އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭޝިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޤަތަރުގެ ބޮޑު ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީއާ ބައްދަލު ކުރައްވައިފި އެވެ.
އެގޮތުން ޓްރަމްޕް އޭޝިއާ އަށް ކުރެއްބި ދަތުރުފުޅުގައި އެއާ ފޯސް ވަން ޤަތަރުގައި މަޑު ކުރި ވަގުތު ޓްރަމްޕް ވަނީ، ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފަ އެވެ. ޤަތަރަކީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ނިމުމަކަށް ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރި ޤައުމެވެ.
ޤަތަރުގެ އަލް އުދައިދް އެއާ ބޭސްގައި މަޑު ކުރެއްވި ވަގުތު ޓްރަމްޕް ވަނީ ޤަތަރުގެ ބޮޑު ވަޒީރުގެ އިތުރުން، ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ޘާނީއާ ބައްދަލު ކުރައްވައިފަ އެވެ. އެއާ ފޯސް ވަންގައި ތިއްބަވައިގެން މި ބޭފުޅުން ބައްދަލު ކުރެއްވިއިރު، މި އެއާ ބޭސް އަކީ އެމެރިކާގެ ސިފައިންގެ ސަރަހައްދީ މައި މަރުކަޒު ހުންނަ އަދި އެތައް ހާސް އެމެރިކާ ސިފައިން ތިބޭ ބޭސް އެކެވެ.
އެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ މެދު އިރުމަތީގެ ސުލްޙައިގެ މަސައްކަތުގައި ޤަތަރުގެ ލީޑަރުން ވަރަށް މުހިންމު ދައުރެއް އަދާ ކުރެއްވި ކަމަށެވެ. އަދި ޤަތަރުގެ ބޮޑު ވަޒީރަކީ، މުޅި ދުނިޔޭގެ ވެސް ވަރަށް ގާތް ރަޙުމަތްތެރިއެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އޭޝިއާ އަށް މިހާރު ޓްރަމްޕް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، މިއަހަރުގެ ޖަނަވަރީ މަހު ވެރިކަމުގެ ދެ ވަނަ ދައުރުގެ ހުވާ ކުރެއްވި ފަހުން އޭޝިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ސަރަހައްދީ ދެ ސަމިޓެއްގައި ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާއިރު، ޗައިނާގެ ރައީސް ޝީ ޖިން ޕިންގް އަދި އެހެން ލީޑަރުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.
ޣައްޒާ ހަނގުރާމަ ނިމުމަކަށް ޓްރަމްޕްގެ ފަރާތުން ހުށަހެޅި ޕްލޭންއާ ގުޅިގެން، ހަމާސް ޖަމާއަތާއި، އިސްރާއީލް އާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔައީ ޤަތަރު މެދުވެރި ވެގެންނެވެ. އޭގެ ފަހުން މިޞްރު އަދި ތުރުކީ އިން ވެސް މެދުވެރިންގެ ގޮތުގައި މަސައްކަތް ކޮށްފައިވާއިރު، ޓްރަމްޕް ވިދާޅުވެފައި ވަނީ ޤަތަރަކީ އަބަދު ވެސް ސުލްޙަ އާއި، އެއްބައިވަންތަ ކަމަށް މަސައްކަތް ކުރާ ޤައުމެއް ކަމަށެވެ.
މި ހަފުތާގެ ތެރޭގައި ޤަތަރުގެ އަމީރު ވަނީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުދުޣާންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވަނީ ޣައްޒާގައި ސަލާމަތީ ބާރެއް ޤާއިމު ކުރުމާއި، ހަމާސްގެ މުސްތަޤުބަލާ ގުޅޭ ގޮތުން އަދި ކުރިއަށް ގެން އަޅަން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ޤަތަރަކީ އެމެރިކާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމަކަށްވާއިރު، އެމެރިކާގެ އެންމެ ބޮޑު ބޭސް ވެސް ހުންނަނީ ޤަތަރުގަ އެވެ. އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން ވެސް ޤަތަރާ ވަރަށް ގާތް ގުޅުމެއް ބާއްވަ އެވެ. އިސްރާއީލް އިން ޤަތަރުގެ ވެރި ރަށް ދޯހާ އަށް ހަަމަލާ ދިން މައްސަލައިގައި ވެސް ޓްރަމްޕް ވަނީ ޤަތަރުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވައިފަ އެވެ.