ވަގަށް ނެގި 13 މިލިއަން ސިނގިރެޓް މައްސަލައިގައި ހިމެނޭ ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު އާއި އަހުމަދު އާރިފް (އާއްޓޭ) ސިނގިރެޓް ވަގަށް ނެގުމުގައި އެކަން ރޭވުމާއި ފަންޑުކުރި ކަމަށް ތުހުމަތުކޮށްފިއެވެ.
13 މިލިއަން ސިނގިރޭޓް ވަގައް ނެގުމުގެ ހާދިސާ ހިނގާފައިވަނީ 26 އޭޕްރިލް 2025 ގައެވެ. މި މައްސަލަ ރަސްމީކޮށް ރިޕޯޓު ކޮށްފައި ވަނީ 9 އޮކްޓޯބަރު 2025 ގައެވެ. މި މައްސަލައާއި ގުޅިގެން 12 މީހެއްގެ މައްޗަށް ފުރުން މަނާ ކުރުމުގެ އަމުރެއް ނެރެ، މި އޮޕަރޭޝަނާ ގުޅުން ހުރި އެކި އުޅަނދުފަހަރާއި ތަންތަން ބަލައި ފާސްކޮށްފައިވެއެވެ.
އަދި މި މައްސަލައިގައި 4 މީހެއްގެ ވަނަވަރު ފުލުހުން ހާމަކުރި އިރު އޭގެ ތެރޭގައި ހިމެނެނީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު، ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް ގެ އިތުރުން މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ އަދި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލް އެވެ.
މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަހުމަދު އާރިފް އާއި ޒިވާރު އިސްމާއިލް 15 ދުވަހަށް އަދި މުހައްމަދު ވަހީދު 10 ދުވަހަށް އަދި މުއާޒު އަލީ 5 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ ތެރެއިން އާއްޓެ އަދި ވަހީދުގެ ބަންދު އަމުރުގައި ބުނެފައިވަނީ މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ގިނަބަޔަކު ބައިވެރިވެގެން އެމްޕީއެލްގެ ތެރޭގައި ހިފަހައްޓާފައި ހުރި ކޮންޓެއިނަރެއް ރާވައިގެން ގަވާއިދާ ހިލާފަށް ވަގަށް ބޭރުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އަދި މިކަން ރޭވުމާއި މި އަމަލު ހިންގުމަށް ފަންޑު ކުރިކަމަށް މި ދެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި އެބަހުރި ކަމަށެވެ. ދެމީހުންގެ ވެސް ބަންދު އަމުރުގައި ބުނެފައިވަނީ މައްސަލައިގެ އިންޓެލިޖެންސް ރިޕޯޓާއި އެ ރިޕޯޓަށް ބާރުދޭ ގޮތަށް ހުށަހެޅިފައި އޮތް ހެކީގެ ބަޔާނެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ފެންނާތީ ކަަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ މުއާޒު އަލީ ގެ ބަންދު އަމުރުގައި ބުނެފައިވަނީ މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ގިނަ ބަޔަކު ބައިވެރިވެގެން އެމްޕީއެލްގެ ތެރޭގައި ހިފަހައްޓާފައި ހުރި ކޮންޓެއިނަރެއް ރާވައިގެން ގަވާއިދާއި ހިލާފަށް ވަގަށް ބޭރުކޯށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި މިކަމުގައި އޭނާގެ ބައިވެރިވުން އޮތްކަމާއި، އަމަލީ ގޮތުން މިކަން ރާވައި ހިންގުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އަދި މި މައްސަލައިގައި ހިމެނޭ ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލް ގެ ބަންދު އަމުރުގައި ބުނެފައިވަނީ ސިނގިރޭޓް ކޮންޓެއިނަރު ވަގަށް ނެގުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ކަމަށާއި، އެކަމުގައި އޭނާ އަމަލީގޮތުން ރާވައި ހިންގުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
ޚަބަރު: ވަގަށް ނެގި 13 މިލިއަން ސިނގިރެޓް މައްސަލައިގައި ހިމެނޭ އެންމެންގެ ބަންދުގެ މުއްދަތު ޖަހައިފި https://t.co/m8F2a1sqIH
— raajje.mv (@raajjemv) October 15, 2025
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މިފްކޯގެ ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގައި ހުރިމުއާޒް އަލީ އަކީ އެހެން މައްސަލައެއްގައި ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެ ކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މީހެކެވެ.
ވަގައް ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ 1،360 ކޭސް (ގާާތްގަނޑަކަށް 13.6 މިލިއަން ސިނގިރޭޓް) އެވެ. މި އަދަދުގެ ސިނގިރޭޓުން ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އިން ލިބެން ޖެހޭނެ ކަމަށް ބެލެވެއެވެ.
މި މައްސަލައާއި ގުޅިގެން ޒިވާރު އިސްމާއިލް އާއި މުއާޒުގެ ސަސްޕެންޑް ކޮށްފައިވާއިރު، އެމްޕީއެލްގެ 6 މުވައްޒަފަކު ވަނީ ސަސްޕެންޑްކޮށްފައެވެ.