ހުރަވީ ދުވަހުގެ ތާރީޚީ ޙާދިސާ އަކީ ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި ތާރީހީ ހާދިސާ އެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދުވަހުގެ ހާދިސާ އަށް 3 ގަރުނު ވާން ކައިރިވީ އިރު ވެސް، އެ ދުވަހުގެ ހަނދާންތައް ރާއްޖޭގެ ފަސްގަނޑުގައި ޝުކުރުވެރިކަމާއި އެކު ދިރިދިރި ވާ ކަމަށެވެ.
އެ ޕޯސްޓުގައި ވަނީ އޭރު މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށްފައިވާ ކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ހޮޅީން ގެނައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ޤައުމީ ޖިހާދަށް މިއަދަށް 281 އަހަރުވީ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
"ފަޚުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަނީ، މިނިވަންކަމާއި ފާގަތިކަމުގައި ދިވެހިރާއްޖެ އަބަދުމެ ލެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން." ރައީސް މުއިއްޒު ވިދާޅުވި އެވެ.
ހުރަވީދުވަސް ނިސްބަތްވެގެން ވަނީ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީ އަށް ކަމަށް ވާއިރު މި ދުވަސް ފާހަގަ ކުރަނީ އެބަތަލު ގެނެސްދެއްވި މިނިވަންކަމާއި ގައުމިއްޔަތު އާލާކުރުމަށެވެ.
މަލާބާރީން ނުވަތަ ހޮޅިންގެ ލަޝްކަރެއް ރާއްޖެ އައިސް ހިޖުރައިން 3 ޞަފަރު 1166 މީލާދުން 20 ޑިސެންބަރު 1752 ގައި، އޭރު ތަހުތުގައި އިންނެވި ރަދުން އަތުލައިގެން ކަންނަން ނޫރަށް ގެންގޮސް މަލާބާރީން މާލޭގައި އެމީހުންގެ ވެރިކަން ގާއިމް ކުރި އެވެ. މި ހާދިސާ އާއި ގުޅިގެން ދިވެހިން މަލާބާރީންގެ އަޅުވެތިކަމުގެ ދަށަށް ދިޔައެވެ. މި އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވީ ދޮންބަންޑާރައިންނެވެ.