަރަށް އެހެން ހޮސްޕިޓަލްތަކަށް ލޭ ބޭނުންނުވާ ކަމަށެވެ. އެހެންކަމުން ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކޮށްލައިފި ނަމަ ދަތިތަކާ ކުރިމަތި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ތެލެސީމިއާ ސެންޓަރަށް އެކަނި ވެސް ހަފްތާއަކު 220 ޕެކްގެ ލޭ ބޭނުންވާ ކަމަށް ޑރ. ނުސެއިބާ ވިދާޅުވިއެވެ. ތެލެސީމިއާ ޕޭޝަންޓުންނަށް ދެވޭ ޚިދުމަތުގައި ލޭގެ ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ބައެއް ކަމުގައިވާތީ، ބްލަޑް ސާވިސް އެ ސެންޓަރާ ގުޅިފައި ހުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ނުސެއިބާ ވަނީ އެ ގާނޫނަށް ހުށަހަޅަން ބޭނުންވާ ތިން އިސްލާހެއް ފާހަގަކުރައްވައިފައެވެ. އެއީ ތެލެސީމިއާ އެޑްވައިޒަރީ ބޯޑަށް ތެލެސީމިއާ ޕޭޝަންޓެއް މަންދޫބެއްގެ ގޮތުގައި އައްޔަން ކުރުމާއި، ޕްރީޕްލާންޓް ޖެނެޓިކް ޓެސްޓު ހެދުން، އަދި ތެލެސީމިއާ މީހުންނަށް އެލަވަންސް ދިނުމާ ގުޅޭ މާއްދާ އަށް އިސްލާހު ގެނައުމެވެ. މި އިސްލާހުތައް ގެނައުމުން ތެލެސީމިއާ ޕޭޝަންޓުންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ޑޮކްޓަރު ލަފާކުރެއްވިއެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ތެލެސީމިއާ ކުދިން ދުނިޔޭގައި ތިބޭނެ ކަމަށް ލަފާކުރި އުމުރު ވެސް ވަރަށް ހަގު ނަމަވެސް، ސިއްހީ ދާއިރާގައި ލިބިފައިވާ ކުރިއެރުންތަކާއެކު މިހާރު އެ އުމުރު މަތިވެފައިވާ ކަމަށެވެ. މިއީ ތެލެސީމިއާ ޕޭޝަންޓުންނަށް އުންމީދީ ޚަބަރެއް ކަމުގައިވިޔަސް، އެކަމަށްޓަކައި ދެމެހެއްޓެނިވި ފަރުވާއާއި ފަރުވާގެ ފެންވަރު ރަނގަޅުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އުމުރުން 18 އަހަރުން ދަށުގެ 257 ކުދިން އަދި 18 އަހަރުން މަތީގެ 400 ތެލެސީމިއާ ޕޭޝަންޓުން ރާއްޖޭގައި އެބަތިއްބެވެ. މިއީ ރާއްޖޭގައި ތެލެސީމިއާ އަށް ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުކަން ދައްކައިދޭ ތަފާސްހިސާބެކެވެ. އަދި މިހާރު ވެސް ރާއްޖެއިން ބޭރުގައި 10 ކުދިން ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަމުންދާ ކަމަށް ޑރ. ނުސެއިބާ ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ތެލެސީމިއާ ޕޭޝަންޓުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ގިނަ ވައުދުތަކަކާ އެކުގައެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރަނގަޅު ޑޮކްޓަރުންނާއެކު، ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ޖާގަ ބޮޑު ތެލަސީމިއާ ސެންޓަރެއް މާލެ ސިޓީ ގައި ގާއިމް ކުރާނެކަމަށް އޭރު ވިދާޅުވެފައިވެއެވެ.
ނަމަވެސް ތެލެސީމިއާ ސެންޓަރު ހިންގަމުންދިޔަ ދަމަނަވެށި ވަރަށް ބޮޑަށް ބައުވެ، އެތަނުގައި ޚިދުމަތްތައް ނުދެވި ފިލްޓަރތަކުގެ މައްސަލައެއް ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެ، ތެލެސީމިއާ ކުދިންގެ ބެލެނިވެރިން އެ ސެންޓަރުގެ ތެރޭގައި މުޒާހަރާ ކުރި އިރު ވެސް ރައީސް މުއިއްޒަށް ވީ ވައުދު ފުއްދާދެވޭ ގޮތެއް ނުވިއެވެ. މި މައްސަލަތަކުގެ ސަބަބުން ތެލެސީމިއާ ޕޭޝަންޓުންނާއި އެ މީހުންގެ އާއިލާތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
ކުރިމަތިވި ފާޑުކިޔުންތަކާއެކު ރައީސް މުއިއްޒު ވަނީ އެކަށީގެންވާ ވަސީލަތްތަކެއް ނެތި، އެމްޑީޕީ ސަރުކާރުގައި ހުޅުމާލޭގައި އިމާރާތްކުރި އޮރެންޖް ހިޔާގެ ބައެއް، ތެލެސީމިއާ ސެންޓަރުގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް މި ނިންމުމާ ގުޅިގެން ވެސް ތެލެސީމިއާ ޕޭޝަންޓުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރައްވައި، އެތަނުގައި ބޭނުންވާ ވަސީލަތްތަކާއި ފެންވަރު ރަނގަޅު ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހިފައިނުވާ ކަމަށް ބުނެފައިވެއެވެ.
ތެލެސީމިއާ ޕޭޝަންޓުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، އެ މީހުންނަށް ބޭނުންވާ ފަރުވާ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް އޮތް މުހިންމު ޒިންމާއެކެވެ. މި ދާއިރާގައި ކުރަންޖެހޭ އިސްލާހުތައް ގެނައުމާއި، ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާއިރު، ތެލެސީމިއާ ޕޭޝަންޓުންގެ ހައްގުތައް ރައްކާތެރިކުރުމާއި އެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.