Advertisement
ކ. މާލެ
|
3 ނޮވެންބަރ 2025 | ހޯމަ 11:49
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ސީރިއާގެ ރައީސް އަލް ޝަރާ ސައުދީގައި ކުރެއްވި ބައްދަލުވުމުގެ ތެރެއިން
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ސީރިއާގެ ރައީސް އަލް ޝަރާ ސައުދީގައި ކުރެއްވި ބައްދަލުވުމުގެ ތެރެއިން
ރޮއިޓަރސް
އެމެރިކާ-ސީރިއާ
ފުރަތަމަ ފަހަރަށް ސީރިއާގެ ރައީސް އަކު ވައިޓް ހައުސް އަށް ވަޑައިގަންނަވަނީ
ސީރިއާގެ ފޮރިން މިނިސްޓަރު އަސްއަދު އަލް ޝައިބާނީ ވިދާޅުވީ، ނޮވެމްބަރު މަހުގެ ތެރޭގައި އަލް ޝަރާ ވައިޓް ހައުސް އަށް ވަޑައިގަންނަވާނެ ކަަމަށާއި، މިއީ 80 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން ސީރިއާގެ ރައީސް އަކު ވައިޓް ހައުސް އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާއާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އޮންނަ މި ބައްދަލުވުން އޮންނާނީ މި ހިނގާ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މިއީ ސީރިއާގެ ރައީސް އަކު، އެމެރިކާގެ ވޮޝިންޓަން ޑީސީ އަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރު ކަމަށްވާއިރު، މި ދަތުރަށް ޚާއްސަ ސަމާލުކަމެއް ލިބިގެން ދާނެ ކަމަށް ފާހަގަ ކޮށްފައިވެ އެވެ،

އާދީއްތަ ދުވަހު ބަހްރެއިން އަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަ ދައްކަވަމުން ސީރިއާގެ ފޮރިން މިނިސްޓަރު އަސްއަދު އަލް ޝައިބާނީ ވިދާޅުވީ، އެ ދަތުރުފުޅުގެ ސަބަބުން ސީރިއާ އާއި އެމެރިކާއާ ދެމެދު އައު ބާބެއް ހުޅުވިގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ނޮވެމްބަރު މަހުގެ ތެރޭގައި އަލް ޝަރާ ވައިޓް ހައުސް އަށް ވަޑައިގަންނަވާނެ ކަަމަށާއި، މިއީ 80 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން ސީރިއާގެ ރައީސް އަކު ވައިޓް ހައުސް އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށެވެ.

ޓްރަމްޕް އާއި އަލް ޝަރާގެ އެ ބައްދަލުވުމުގައި ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ނެގުމާއި، އެމެރިކާ އާއި ސީރިއާއާ ދެމެދު ގުޅުން ޤާއިމުކޮށް، އެކުގައި ކުރިއަށް ދިޔުމަށް މަޝްވަރާ ކުރެވޭނެ ކަމަށް ވެސް ޝައިބާނީ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސީރިއާ އާއި އެމެރިކާއާ ދެމެދު ވަރަށް ވަރުގަދަ ގުޅުމެއް ޤާއިމު ކުރަން ބޭނުންވާ ކަމަށެވެ.

ސީރިއާ އަށް އެމެރިކާ އިން ކަނޑައަޅާފައިވާ ސަފީރު ޓޮމް ބަރަކް، އެމެރިކާގެ އެކްސިއޯސް އަށް ވިދާޅުވެފައި ވަނީ، އަލް ޝަރާގެ އެ ދަތުރުފުޅުގައި އައިސިސް ޖަމާއަތާ ދެކޮޅަށް އެމެރިކާގެ އިސްނެގުމުގެ ދަށުން ހިންގާ ބައިނަލްއަޤުވާމީ އިންތިހާދާ ގުޅުމުގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށެވެ.

ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް އައްސަދުގެ ވެރިކަން ވައްޓާލުމަށް ފަހު، އެ ޤައުމުގެ ރައީސްކަމާ އަލް ޝަރާ ހަވާލުވެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަލް އައްސަދުގެ ވެރި ކަމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާ ސީރިއާ ދުރުވެފައި އޮތް ނަމަވެސް، އަލް ޝަރާ އަންނަނީ ޤައުމުތަކާ އެކު ގުޅުން ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިއަހަރުގެ މެއި މަހުގެ ތެރޭގައި އަލް ޝަރާ ވަނީ، ސައުދީ އަރަބިއްޔާގައި ޓްރަމްޕްއާ ބައްދަލު ކުރައްވައިފަ އެވެ. މިއީ 25 އަހަރު ފަހުން އެމެރިކާ އާއި، ސީރިއާގެ ލީޑަރުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. އެއީ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ލީޑަރުންނާ ޓްރަމްޕް ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އަލް އައްސަދުގެ އާއިލާ އިން 50 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެންް ސީރިއާގައި ވެރިކަން ކުރިއިރު، މިއީ ސީރިއާ އަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. ޚާއްސަކޮށް ޤައުމުތަކާ އެކު ގުޅުން ޤާއިމު ކުރުމަށް އަލް ޝަރާ ކުރައްވަމުން އަންނަ މަސައްކަތުގެ ފައިދާ ސީރިއާ އަށް ކުރާނެ ކަމަށް ބެލޭވެ ކަމުގައި ބުނެފައިވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ދިޔަ އދ ގެ ޖެނަރަލް އެސެމްބްލީ އަށް ވެސް އަލް ޝަރާ ވަނީ ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި އޭނާ ވަނީ އދ ގެ ޖެނަރަލް އެސެމްބްލީގައި ވާހަކަ ވެސް ދައްކަވައިފަ އެވެ. މިއީ ފާއިތުވި 60 އަހަރުގެ ތެރޭގައި ސީރިއާގެ ރައީސް އަކު، އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އަލް ޝަރާ އެމެރިކާ އަށް ކުރައްވާ ދަތުރުފުޅު ރާވާފައި ވަނީ، މެދު އިރުމަތީގެ ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައެއް ޤާއިމު ކުރުމަށް ޓްރަމްޕް އެ ސަަރަހައްދުގެ ޤައުމުތަކަށް ގޮވާލައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

މަސްދަރު: އަލް ޖަޒީރާ
- ކޮމެންޓް