Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2025 | ހުކުރު 09:49
ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރް އަބްދުއްލަތީފް
ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރް އަބްދުއްލަތީފް
ރާއްޖެއެމްވީ
އެމްޑީޕީ
މި ސަރުކާރުން ދެ ލައްކަ ރުފިޔާ އަށް ކަޓު ނަގައިގެން، ކުށްވެރިންގެ ފައިގައި ޓެގް އަޅުވާކަމުގެ ތުހުމަތު!
ޖަލަށްލުމުން ފެނުނު ޒުވާނުންގެ ހާލަތާއި މެދު ޔާސިރު ކަންބޮޑުވުން ފާޅުކުރެއްވި
ޖަލުގައި ތިބި ޒުވާނުންގެ ވާހަކަތައް ކިޔާ ނުދެވޭ ކަމަށް ޔާސިރު ވިދާޅުވި
ކުށުގެ ވެށިން ނުކުންނަން ބޭނުންވި ނަމަވެސް އެ މަގު ނެތްކަމަށް ޒުވާނުން ބުނަމުންދާކަން ޔާސިރު ފާހަގަކުރި

އުސޫލާއި ޚިލާފަށް ކުށްވެރިން މޮނިޓަރ ކުރުމަށް ޓެގް އެޅުވުމުގެ މަސައްކަތް ކުރާ ކަމަށާއި ޓެގް ވިއްކަމުންދާ ކަމަށް ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ބައެއް ޒުވާނުން ފާހަގަކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އިން ހައްޔަރުކުރި މީހުންނާއި އެކު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ސުވާލާއި ޖަވާބު ސެޝަން އެއްގައި ވާހަކަދައްކަވަމުންނެވެ. ޔާސިރު އަކީ ވެސް އޮކްޓޯބަރ 3 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާ އިން ހައްޔަރު ކުރި އެކެކެވެ.

އޭނާ ދޫކޮށްލާފައި ވަނީ އެ މުޒާހަރާ އިން ހައްޔަރު ކުރި އިތުރު 5 މީހަކާއި އެކު އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހު އެވެ. ޔާސިރު ވިދާޅުވީ ޖަލަށް ލުމުން ފެނުނީ ޒުވާނުންގެ ހާލަތު ކަމަށާއި، ކުށުގެ ވެށީގައި ތިބި ޒުވާނުންނާއި މެދު ސަރުކާރުން އަމަލުކުރާ ގޮތް ވަރަށް ތަފްސީލްކޮށް އެ ޒުވާނުން އޭނާ އާއި ހިއްސާކޮށްފައިވާ ކަމަށެވެ.

ޒުވާނުން ކުށުގެ ވެށިން ނުކުންނަން ބޭނުންވި ނަމަވެސް އެ މަގު ނެތް ކަމަށް އެ ޒުވާނުން ބުނަމުންދާ ކަމަށް ޔާސިރު ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ނިޒާމުގެ ތެރެއިން ހިނގަމުންދާ ނުރަނގަޅު ކަންކަމުގެ ސަބަބުން ރަނގަޅުވާން އުނދަނގޫ ވާކަން ޔާސިރު ފާހަގަކުރެއްވިއެވެ. އަދި މިހާރު ދެ ލައްކަ ރުފިޔާ އަށް ކަޓު ނަގައިގެން ޓެގް ވިއްކާ ކަމަށް އެ ޒުވާނުން ބުނާ ކަމަށް ޔާސިރު ވިދާޅުވިއެވެ.

" ޒުވާނުން އެބަ ބުނޭ ޓެގް އަޅުވައިދޭނަމޭ ބުންޏޭ. މިހާރު ޓެގް ވިއްކަނީ އޭ. ދެ ލައްކަ ރުފިޔާ ކަޓުގެ ގޮތުގައި ދިނީމަ. ކިހިނެތް ހޭ ޓެގް އަޅުވައިގެން ތިމަންނަމެން ނުކުންނާނީ. ތިމަންނަމެން ބޭނުމޭ ޓެގް އަޅުވައިގެން ރަނގަޅުވާން." ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވި ގޮތުގައި އެއިން ކޮންމެ ޒުވާނެއްގެ ވާހަކަ އިން އެނގުނީ ރަނގަޅުވެގެން މުޖުތަމައު އަށް އަނބުރާ ނުކުންނަން ބޭނުންވާ ޒުވާނުންނަށް ވެސް އެ ފުރުސަތު ހޯދައިދިނުމުގައި ނުކުޅެދިފައިވާ މިންވަރެވެ. ހަމައެހެންމެ ދާދިފަހުން ފާސްކުރި ގޭންގް ޤާނޫނުގެ ދަށުން ބޮޑެތި ޙުކުމްތައް ޒުވާނުންނަށް އައުމަށް މަގުފަހިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އިހަށް ދުވަހު ފާސްކުރި ގޭންގް ޤާނޫނުގެ ދަށުން މި ޒުވާނުންނަށް އެބަ އާދޭ 15 އަހަރު 20 އަހަރުން ހުކުމް. އެކަމަކު މިއީ އަޅުގަނޑުމެން ވެސް މުޖުތަމައު އެއްގެ ހައިސިއްޔަތުން ފެއިލްވުމުން ކުށުގެ ވެއްޓަށް ދާން މަޖުބޫރު ވާ މީހުން. " ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވަނީ ރާއްޖޭގައި މިހާރު ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ހައްޔަރު ކުރާ މީހުންނާއި މެދު އަމަލުކުރަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ފާހަގަކުރައްވާފައެވެ. އަދި ޒުވާނުން ރަނގަޅުކޮށް އަނބުރާ މުޖުތަމައު އަށް އެ މީހުން ނެރުމުގައި ހަރުދަނާ މަސައްކަތްތަކެއް ކުރާ ހަމައެކަނި ސިޔާސީ ޕާޓީ އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް އެ ޒުވާނުން ވެސް ޤަބޫލުކުރާ ކަމަށް ޔާސިރު ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހުގެ ސުވާލާއި ޖަވާބު ސެޝަންގައި ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި މީހުން ވަނީ އެ މީހުންގެ ތަޖުރިބާ ހިއްސާކޮށްފައެވެ. އަދި ހިތްވަރު ދޫކޮށް ނުލާ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

- ކޮމެންޓް