ކ. މާލެ
|
3 ނޮވެންބަރ 2025 | ހޯމަ 14:27
އެމްޑީޕީ އިން މާލޭ ގައި ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" މުޒާހަރާގެ ތެރެއިން
އެމްޑީޕީ އިން މާލޭ ގައި ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނު އުވާލަން ހުށަހަޅައިފި
ގާނޫނު ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ މިނިވަންކަމަށް ހުރަސް އަޅައި އަދި ފުލުހުންނަށް ބޭނުންވާ ބާރު އެހެން ގާނޫނުތަކުން ލިބިދޭތީ މި ގާނޫނު ވުޖޫދުގައި އޮންނަން ޖެހޭ ބޭނުމެއް ނެތް

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.

ގާނޫނު ނަންބަރު 1/2013 އުވާލުމުގެ ބިލު މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް އެވެ.

މެމްބަރު މީކާއިލް މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ގެ 32 ވަނަ މާއްދާގައި ދައުލަތުން ކުރިން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާން ކޮށްފައި ވީ ނަަމަވެސް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ސަބަބުން އެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމުގައެވެ.

"މިހެން ކަމުން މި ބިލު ހުށަހެޅުމުގެ މަގްސަދަކީ ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ މިނިވަން ކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާ އެއް ގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސް ކޮށްދިނުމެވެ."

ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރި ކަމަށް އަދި މުޖުތަމައުގެ ރައްކައުތެރި ކަން ބެލެހެއްޓުމަށް ފުލުހުންނަށް ކޮންމެހެން ލިބިދޭން ޖެހޭ ބާރާއި އިޚްތިޔާރު އެހެން ގާނޫނު ތަކުން ލިބިދޭތީ މި ގާނޫނު ވުޖޫދުގައި އޮތުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކޭ ކަމަށް ވެސް ބިލު ހުށަހެޅުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެއްވެ އުޅުމުގެ ގާނޫނު އުވާލުމުގެ ބިލު މަޖިލީހުގެ އިދާރާ އަށް ހުށަހަޅާފައި ވަނީ އޮކްޓޯބަރު މަހުގެ 29 ވަަނަ ދުވަހު އެވެ.

- ކޮމެންޓް