ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އެ ބޭންކު ބެދުވެރިކޮށް ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް އިންޑިއާ އަށް ޑޮލަރު ފޮނުވޭ ލިމިޓް އެކި ފަހަރުމަތިން ދަށްކޮށްފައި ވާތީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ބިދޭސީންގެ ފަރާތުން ފޮނުވި ސިޓީ އަށް އަދިވެސް ޖަވާބެއް ނުލިބޭކަން ހާމަވެއްޖެ އެވެ.
އެސްބީއައި މެދުވެރިކޮށް ކުރިން 700 ޑޮލަރު އިންޑިއާ އަށް ފޮނުވުނު ނަމަވެސް އެ އަދަދު ފަހުން 500 ޑޮލަރަށް ކުޑަކުރި އެވެ. އޭގެފަހުން 400 ޑޮލަރަށް އެ އަދަދު ދަށްކުރުމަށް ފަހު އެސްބީއައި އިން ދާދިފަހުން އެ ލިމިޓް ވަނީ 150 ޑޮލަރަށް ދަށްކޮށްފަ އެވެ.
އެސްބީއައި އިން ކަސްޓަމަރުންނަށް އަންގާފައިވާ ގޮތުގައި މި ބަދަލު ގެންނަން މަޖުބޫރުވީ ސަރުކާރުން ގެނެސްފައިވާ މާލީ ބައެއް ބަދަލުތަކުގެ ސަބަބުންނެވެ. އެސްބީއައި އިން ހާމަކޮށްފައިވާ ގޮތުން އަލަށް ނެރެފައިވާ ސަރކިއުލާ އާއި އެކު 25 އޮކްޓޯބަރ 2025 އިން ފެށިގެން، އެކައުންޓުގެ ވެރިފަރާތަށް މަހަކު އެމްވީއާރު-އައިއެންއާރު ރެމިޓެންސްގެ ގޮތުގައި ފޮނުވޭނެ އެންމެ މަތީ އަދަދު ވަގުތީ ގޮތުން 150 އެމެރިކާ ޑޮލަރަށް ކުޑަކުރެވޭނެ އެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާ ނަމަ ގާތްގަނޑަކަށް 2313 ރުފިޔާ އެވެ.
އެކަމާއި ގުޅިގެން ރައީސް ޑރ.މުއިއްޒު އަށް 18 އޮކްޓޯބަރގައި ފޮނުވި ސިޓީ އަށް އަދިވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އަދި މި ނޫހާއި ވާހަކަދެއްކި ބިދޭސީން ބުނީ މި މައްސަލައިގައި ބިދޭސީންގެ އަޑު ސަރުކާރުން ނާހާ ކަމަށެވެ. އެހެންކަމުން އެންމެ ފަހުން ގޮތް ހުސްވެ އެ ބިދޭސީން ވަނީ ހައްގުތައް ހޯދުމަށް އޮންލައިން ކެމްޕެއިން އެއް ފަށާފަ އެވެ.
ފޭސްބުކްގައި މިހާރު މި ކެމްޕެއިން ފަށާފައިވާ އިރު އެކަން އިންތިޒާމް ކުރުމުގައި އިސްކޮށް އުޅޭ ބިދޭސީއަކު ބުނީ އެ ހަރަކާތް މީސްމީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ވެސް ހިންގާނެ ކަމަށެވެ. މި ކެމްޕެއިން އަށް ބޭނުން ކުރަނީ ރައިޓް ޓު ރެމިޓްގެ ނަމުގައެވެ. އަދި "#RightToRemit #LiftTheLimit #SupportOurFamilies" މި ހޭޝްޓެގްތައް ދަނީ ބޭނުން ކުރަމުންނެވެ. ފޭސްބުކްގައި ބިދޭސީން ކޮށްފައިވާ ޕޯސްޓަށް 1000 އަށް ވުރެ ގިނަ ޝެއަރ މިހާރު ވެސް ލިބިފައިވާ އިރު 500 އަށް ވުރެ ގިނަ ކޮމެންޓް އެ ޕޯސްޓަށް ލިބިފައިވެއެވެ. ހޯމަ ދުވަހު އިންސްޓަގްރާމްގައި ވެސް މި ކެމްޕެއިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ބިދޭސީން ބުނާ ގޮތުން ބޭރު ފައިސާގެ ދަތިކަމާ ހެދި، ރާއްޖެ އިން ބޭރުގައި އޭޓީއެމް އިން ފައިސާ ނެގުމާއި އީކޮމް/ޕީއޯއެސް ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލުމުން ބޮޑެތި ދަތިތަކާއި ވަނީ ދިމާވެފަ އެވެ. މި ބަދަލުގެ ސީދާ އަސަރު ގާތްގަނޑަކަށް 6000 ވަރަކަށް މަސައްކަތްތެރިންނަށް ކުރާނެ ކަމަށް ބެލެވޭ އިރު އޭގެ ތެރޭގައި ސިއްހީ އަދި ތައުލީމީ ދާއިރާގެ މަސައްކަތްތެރިން ގިނަ އަދަދަކަށް ހިމެނެ އެވެ.