ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އާއި، އޭނާގެ އާއިލާ އަށް މަސްތުވާ ތަކެތީގެ ތުހުމަތު ކުރުމަށް ފަހު އެމެރިކާާ އިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމަށް ފިޔަވަޅު އަޅާފައި ވަނީ ޕެޓްރޯ އާއި، އޭނާގެ އަނބިކަނބަލުން ވެރޯނިކާ ޑެލް ސޮކޯރޯ އަލްކޯސާ ގާސިއާ އަދި ދަރިކަލުން ނިކޮލަސް ފަނާންޑޯ ޕެޓްރޯ ބާގޯސް އާ ދެކޮޅަށެވެ. މީގެ އިތުރުން އެ ޤައުމުގެ އިންޓީރިއާ މިނިސްޓަރު އަމާންޑޯ އަލްބަޓޯ ބެނެޑެޓީގެ މައްޗަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. މި ފިޔަވަޅުތައް އަޅާފައި ވަނީ ހުކުރު ދުވަހު އެވެ.
އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓް އިން ބުނެފައި ވަނީ ޕެޓްރޯ ވަނީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ގޭންގު ތަކަށް މަގު ފަހިކޮށްދީފަ އެވެ. އަދި އެކަން ހުއްޓުވުމަށް އޭނާ އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ބުނެފައިވެ އެވެ. އެކަމާ ދެކޮޅަށް އެމެރިކާގެ ސަރުކާރުން ފިޔަވަޅު އަޅަނީ، އެމެރިކާގެ ރައްޔިތުން ރައްކާތެރި ކުރުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.
އެގޮތުން އެމެރިކާގެ އިހުތިސާސްގެ ދަށުގައި ހުރި ޕެޓްރޯ އާއި އޭނާގެ އާއިލާގެ އެންމެހާ މުދާ ތަކެއް ހިފެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. ހަމަ އެހެންމެ އެމެރިކާގެ މާލީ ނިޒާމުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު، އެމެރިކާގެ ކުންފުނިތަކާއި ރައްޔިތުންނަށް ވެސް ވަނީ އެ މީހުންނާ އެކު މުއާމަލާތް ކުރުން މަނާ ކޮށްފަ އެވެ. މީގެ އިތުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާ އިން ވަނީ ޕެޓްރޯގެ ވިސާ ވެސް ބާތިލު ކޮށްފަ އެވެ.
މި ނިންމުމަކީ ޓްރަމްޕް އާއި ޕެޓްރޯ އާ ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވާނެ ނިންމުމެއް ކަމަށް ބެލެވެ އެވެ. އެމެރިކާ އިން މި ފަދަ ފިޔަވަޅު ތަކެއް އަޅާފައިވާއިރު، ދެކުނު އެމެރިކާގެ ސަރަހައްދުގައި މަސްތުވާ ތަކެތި އުފުލާ އުޅަނދު ތަކަށް އެމެރިކާ އިން އަންނަނީ ހަމަލާތައް ވެސް ދެމުންނެވެ.
މި ހަފުތާގެ ތެރޭގައި ޓްރަމްޕްގެ އަމުރަށް އެމެރިކާ އިން ވަނީ އިރުމަތީ ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ޙަރަކާތްތެރިވުން އިތުރު ކޮށްފަ އެވެ. މިއީ ކޮލަމްބިއާ ހިމެނޭ ގޮތަށް، ދުނިޔޭގެ އެންމެ ބޮޑެތި ކޮކެއިން އުފައްދާ ޤައުމު ތަކުން މަސްތުވާ ތަކެތި އެތެރެ ކުރާ މައިގަނޑު ސަރަހައްދެވެ. އަދި ޕެންޓަގަން އިން ބުނެފައި ވަނީ، އެ ސަރަހައްދަށް އެއާ ކްރާފްޓް ކެރިއަރެއް ވެސް ފޮނުވާފައިވާ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް، ކޮލަމްބިއާގެ ރައީސް ޕެޓްރޯއާ ދެކޮޅަށް އެތައް ތުހުމަތު ތަކެއް ކޮށްފައިވާއިރު، މިދިޔަ ހަފުތާގެ ތެރޭގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ޕެޓްރޯ އަކީ "ޑްރަގް ޑީލަރެއް" ކަމަށެވެ. އަދި އެމެރިކާ އިން ކޮލަމްބިއާ އަށް ދެމުން އަންނަ އެހީތެރިކަން ހުއްޓާލާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ޕެޓްރޯ ވިދާޅުވެފައި ވަނީ، އޭނާއާ ދެކޮޅަށް ކުރާ ތުހުމަތު ތަކަށް އެމެރިކާގެ ކޯޓުގައި ދިފާއު ވާނެ ކަމަށެވެ. އަދި އޭނާގެ ސަރުކާރުން މިހާތަނަށް ރެކޯޑު މިންވަރަކަށް މަސްތުވާ ތަކެތި ހިފަހައްޓާފައި ވާނެ ކަމަށް ވެސް ޕެޓްރޯ ވަނީ ވިދާޅުވެފަ އެވެ.
އދ ގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ކޮކެއިންގެ މައި މާއްދާ ކަމަށްވާ، ކޯކާ ހައްދާ ބިމުގެ ސައިޒު ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ތިން ގުނަ އިތުރުވެފައިވެ އެވެ. 2023 ވަނަ އަހަރު އެ ސައިޒު ވަނީ 253،000 (ދެ ލައްކަ ފަންސާސް ތިން ހާސް) އަށް އަރައިފަ އެވެ. މިއީ ނިއު ޔޯކް ސިޓީގެ ސައިޒުގެ ތިން ގުނަ އެވެ.