Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2025 | ހުކުރު 19:26
ޖަޕާނުގެ ވެރިރަށް ޓޯކިޔޯ
ޖަޕާނުގެ ވެރިރަށް ޓޯކިޔޯ
ރޮއިޓަރސް
ޖަޕާން
ޖަޕާނުގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރިން ވަޅި ހިފައިން ހުރި މީހަކު ހައްޔަރުކޮށްފި
ޓްރަމްޕްގެ ޖަޕާން ދަތުރުފުޅަށް ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރަމުންދަނިކޮށް، އެމެރިކާ އެމްބަސީ ކުރިމަތީގައި ވަޅި ދެއްކި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

ޖަޕާނުގެ ޓޯކިޔޯގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރިމަތީގައި ވަޅިއެއް ގެންގުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހިނގާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 3 ދުވަހުގެ ތެރޭގައި ޖަޕާނަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރަމުންދާ ދަނޑިވަޅެއްގައެވެ.

30 އަހަރުގެ އުމުރުފުރައިގެ މީހަކު ހައްޔަރުކުރެވުނީ މަގުމަތީގައި ތިބި އެންޓި-ރަޔަޓް ފުލުހުންނަށް ބަދިގޭގައި ގެންގުޅޭ ވަޅިއެއް ދެއްކުމާއި ގުޅިގެން ހުކުރު ދުވަހުގެ މެންދުރުފަހު 2:30 ހާއިރުއެވެ. މިކަން ޖަޕާނުގެ އަސާހި ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މި މީހާ ހައްޔަރުކުރުމުގެ ތެރޭގައި ފުލުހަކަށް ވަޅިން އަނިޔާވެ، ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުންގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އަނިޔާވީ ކިހިނެއްކަން ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

ހައްޔަރުކުރެވުނު މީހާގެ މަޤްޞަދަކީ ކޮބައިކަން އަދި ސާފުވެފައެއް ނުވެއެވެ. ފުލުހުންގެ ތަޙްޤީޤުގައި އޭނާ އަދި އެމެރިކާ ނުވަތަ ޓްރަމްޕާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވާކަމަށް އެން.އެޗް.ކޭ އިން ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން ވަނީ އެމެރިކާ އެމްބަސީ ކުރިމަތީގައިވާ ސަރަޙައްދު ބަންދުކޮށް، އެ ސަރަޙައްދު ތަޙްޤީޤުކުރަން ފަށާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ޓްރަމްޕް އޮކްޓޯބަރު 27-29 އަށް ޖަޕާނަށް ކުރައްވާ ދަތުރުފުޅުގެ ކުރިންނެވެ. މި ދަތުރުފުޅުގައި އޭނާ އެމްޕަރަރ ނަރުހިޓޯ އަދި އަލަށް އިންތިޚާބުވެވަޑައިގެންނެވި ބޮޑުވަޒީރު ސަނާއެ ޓަކައިޗީއާ ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޓޯކިޔޯ މެޓްރޮޕޮލިޓަން ފުލުސް ޑިޕާޓްމަންޓުން 18،000 މުވައްޒަފުން މޮބިލައިޒްކޮށްފައިވާ ކަމަށް ކިޔޯޑޯ ނިއުސްއިން މި ހަފްތާގެ ކުރީކޮޅު ރިޕޯޓުކޮށްފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ޖަޕާނުގައި އިސް ސިޔާސީ ފަރާތްތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެވިފައިވެއެވެ. ކުރީގެ ބޮޑުވަޒީރު ޝިންޒޯ އާބޭ 2022 ގައި ގޭގައި އުފައްދާފައިވާ ބަޑިއަކުން މަރާލެވުނެވެ. އަދި 2023 ގައި އޭރުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާއަށް ބޮން ހަމަލާއެއް ދޭން މަސައްކަތްކުރެވުނެވެ.

ބަޑީގެ ބޭނުންކުރުމުގެ މައްޗަށް ހަރުކަށި ގަވާއިދުތަކެއް އޮތުމާއެކު، ވަޅި ހަމަލާތަކަކީ އާންމު ގޮތެއްގައި ދެވޭ އަނިޔާވެރި ހަމަލާތަކެވެ. ފާއިތުވި އަހަރުތަކުގައި ރޭލްވޭ ސްޓޭޝަންތަކާއި ޓްރޭނުތަކުގައި ގިނަ ވަޅި ހަމަލާތަކެއް ދެވިފައިވެއެވެ.

- ކޮމެންޓް