ރާއްޖޭ އިން ބޭރުން ކުރިން ސަރުކާރުން ގެނެސްދޭ ބޭސް ގެނެސްދިނުމަށް އެދި ފޯމް ހުށަހެޅުމުން އަމިއްލަ އަށް ބޭސް ގެނައުމަށް އެންސްޕާ އިން އަންގަމުންދާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަން ފަށައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އާންމު މީހަކު ބުނީ ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސް ގެނައުމަށް ވިރަ ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުން އެސްޓީއޯ މެދުވެރިކޮށް އަބަދުވެސް ބޭސް ގެނެސްދޭ ކަމަށެވެ. ނަމަވެސް މިފަހުން އެސްޓީއޯ އިން ބޭސް ނުގެނެސްދެވޭނެ ކަމަށް އަންގަމުންދާ ކަމަށެވެ. އޭގެ ބަދަލުގައި އަމިއްލަ އަށް ނުވަތަ އެހެން ފާރމަސީ އަކާ ގުޅިގެން ބޭސް ގެނައުމަށްފަހު ބިލު ހުހަޅައިގެން އެންސްޕާއިން ފައިސާ ނެގުމަށް އެދެމުންދާ ކަމަށެވެ.
އޭނާ ބުނީ މިއީ ވަރަށް އުދަނގޫ ޕްރޮސެސްއެއް ކަމަށާއި، އިތުރަށް ބަލި މީހުން ނިކަމެތިވާނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޮޑު އަގުގައި ބޭސް ގަތުމަށް މަޖުބޫރުވެ، މިހާރު ވެސް ކަޅުބާޒާރުގައި އުފެދިފައިވާ ބޭހުގެ ވިޔަފާރި އިތުރަށް ފުޅާވާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން ނަފްސާނީ ބައްޔަށް ބޭސް ކުރާ މީހަކު ބުނީ، ބޭސް ހޯދުމަށް ފޯމް ހުށަހެޅިފަހުން ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ހަފްތާއެއްގެ ތެރޭގައި ބޭސް ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފައިވާ ކަމަށެވެ. ނަމަވެސް ބޭސް ނުލިބި ގިނަ ދުވަސްވާތީ އެތަނަށް ގުޅުމުން، ފައިސާ ދޭނީތޯ ނުވަތަ ބޭސް ގެނައުމާ މެދު އަދިވެސް ބޯޑުން މަޝްވަރާ ކުރަމުންދާކަމަށް އަންގާފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ރާއްޖެޓީވީ ގެ މޯނިންގ ޝޯވ "ފަށާއިރު" ގެ ތެރެއިން އެންސްޕާ އަށް ގުޅުމުން އެތަނުގެ މުވައްޒަފެއް ބުނީ، ބައެއް ކޭސްތަކުގައި އެގޮތަށް އަންގަމުންދާ ކަމަށެވެ. އެހެން ނަމަވެސް ބައެއް ކޭސްތަކުގައި ފައިސާ ދޭން ނިންމައި، އަނެއް ބައި ކޭސްތަކުގައި ބޭސް ގެނެސްދިނުމަށް ނިންމަނީ ކޮން އުސޫލަކުންތޯ ކުރި ސުވާލަށް ޖަވާބުދީފައިނުވެއެވެ.
ބައެއް ކޭސްތަކުގައި އެސްޓީއޯ މެދުވެރިކޮށް ބޭސް ދެއްވާނެ. އަނެއްބައި ކޭސްތަކުގައި އާސަންދަ މެދުވެރިކޮށް ދެން އަނެއް ބައި ކޭސްތަކުގައި ބޭސް ގަތުމަށް މިކޮޅަށް މާލީ އެހީތެރިކަން ދެއްވާނެ. އެންމެނަށް ފައިސާދޭ ގޮތަށް ނިންމާފައިނުވޭ. ބައެއް ކޭސްތަކުގައި އެސްޓީއޯއިން ބޭސް ދޭނެ.
އެންސްޕާގެ މުވައްޒަފެއް![]()
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އާސަންދަ ޚިދުމަތުގެ އިތުރުން ބޭސް ލިބުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެކަމުގެ ޝަކުވާ ރައްޔިތުން ކުރި ނަމަވެސް ސަރުކާރުން މިމައްސަލަ ހައްލު ކުރުމަށް މާ ބޮޑު މަސައްކަތެއް ނުކުރާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.