ވެނެޒުއެލާ ގެ ސަރުކާރު ވައްޓާލައި، ވެނެޒުއެލާ އަކީ އެމެރިކާގެ އަޅުވެތި ކަމުގެ ދަށުގައި އޮންނަ ޤައުމަކަށް ހެދުމަށް އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވާ ކަމަށް، ވެނެޒެއެލާ ގެ އެޓާނީ ޖެނަރަލް ޓަރެކް ވިލިއަމް ސާބް ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހު ބީބީސީގެ "ނިއުސްއަވާ" އަށް ދެއްވި ޚާއްސަ އިންޓަވިޔު ގައި ސާބް ވިދާޅުވެފައި ވަނީ، ވެނެޒުއެލާ ގެ ވެރިކަން ބަދަލު ކުރުމަށް ގޮވާލުމަކީ، އެ ޤައުމުގެ ރަނާއި، ތެޔޮ ފަދަ ޤުދުރަތީ ވަސީލަތްތައް އަތުލުމަށް ކުރެވޭ މަސައްކަތެއް ކަަމަށެވެ.
ވެނެޒުއެލާގެ އެޓާނީ ޖެނަރަލް ސާބް އަކީ، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯގެ އަރިސް ބޭފުޅެއްގެ ގޮތުގައި ވެސް ހުންނަވާ ބޭފުޅެކެވެ. އޭނާ ވިދާޅުވީ ވެނެޒުއެލާގެ ސަރުކާރު ވައްޓާލުމަށް އެމެރިކާ އިން މަސައްކަތް ކުރާ ކަމީ، މިހާރު އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެއީ މީގެ ކުރިން ނާކާމިޔާބު ވެފައިވާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ވެނެޒުއެލާ ގެ ރައީސް ކަމުގެ މަޤާމަށް މަދޫރޯ ވަޑައިގެންނެވީ 2024 ވަނަ އަހަރު އޮތް އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. ނަމަވެސް އެއީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށް ބުނެ، އެމެރިކާ އާއި ބައެއް އެހެން ޤައުމު ތަކުން މަދޫރޯ އަކީ ވެނެޒުއެލާ ގެ ޝަރުއީ ވެރިއެއް ގެ ގޮތުގައި ބަލައެއް ނުގަނެ އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާާ އިން މަސްތުވާ ތަކެއްޗާ ދެކޮޅު ހަނގުރާމައިގެ ތެރެއިން، ދެކުނު އެމެރިކާ ގެ ކަނޑު ސަރަހައްދުގައި މަސްތުވާ ތަކެތި އުފުލާ ކަމަށް ބެލެވޭ އުޅަނދު ތަކަށް ދެވުނު ހަމަލާގައި 43 މީހަކު މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ވެނެޒުއެލާ ގެ ސަރުކާރުން ވަނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯ ގައި އެމެރިކާގެ ހަނގުރާމަ އުޅަނދު، ޔޫއެސްއެސް ގްރޭވްލީ ބޭއްްވުމާ ގުޅިގެން، އެއީ ސީއައިއޭ އާ ގުޅިގެން ޓްރިނިޑާޑް އެންޑް ޓޮބޭގޯ އިން ކުރާ އަސްކަރީ ޕްރޮވޮކޭޝަނެއް ކަމަށް ބުނެ، އެކަން ކުށްވެރި ކޮށްފަ އެވެ.
މީގެ އިތުރުން ވެނެޒުއެލާ އިން ބުނެފައި ވަނީ އެމެރިކާގެ އިންޓެލިޖެންސް އެޖެންސީ އޮން ސީދާ މަޢުލޫމާތު ލިބިގެން އުޅޭ ކުލީ ސިފައިން ގެ ގްރޫޕެއް ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އަދި ވެނެޒުއެލާ އާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯ އާ ދެމެދުގެ ކަނޑު ސަރަޙައްދުގައި "ފޯލްސް ފްލޭގް" ހަމަލާ އެއް ރޭވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.