ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި، ރަސްމާލެ މަޝްރޫއަށް އިސްކަންދިނުމުގެ ސަބަބުން އެތައް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގު ގެއްލޭތީ ހުށަހެޅި ގަރާރަށް ބަހުސް ކުރުން އެޖެންޑާ ކޮށްފައިވެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާފައިވާ މި ގަރާރުގައި، ސަރުކާރުން ރަސްމާލެ މަޝްރޫއަށް އިސްކަންދެމުންދާއިރު، ކުރީގެ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ މަޝްރޫއުތަކުގެ ދަށުން ހައްގުވެރިންނަށް ޙަވާލުކުރަން ޖެހޭ ފްލެޓުތަކާއި ގޯތިތައް ޙަވާލުކުރުން ލަސްވަމުންދާ މައްސަލަ ފާހަގަ ކުރައްވާފައިވެ އެވެ.
މި ގަރާރުގައި، ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން 4000 ފްލެޓުތަކުގެ ޙައްޤުވެރިންގެ ތެރެއިން ގިނަ ބަޔަކަށް ފްލެޓު ޙަވާލުކުރުން ލަސްކުރަމުންދާއިރު، ބިންވެރިޔާ މަޝްރޫޢުގެ ފުރަތަމަ ސްކީމުގެ ދަށުން ހިއްކަމުންދިޔަ ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލެ ފޭސް 3 ގެ މަސައްކަތް ނުނިންމައި ހުއްޓިފައިވާ ކަމަށް މެންބަރު ފާހަގަކުރައްވަ އެވެ.
މީގެ އިތުރުން، ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ހުޅުމާލެއިން ފްލެޓާއި އުތުރު ތިލަފަޅުން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ޙައްޤުތަކަށް ބެލުމެއްނެތި، ރަސްމާލެ މަޝްރޫޢަށް އިސްކަންދެމުންދާ ދިޔުމުގެ ސަބަބުން ދިވެހި އެތައް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤު ގެއްލިގެންދާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
މި ގަރާރަކީ، ރަސްމާލެ މަޝްރޫއަށް އިސްކަންދެމުންދާ ދިޔުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ ގަރާރެކެވެ. މި ގަރާރަށް ބަހުސް ކުރުމުން، ސަރުކާރުގެ ހައުސިންގ ސިޔާސަތާއި، ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިޔުމަށްވެސް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވެ އެވެ.
މި އިސްލާހުގައި ހެއްކާ ބެހޭ ގާނޫނުގެ ދަށުން ޝަރީއަތް މެދުވެރިކޮށް، މަސްދަރު ހާމަކުރަން ނޫސްވެރިންނަށް އެންގޭ ހާލަތްތައް ވަނީ އިތުރު ކޮށްފައެވެ. އެ ބިލުގައި ވަނީ، ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާފަ އެވެ.
އެގޮތުން، ނޫސްވެރިޔާ މަސްދަރު ހާމަކުރުމަކީ ކުށަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހުއްޓުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައިވާނަމަ، މަސްދަރު ހާމަކުރުމަށް އަމުރެއް ނެރެދިނުމަށް ހައިކޯޓަށް ހުށަހެޅިދާނެ ކަމަށް ބިލުގައިވެއެވެ. އިސްލާހުގައިވާ ގޮތުން، ހައިކޯޓުގައި އެފަދަ އަމުރަކަށް އެދޭތާ 24 ގަޑިއިރު ތެރޭގައި އެ ކޯޓުން ގޮތެއް ކަނޑައަޅަން ޖެހެއެވެ. އަދި އެ ނިންމުމެއް އިސްތިއުނާފު ކުރާނަމަ ގިނަވެގެން ދިހަ ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް އިސްލާހުގައިވެ އެވެ.
އޭގެއިތުރަށް، މި އިސްލާހުގައި ވަނީ ނޫސްވެރިންނަށް މަސްދަރު ހާމަކުރަން އެންގޭ ހާލަތްތައް އިތުރުކޮށްފައެވެ. އެއީ، ޓެރަރިޒަމްގެ ކުށާއި ގާނޫނުލް އުގޫބާތުގެ ދަށުން ކަނޑައަޅާފައިވާ ކުށެއްގެ ހުއްދަ ނޫން ސިއްރު މައުލޫމާތު ހާމަކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް ކަމުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ އިސްތިގުލާލަށް ނުވަތަ ސިޔާދަތަށް ގެއްލުން ލިބޭނެ ފަދަ އަމަލުތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް އެކުލެވޭ ކުށެއްގައި މަސްދަރު ހާމަކުރަން އެންގޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
މި އިސްލާހަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ މަސްދަރު ރައްކާތެރިކުރުމުގެ ހައްގާ ގުޅޭ ގޮތުން މީޑިއާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިސްލާހެކެވެ.
ބުދަ ދުވަހުގައި ބާއްވާ މަޖިލީހުގެ 2025 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 16 ވަނަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9 ޖަހާއިރު އެވެ.