މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. ރަސްގެތީމު ގެއެއް ބަލައިފާސްކޮށް 9 މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ހޯމަ ދުވަހު ފުލުހުން ބުނީ، މި 9 މީހުން ވެސް ހައްޔަރުކޮށްފައި ވަނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ކަމަށާއި، އެ މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ހުޅުދުއްފާރު / ލޫނާ، އަޙްމަދު ނިހާން (23އ) އާއި، ރ. ރަސްގެތީމު / އިރުދޭމާގެ، އިބްރާހީމް ރިޝާމް (36އ) އާއި، ރ. ހުޅުދުއްފާރު / ފަތިސްހަނދުވަރުގެ، އާދަމް ނަސީމް (30އ) އާއި، ޅ. ނައިފަރު / ހަނަފަސްގެ، އަމީނާ މުހައްމަދު (32އ) އާއި، ރ. ހުޅުދުއްފާރު / އާސްމާނުވިލާ، އައްޔޫބު އާދަމް (33އ) އާއި، ހދ. ކުޅުދުއްފުށި / ބީޗްސައިޑް، ފަރީހާ ބިންތި އަލީ ވަހީދު (21އ) އާއި، ރ. ހުޅުދުއްފާރު / ލައިނޫފަރުގެ، އިބްރާހީމް އާދިލް (38އ) އާއި، ރ. ރަސްގެތީމު / އިރުދޭމާގެ، އަހްމަދު ވިޝާމް (41އ) އާއި، ރ. ހުޅުދުއްފާރު / އާސްމާނުވިލާ، ހުސައިން ސަރްހާން (30އ) އެވެ.
                        މީގެ އިތުރުން ފުލުހުން ބުނީ، ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަހްމަދު ނިހާން އާއި، އިބްރާހީމް އާދިލް އާއި، އާދަމް ނަސީމް އަދި އިބްރާހީމް ރިޝާމް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މީގެ އިތުރުން އަމީނާ މުހައްމަދު އާއި، އައްޔޫބު އާދަމް އާއި، ފަރީހާ ބިންތި އަލީ ވަހީދު އާއި، އަހުމަދު ވިޝާމް އަދި ހުސައިން ސަރްހާން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.